(23 އޯގަސްޓް 2018 އާ ގުޅޭ) -- "މި ބުނީނު ފޯނުން ދައްކާ ކަހަލަ ވާހަކައެއްނޫނޭ އެއީ، ނިމްރާ ބައްދަލުކުރަން ބޭނުންނުވާނޭކަން އަހަންނަށް އެނގޭ، އަޑުއަހަން ބޭނުންނޫނިއްޔާ ނަޔަސް އެންމެ ރަނގަޅު، އެ އިޚްތިޔާރު އެބައޮތް ނިމްރާއަށް" ކީފާ އެބުނާ ވާހަކަތަކެއް އަޑުއެހުމަކުން ވާނޭ ގެއްލުމެއްނޯންނާނޭކަމުގައި ނިމްރާއަށް ވިސްނުނެވެ.
"ކޮންތާކަށް ދާންވީ؟" އިރުކޮޅަކު އެއްޗެއް ނުބުނެ މަޑުކޮށްލުމަށްފަހު ނިމްރާ ބުނެލިއެވެ.
"މި މެސެޖުކުރަނީ" ކީފާ މިހެންބުނެ ފޯނުކޯލު ކަނޑާލީއެވެ.
ކީފާގެ ކޯލަށްފަހު ފޯނަށް ބަލަހައްޓައިގެން ނިމްރާއަށް އިނދެވުނީ ދެ ޚިޔާލެއްގައެވެ. ކީފާ ދައްކަން އެ އުޅެނީ ރަނގަޅުވާހަކައެއްނޫނޭ ނިމްރާގެ ހިތް ބުންޏެވެ. އެހެންނަމަވެސް އެ ވާހަކައެއް އަޑުއަހަން ވެސް އޭނާ ޝައުގުވެރިވެއްޖެއެވެ. ސަމާސާއަށް ކައިވެނިކުރާ ވާހަކައެއް އެކަކު ވެސް ނުދައްކާނެއެވެ. އަރްސަލްއަށް ޝައްކުކުރެވެން ނެތީ އެހެންވެއެވެ. ކިފާއާ ދެ މީހުންގެ ދެމެދުގައި އެކުވެރިކަންނޫން އިތުރު ގުޅުމެއް އޮތްނަމަ ނިމްރާއާ ކައިވެނިކުރަން ނިންމި ވާހަކައެއް އެންމެންގެ ކުރިމަތީ އަރްސަލް ހާމައެއް ނުކުރީހެވެ. އަރްސަލް ނޫނަސް އެހެން މީހަކު ވެސް އެފަދައިން ކަންތަކެއް ނުކުރާނެއެވެ.
"ނިމް... ނުދަންތަ؟" އަތްދަބަސް ހިފައިގެން މޭޒުކައިރީ ކޮޅަށް ހުރި އީވާ އަހާލިއެވެ.
"ހިނގާ ދަމާ... ބަލާ އަންނަން ގުޅީތަ؟" ސިކުނޑީގެ ނުތަނަވަސްކަން އެއްފަރާތްކޮށްލާ ނިމްރާ ވާހަކަދެއްކީ ހަމަޖެހިފައި ހުރެއެވެ. ނިމްރާ ވެސް މޭޒުމަތީ ބެހެއްޓި އަތްދަބަހުގެ ތެރެއަށް ފޯނު ލައިފައި ކޮޅަށް ތެދުވިއެވެ. އިވާއާ ދެ މީހުން އެކުގައި އޮފީސް ހުންނަ ބައިން ނުކުތެވެ. އެންމެން ބޭނުންކުރަން ހުންނަ އެލެވޭޓާއަށް އީވާ އެރުމުން ނިމްރާ ޖެހިލީ ޕްރައިވެޓް އެލެވޭޓާ ކައިރިއަށެވެ.
ޕެންޓްހައުސް އެޕާޓްމެންޓުގެ ތެރެއަށް ނިމްރާ ވަންއިރު ސިޓިންރޫމު ސޯފާގައި ޝިހާނާއާއި ހަލަފް ތިއްބެވެ. ޓީވީއިން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަން ތިބިއިރު އެއިން ކޮންމެ މީހެއްގެ އަތުގައި ލުއިކާނާ ޕެކެޓެއް އޮތެވެ. ހުސްކޮށްފައި ހުރި ބައެއް ޕެކެޓު ސޯފާތަކުގެ މެދަށް ވާގޮތަށް ހުރި ބިއްލޫރި ކޮފީ މޭޒުމަތީގައި ހުއްޓެވެ. ކޮފީބޮއެފައި ހުރި ޖޯޑުތައް ވެސް ކޮފީހުސްކުރި ގޮތަށް ބަހައްޓާފައި ހުއްޓެވެ.
"ރެޑް!... ޔޫ އާ ބެކް" ޓީވީގެ އަޑަށްވުރެ ބާރަށް ހަލަފް ހަޅޭލައިގަތެވެ.
"ކޮބާ ރާދުއާއި އަރްސަލް؟" ނިމްރާއަށް އެއްޗެއް ނުބުނެވެނީސް ޝިހާނާ އެހިއެވެ.
"މިތިބަ ދެ މީހުން ދޯ... ތި ޓީވީ ތަންކޮޅެއް އަޑުމަޑުކޮށްބަލަ، ރާދުމެން ނާދޭތަ އަދި" ހަލަފްއާ ދިމާއަށް ތަންކޮޅެއް ބާރަށް އެއްޗެކޭ ބުނުމަށްފަހު ނިމްރާ ދެން ވާހަކަދެއްކީ ޝިހާނާއާއެވެ.
"އިރުކޮޅަކުން އަތުވެދާނެކަންނޭނގެ... އަންނާނަން ފްރެޝްވެލައިގެން" ޝިހާނާ ބުނި އެއްޗަކަށް ޖަވާބު ދިނުމަށްފަހު ނިމްރާ ބުނެލިއެވެ. އަދި އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.
ހެދުން ބަދަލުކޮށްނިމިގެން ފާޚާނާއަށް ވަންނަން ނިމްރާ ދިޔައީ ދަބަހުގައި އޮތް ފޯނު ހިފައިގެން އެއަށް ބަލަމުންނެވެ. ކީފާ ފޮނުވާފައި އޮތް މެސެޖު ހުޅުވާލުމާއެކު ކޮފީއަކަށް އަރާނީ ކަމަށްބުނެ ކެފޭއެއްގެ ނަން ފޮނުވާފައި އޮތެވެ. އަދި ރޭގަނޑު ހަތްގަޑިބަޔަށް އަންނަން ބުނެފައި އޮތެވެ.
"އަރްސަލް ގާތު ބުނަންވީތަ؟ އެކަމަކު އޭރުން ހިޔެއްނުވޭ ކީފާ އެ ވާހަކައެއް ބުނާނޭހެން، އޭނާ ބޭނުންވަނީ އަހަންނާ އެކަނި ބައްދަލުކުރަން، އޯކޭތާ... އޭނާ ދޭ ޚަބަރަށްވުރެ އަހަރެން ދޭ ޚަބަރުން އޭނާ މާބޮޑަށް ސިހޭނެކަން ޔަގީން، ކީފާއަކަށް ނޭނގޭނެ އަރްސަލް އަހަންނާ އިންނަން އުޅޭކަމެއް" ފެންވަރަން ހުރިއިރު ނިމްރާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.
އެޑިޑަސް ޖަހާފައިވާ ނޫކުލައިގެ ޓައިޓަކާއި ހުދާއި ރީނދޫކުލަ އެކުވެފައި ހުރި ދޫ ޓީޝާޓެއްގައި ނިމްރާ ކޮޓަރިން ނުކުމެގެން އައެވެ. ސިޓިންރޫމުގައި އިހުނަށްވުރެ އަޑުފަށްގަނޑު ގަދައެވެ. އަރްސަލްއާއި ރާދިން އައީކަން ނިމްރާއަށް އެނގުނީ އެހެންވެއެވެ. ނިމްރާ ފެނުމާއެކު ސޯފާގައި އިން އަރްސަލް އެއްލޯމަރާލިއެވެ. ވަގުތުން ނިމްރާއަށް ހިނިތުންވެވުނެވެ. އަރްސަލްދެކެ ވާ ލޯބީގައި ތަފާތު ބާރެއްވާ ކަހަލައެވެ. ހިތުގައި އެއްވެސް ކިލަނބުކަމެއް މިހާރަކުނެތެވެ. އަރްސަލްގެ އިޝާރާތަށް ނިމްރާ އައިސް އޭނާގެ ގާތުގައި ސޯފާގައި އިށީނެވެ.
ހީނސަމާސާ ކުރުމުގެ މާޙައުލެއްގައި އެންމެން އެކުގައި ސައިބުޔެވެ. ކީފާއާ ބައްދަލުކުރަން ދާން އޮތްކަން އަރްސަލްގެ ގާތުގައި ނިމްރާ ނުބުންޏެވެ. އިރުއޮއްސުނު ފަހުން އެންމެން ގެއަށް ދާން ނުކުންނަން އުޅުނު ވަގުތު އަރްސަލް އުޅުނީ ނިމްރާގެ ގާތުގައި މަޑުކުރާށެވެ. އެހެންނަމަވެސް ރާދިން އެ ފުރުޞަތެއް އޭނާއަކަށް ނުދިނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އެ މީހުންނާއެކު އަރްސަލް ގެންދިޔައީއެވެ. އެކަންވީ ނިމްރާއަށް ބަހަނާއެއް އަރްސަލްއަށް ނުދައްކާ ކީފާއާ ބައްދަލުކުރަން ދާން ލިބުނު ފުރުޞަތަކަށެވެ.
* * * * *
އުސް އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާއާއި ޓެރެސްއާއެކު ހަދާފައިވާ ކެފޭގެ މައިދޮރުން ނިމްރާ ވަދެގެން އައިތަން މޭޒެއްގެ ދޮށުގައި އިން ކީފާއަށް ފެނުނެވެ. އޮލިވްކުލައިގެ ދޫ ގަމީސް، ލައިގެން ހުރި ޖީންސުގެ ކުރިމަތިން އެއްފަރާތަށް ބެގީ ޖަހާލައިފައި ހުރިއިރު ކޮނޑުގައި ދިގު ވާގަނޑުލީ ދަބަހެއް އަޅުވާފައި ނިމްރާ ހުއްޓެވެ. އޭނާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ކީފާ ނަޒަރު ހިންގާލުމަށްފަހު އަތުން ހަނާ އަޅާލީ ހިނިތުންވަމުންނެވެ.
"ގޯޑް!... ސީރިއަސްލީ... ވައި ޑިޑް ހާ ގްރިން ފީލް ސޯ ކްރީޕީ، ވަޓް ވޯސް ޝީ އަޕްޓު ދިސް ޓައިމް... ކީފާ ޕްލީޒް، އަރްސަލް އޭ ނުކިޔާތި" ކީފާގެ ގާތަށް އައިއިރު ނިމްރާގެ ސިކުނޑީގައި ވިއެވެ.
"ކޯޗެއް ގެންނަނީ؟" މޮޖީޓޯއެއް ގެނެސްގެން ބޯން އިން ކީފާ އަހާލީ މޭޒު ދޮށުގައި އިށީން ނިމްރާގެ ގާތުގައެވެ.
"އެއްވެސް އެއްޗެއް ބޭނުމެއްނޫން، ކީފާ!... ޔޫ ނޯ އައި އޭމް ނޮޓް ހިއާ ޓު މޭކް ސްމޯލް ޓޯކްސް" ނިމްރާ ތެދަށް ބުނެލިއެވެ. އެއާއެކު އިވުނީ ކީފާގެ ލުއި ހީނލުމެއްގެ އަޑެވެ. އެކަމަށް ނިމްރާ ސަމާލުކަމެއް ނުދިނެއް ކަމަކު އެ ހުނުމުން ނިމްރާގެ ހިތް އަވަސްވާގޮތްވިއެވެ. އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން ކައްޓެއްހެން ގޮނޑީގައި ނިމްރާ އިންއިރު ހީވަނީ ކީފާގެ ދުލުން ބޭރުވާނޭ ބަސްތަކަށް ކުރީސުރެ ތައްޔާރުވެގެން އިން ހެނެވެ.
"އެނގޭ ދޯ އަރްސަލްއާއި އަހަންނާ ދެ މީހުން ވަރަށް ކުރީއްސުރެ އެކަކުއަނެކަކު ދަންނަކަން، އޭނާ އަހަންނަށް ހުރިހާ ހަޤީޤަތެއް ކިޔައިދީފި" މޭޒާއި އިހުނަށްވުރެ ގޮނޑި ކައިރިކޮށްލާފައި މޭޒުގައި ދެއަތް އަޅުވައިލައިގެން އިނދެ ކީފާ ވާހަކަދެއްކިއެވެ. ނިމްރާ އޭނާގެ ވާހަކައަށް އެއްވެސް އެއްޗެއް ނުބުންޏެވެ. ނިމްރާއަށް ނަޒަރު ސީދާކޮށްލައިގެން އިރުކޮޅަކު އިނދެފައި ކީފާ ވާހަކަކުރިއަށް ގެންދިޔައެވެ.
"ފްރޮމް ވަޓް އައި ހާޑް، ޔޫ ވާ ނޮޓް އަ ވާޖިން" ކީފާ ބުނި ޖުމްލަ ހީވީ ރުވާފައި އަމާޒަށް ދޫކޮށްލި ތީރެއްހެންނެވެ. ކިތަންމެ ތައްޔާރުވެގެން އިން ނަމަވެސް ނިމްރާއަށް ހިންދިރުވާލެވުނީ ކަންބޮޑުވުމާއެކުއެވެ. އެއްޗެއް ބުނަން އަނގަހުޅުވާލާފައި ނިމްރާ އިސްޖަހާލިއެވެ.
"ވަޓް ޑަސް އިޓް ހޭވް ޓު ޑޫ ވިތް ޔޫ؟" ވިސްނާލާފައި ނިމްރާ ވާހަކަދެއްކިއެވެ.
"އިޓް ޑަޒަންޓް ހޭވް ޓު ޑޫ ވިތް މީ ބަޓް އިޓް ހޭސް ޓު ޑޫ ވިތް އަރްސަލް" ކުޑަ ހީނލުމަކާއެކު ކީފާ ބުނެލިއެވެ. އެހިނދު ހައިރާންކަން ނިމްރާގެ މޫނުން ފާޅުވެގެންދިޔައެވެ. ކީފާއަށް އެ އަސަރުތައް ނިމްރާގެ މޫނުން ސާފުކޮށް ފެނުނެވެ.
"އަރްސަލް އަހަންނާ ކައިވެނިކުރަން އުޅެނީ، އޭނާގެ ފެމެލީ މީހުން ކުރިމަތީ އެކަން އިޢުލާން ކުރީ" ނިމްރާ އަވަސްއަވަހަށް ބުނެލި ގޮތުން ހީވީ ކީފާގެ ދޫބަންދުކޮށްލަން އޭނާ ބޭނުންވީ ހެނެވެ.
"އޯ!... ކައިވެނިކުރާ ވާހަކަ ބުނެލީ ދޯ... ޕްލޭންއާ އެއްގޮތަށް އެހެންވީމަ އެ ދަނީ" ވިސްނާލާފަދަ ގޮތަކަށް ބޯޖަހާލާފައި ކީފާ ބުންޏެވެ. އިތުރު ހައިރާންކަމެއް ނިމްރާއަށް ލިބިގެންދިޔައެވެ.
"ވަޓް!..." ކީފާ ބުނި އެއްޗަކުން ނިމްރާ މިފަހަރު ބަސްހުއްޓުނީއެވެ.
"ޑޫ ޔޫ ރިއަލީ ތިންކް ހީ ވިލް މެރީ ޔޫ... ލޫންގެ ގާތިލަކީ ތި ނިމްރާއަށްވީއިރު ޑޫ ޔޫ ރިއަލީ ތިންކް އަރްސަލް ވިލް މެރީ ޔޫ، އޭނާ ހުރީ މޮޔަވެފައެއްނޫނޭ އެވަރުގެ ކަމެއްކުރާކަށް، އޭނާ ބުނަމުން އައީ ކީކޭ؟... އޭނާގެ އަނބިމީހާއާއި ދަރިފުޅުގެ މަރުގެ ބަދަލު ހިފާނަމޭ، ނިމްރާއަށް ފުރަތަމަ އަރްސަލްގެ ދިރިއުޅުމުން ފުރުޞަތު ލިބުނީ ވެސް އޭނާ އެ ފުރުޞަތު ދިނީމަ، ދުވަހަކުވެސް މީހަކު ބަދަލުނުހިފާނޭ ގޮތަކަށް އަރްސަލް ބަދަލުހިފަން ގަސްދުކުރީ، ހަޤީޤަތަކީ ކަލެއާ ކައިވެނިކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ނެތްކަން" ކީފާ ބުނެލިއެވެ. ކީފާގެ ވާހަކަތަކުން އަސަރެއް ނުކުރާ ކަމަށް ހެދެން ނިމްރާ ބޭނުންވިޔަސް އޭނާއަށް ކާމިޔާބެއް ނުވިއެވެ. ދެއަތްތިލައިން ލޮނުދާހިތްލަމުން ދިޔަ ވަރަކަށް ލައިގެން އިން ޖިންސުގައި ދެއަތްތިލަ ނިމްރާ ފުހެލައެވެ. ހަމައެއާއެކު އެއްފަހަރަށްވުރެ އަނެއްފަހަރު އޭނާގެ ވިސްނުމުގެ ބާރު ދެރަވަމުން ދާހެން ނިމްރާއަށް ހީވިއެވެ. އެހެންވިޔަސް ހިތްވަރު ދޫކޮށްލާކަށް ނިމްރާ ބޭނުމެއްނޫނެވެ.
"ނޫން!... ތީ ހުސް ދޮގު، އަރްސަލްއަކީ އެކަހަލަ މީހެއްނޫން، ތީ ކަލޭ ހަދަހަދައިގެން ދައްކާ ވާހަކަތަކެއް" ދެފަރާތަށް ބޯހޫރުވާލުމާއެކު ނިމްރާ ބުނެލިއެވެ. ކީފާގެ މޫނުމަތިން ފެންނަނީ މަލާމާތުގެ ހިނިތުންވުމަކާއި ބެލުމެކެވެ. ނިމްރާ ނަޒަރު ތިރިކޮށްލީ އެހެންވެއެވެ.
"ޔޫ ރިއަލީ އާ ސަޗް އަ ނައީވް ރެޗް" ކީފާ ގޮނޑީގައި ލެނގިލައި އެއްފައި މައްޗަށް އަނެއްފައި އަރުވާލައި ދެއަތް އުރާލިއެވެ. އޭނާގެ ވާހަކަދެއްކުމުގައިވަނީ ޔަގީންކަމެވެ. މޫނާއި ކޮންމެ ހަރަކާތެއްގައި ވެސް ޖެހިލުންވުމެއްނެތެވެ. ނަމަވެސް ނިމްރާ ހީވަނީ ފަހަރަކަށްވުރެ ފަހަރެއް ކިފާގެ ކުރިމަތީ އޭނާ ކުޑަވަމުން އައިހެނެވެ. އިހު ސީދާކޮށްލައިގެން އިން ހަށިގަނޑު މިހާރު ފެންނަނީ ގޮނިކޮށްލައިގެން އިންތަނެވެ. ކީފާއާ ނަޒަރު ވެސް ސީދާކޮށްލަން ނުކެރިފައި އިން ފަދައެވެ.
"މީހުން ކިޔާނޭ އެއްޗިއްސަ ވެސް އަރްސަލް ވިސްނާ، އެހެންވެ އޭނާ ގަސްދުކުރަނީ ތީ ދުވަސްކޮޅެއްގެ ކަމަކަށް ހަދަން، އަރްސަލް ބޭނުންވަނީ ލޯބީގެ ކުޅިގަނޑެއް ކަލެއާއެކު ކުޅެލަން.... ނިމްރާ ނައުފަލް، ގ.ރަންދޯދި... އުމުރު ތޭވީސް، އައި ޑޫ އެގްރީ... އަރްސަލް ކަލޭގެ މައްޗަށް ހިސާބަކަށް ހަމްދަރުދީ ފާޅުކުރިކަން، ކަލޭގެ ގޭގަ ހޮޓެލްއެއް އަޅައި އެތަނުން ޕެންޓްހައުސްއެއް ދީ، ހޮޓެލުން ވަޒީފާ ހަމަޖައްސައިދީ ހެދީ އޭނާގެ ވެސް ބޭނުމެއް އޮތީމަ، އެހެންމީހުން ބޭނުން ހިފާފައި ހުރި އެއްޗަކުން ބޭނުންކޮށްލުމަކީ އޭގެ އާކަން ކެނޑޭނޭކަމެއްނޫނެއްނު... ވަރަށް އަވަހަށް އަރްސަލް ކަލޭ ލައްވާ ލިޔުމެއްގައި ސޮއި ވެސް ކުރުވާނެ، އޭގައި އޮތް އެއްޗެއް ބުނަންތަ؟... ޕެންޓްހައުސްއަކީ ކަލޭގެ ވަގުތީ ހިޔާވެއްސަކަށް ހެދުން، އޭނާގެ ބަދަލުހިފުން ފުރިހަމަވީމައި، ހީ ވުޑް ޑަމްޕް ޔޫ ލައިކް އަ ގާބޭޖް" ކީފާ އަޑުގައި ހުރި މަލާމާތުގެ ރާގުން ނިމްރާގެ ކެތްތެރިކަން އިމްތިހާނު ކުރަމުން ދިޔަ ކަހަލައެވެ. އެ ހުރިހާ ވާހަކައެއް ތަޙައްމަލުކުރުން ނިމްރާއަށް ކުޅަދާނަކަމަށް ނުވިއެވެ. ދަތްތަކަށް ބާރުލެވުމާއެކު ނިމްރާ ދެތުންފަތް ބައްދައި ބާރުކޮށްލިއެވެ.
"އަމިއްލަ ޚިޔާލީ ދުނިޔެއަށް ގެއްލިފައިތަ އަދިވެސް ތި އިނީ... ހަޤީޤަތާ ކުރިމަތިލާނޭ ހިތްވަރެއްނެތް ދޯ، އެކަމަކު ބުނަން... ކިތަންމެ ބޭނުން ވިޔަސް ތި ބޭނުންވާ ކަންތައްތަކަކީ ހަމައެކަނި ހުވަފަނެއްގައި ނޫނީ ފުރިހަމަނުވާނޭ ކަންކަން" ކީފާ އެހެންބުނެލުމާއެކު ނިމްރާއަށް އޭނާގެ އަތްތިލަ ދައްކާލިއެވެ. ނަގައިންނަންވީ ކޮންކަމެއްކަން ނޭނގިފައި ނިމްރާ އެއްޗެއް ނުބުނެ އިނީއެވެ. އެއާއެކު އަނެއްކާ ވެސް ވާހަކަދެއްކީ ކީފާއެވެ.
"އަރްސަލް ހަމައެކަނި ބުނެލި ބުނެލުމެއް އެއީ ކައިވެނި ކުރަނީއޭ... ހަޤީޤަތަކީ އަހަންނާއި އަރްސަލް އިންނަން އުޅޭކަން، ހީ ޕްރޮޕޯޒްޑް މީ ވިތް ދިސް ރިންގް، ސްޓޯންހާޓްއިން ހެއްދި ރިންގެއްމީ، މި އަނގޮއްޓީގެ ފޮޓޯ އަރްސަލްގެ ފޯނުގައި ވެސް ހުންނާނެ، ބޭނުމިއްޔާ ބަލަންވީ އޭނާގެ ފޯނު، އަހަންނާއި އަރްސަލް ބަރާބަރަށް ބައްދަލުކުރޭ، މީ ކުއްލިއަކަށްވީ ކަމެއްނޫން، އެއްމަސް ފަހުން އަހަރެމެން ކައިވެނި ކުރާނަން، އެއީ ކަލޭގެ ކިބައިން ސަލާމަތްވާން އޭނާ ކަނޑައަޅާފައި އޮތް މުއްދަތު، އާ ޔޫ ސަޕްރައިޒްޑް... ވިތް ދިސް ރިންގް އެވްރިތިންގް ބިކަމް އޮފީޝަލް ބިޓްވީން ދި ޓޫ އޮފް އަސް، އަރްސަލް މިއިން އެއްވެސް ކަމެއް އަންގަން ބޭނުންނުވިޔަސް އަހަރެން މަޑުކުރީ މި ދުވަސް އަންނަންދެން، އަހަރެމެންގެ ގުޅުން މިފަދަ ގޮތަކަށް އޮފިޝަލް ވަންދެން، އައި އޭމް އެންގޭޖްޑް ވިތް އަ ރިންގް ވައިލް ޔޯ އެންގޭޖްމެންޓް އިޒް އަ ފޭކް އެންޑް ވިތައުޓް އަ ރިންގް، އަރްސަލްއަށް އަނގޮއްޓިއެއް ދޭން ނުލިބި ހުންނާނޭހެން ހީވޭތަ؟ ޕީޕަލް ޑޯންޓް ރެސްޕެކްޓް ތިންގްސް ވެން ދޭ އާ ހޭންޑެޑް ޓު ދެމް" ކީފާ ކަށިއިނގިލީގައި އިން އަނގޮއްޓި ރަނގަޅުކޮށްލަމުން އެ އަނގޮއްޓިއަށް ބަލަން އިނދެ ނިކަން ފުޅާ ހިނިތުންވުމެއް ދިނެވެ.
އަރްސަލްއާއި ނިމްރާއާ ދެމެދު ސިއްރުކުރަން ޖެހޭ ފަދަ ކަންކަން ވެސް ކީފާއާ ޚިއްޞާކުރީކަމުގައި ނިމްރާއަށް ޤަބޫލުކުރެވުނެވެ. ހިތްވަރު އެލުނީ އެހެންވެއެވެ. ނިމްރާގެ ހަޤީޤަތް އަރްސަލްއަށް ނޭނގިއެއް ނޯންނާނެއެވެ. އޭނާގެ ހަޔާތަށް މިޢުވާނުއައިކަން އަރްސަލްއަށް އޮތީ އެނގިފައެވެ. ހިތާހިތާ ނިމްރާއަށް ދުޢާކޮށްލެވުނީ އޭނާގެ ކެތްތެރިކަން ކީފާގެ ކުރިމަތީ ގެއްލިގެން ނުދިއުމަށެވެ. ކީފާގެ ކުރިމަތީ ބަލިކަށިވެ ރޯކަށް ނިމްރާ ބޭނުމެއްނޫނެވެ.
"އަރްސަލްގެ ދުލުން އެފަދަ ވާހަކަތަކެއް ދައްކަފާނޭ ހިޔެއްނުކުރަން، އެކަމަކު ނުދައްކާނެއޭ ބުނެވޭކަށް ވެސް ނެތް، އަދިވެސް އަހަންނަށް ނަފުރަތުކުރާކަން އެނގިއްޖެ، ކީފާއެއް ކަމަކު އެބުނީ ތެދެއް، ލޫންގެ ގާތިލަކީ އަހަރެން... އަރްސަލްއަށް އަހަރެންދެކެ ލޯތްބެއް ނުވެވުނު... ކިތަންމެ ގާތް ގުޅުމެއް އޮތަސް އެގުޅުމަށް ލޯތްބޭ ބުނާނޭ ފުރުޞަތެއް އަރްސަލް ނުދޭ، އަރްސަލް ވާހަކަދައްކަނީ ކޮންކޮން ބަޔަކާކަމެއް، އެ މީހުންނާއެކު ދާތަނެއް ކުރާކަމެއް އަހަރެން ގާތުގައި ނުބުނޭ، ކީފާއާއެކު ވެސް ކިތައް ކޮފީއަށް ދިޔައީ... އެ ފޮޓޯތައް ހުރިއިރު... އަރްސަލް އެއްފަހަރު ވެސް ނުބުނޭ ކީފާއާ ދިމާވިއޭ ވެސް، އަރްސަލްގެ ތި ބަދަލުހިފުން ފުރިހަމަވާނީ އަހަރެންގެ ފުރާނައިން ލޫންގެ ފުރާނައިގެ އަގު އަދާކުރީމަތަ؟ އޭރުން އަރްސަލްގެ ހިތުގައި ތިވާ ނަފުރަތު ފިލައިދާނެތަ؟ އޯ ގޯޑް!... އޯ!... ވައި ހެޑްންޓް އައި ލާން އަބައުޓް ދިސް ސިންސް ދި ބިގްނިންގް؟ ވައި؟... ވައި ހީ ޑިޑްންޓް ޖަސްޓް ޓެލް މީ؟ ހީ ނެވާ ރެސްޕެކްޓެޑް މީ... ނެވާ އީވަން ލަވްޑް މީ... މައި... ސްޓުޕިޑް ސްޓުޕިޑް ހާޓް... ދިސް ވޯޒް އަ ބިގް މިސްޓޭކް، ނޫންތަ؟... ހީ ހެޑް ބީން ހޭޓިން މީ... ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ނަފުރަތު ލޯތްބަށް ބަދަލުވެދާނޭ ހީކުރެވުނީ ކީއްވެތަ؟... ކީފާ ބުނިހެން މި ނުބައި ހުވަފެނުން ހޭލަންވީ، ހަޤީޤަތަށް ލޯ ހުޅުވަންވީ" ހިތްކުދިކުދިވެގެންދިޔަ އިޙްސާސާއެކު ނިމްރާއަށް އިސްއޮބައިލެވުނީ ދެ ލޯ ތަގުޅިކުރަމުންނެވެ. އުނގުގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލަ ބާރުކޮށްލައި ނެތްހިތްވަރު ނެރެން ނިމްރާ މަސައްކަތް ކުރިއެވެ. ލޮލުން އެންމެ ކަރުނަތިއްކެއް ވެސް ވައްޓާނުލާ ނިމްރާ ހަމަޖެހެން މަސައްކަތްކުރިއެވެ.
"ޔޫ ކޭން ހޭވް ހިމް އޯލް ޔޫ ވޯންޓް ކީފާ، ޔެސް! ޔޫ ކޭން ހޭވް ހިމް... ވަން ހަންޑްރެޑްއެންޑްވަން ޕަސަންޓް، އައި ޑޯންޓް ގިވް އަ ޑޭމް" ވާހަކަދައްކާނޭ ހިތްވަރު ލިބުމުން ނިމްރާ ބުނެލީ ރިހުން އެކުލެވިފައިވާ ހިތަކާއެކުއެވެ. އަދި އެންމެ ހިނދުކޮޅެއް ވެސް މަޑުކުރުމެއްނެތި އޭނާ ތެދުވެގެން ހަލުވިކޮށް ގޮސް ކެފޭއިން ނުކުމެއްޖެއެވެ.
"ޖަސްޓް ވެން އައި ތޯޓް ދެޓް އައި ވުޑް ސްޓާޓް ޓު ބިލީވް އިން ލަވް ވަންސް މޯ، އައި ވުޑް ބީ ޝެޓާޑް އަގައިން ޖަސްޓް ލައިކް ދިސް... ވެން އޭމް އައި އެވާ ގޮއިން ޓު ލާން މައި ލެސަން" މަގުމައްޗަށް ނުކުމެވުނުއިރު ނިމްރާގެ ލޮލުން ކަރުނަތިކި އޭގެ މަޤާމު ދޫކޮށް ކޯތާފަތުން ތިރިއަށް ރޮނގެއްހެން ފައިބައިގެން ހިނގައްޖެއެވެ. އަރްސަލްއަށް ޓަކައި ދެން ދުވަހަކުވެސް ކަރުނަ ނާޅާނަން ކަމުގައި އަމިއްލަ ނަފްސަށް ވީ ވަޢުދުގެ މަތިން ނިމްރާއަށް ހަނދާންވިއެވެ. އެހެންނަމަވެސް އެ ވަޢުދުގެ މަތީ ދެމި ނުހުރެވޭނެކަން ނިމްރާގެ ލޮލުން ވެއްޓުނު ކަރުނަތިކި ސާބިތުކޮށްދީފިއެވެ.
* * * * *
ރޭގަނޑު އެގާރަ ޖަހަނިކޮށް ސްކާލެޓް ގޮމަ ހޮޓެލްއަށް އަރްސަލް އައީ ނިމްރާ ދުށުމަށެވެ. އޭނާ ނިދަން ގެއަށް ދިއުމުގެ ކުރީން ނިމްރާއާ ބައްދަލުކޮށްލާފައި ދާން ބޭނުންވެގެންނެވެ. ޕެންޓްހައުސްއަށް ވަނުމަށް ޓަކައި ލޮކްކޯޑު އަރްސަލް ޖަހާލީ ނިކަން ހިނިއައިސްފައި ހުރެއެވެ. އެތެރެއަށް ވަންއިރު އެޕާޓްމެންޓް ތެރެ ދިއްލާފައި ހުއްޓެއްކަމަކު ވެރިވެފައި އޮތީ ފުން ހިމޭންކަމެވެ.
"ނިދީތަ؟" ނިމްރާގެ ކޮޓަރި ބަލަން ސިޑިން އަރަމުން ދިޔަ އަރްސަލް މަޑުމަޑުން ބުނެލިއެވެ.
ނިމްރާގެ ކޮޓަރީގެ ދޮރު އަރްސަލް ކަހާލީ ވަރަށް މަޑުމަޑުންނެވެ. ކޮޓަރީގައި އެއްވެސް އަލިކަމެއްނެތެވެ. އެހެންވެ ޖީބުގައި އޮތް ފޯނު ނަގައި ފޯނުން އަލިކުރަމުން ކޮޓަރިއަށް އަރްސަލް ވަނެވެ. އެނދަށް އަލިއަޅުވާލި ހިނދު ރީތިކޮށްފައި އޮތް ތަންމަތީގައި މީހަކު ނެތްކަން އަރްސަލްއަށް ޔަގީންވިއެވެ. އަވަސްއަވަހަށް އެނދުގެ އަރިމަތީ މޭޒުގައި ހުރި ބޮކި ދިއްލިއެވެ.
"ސްކާލެޓް" އަރްސަލް ގޮވާލިއެވެ. އަދި އައިސް ފާޚާނާ ބެލިއެވެ. ހެދުންތައް ހުންނަ ބައި ވެސް އަރްސަލް ބެލިއެވެ. އަރްސަލް ކަންބޮޑުވިއެވެ. ވަގުތުން ނިމްރާއަށް ގުޅިއެވެ. އެޕާޓްމެންޓުގައި ނިމްރާ ނެތްކަން އަރްސަލްއަށް ޔަގީންވިއެވެ. އޭނާ ގާތު ބުނެވެސް ނުލާ ނިމްރާ ދިޔަތަނަކާމެދު އަރްސަލް ސުވާލު އުފެދުނެވެ. (ނުނިމޭ)