ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ތެރެއިން ނުހަމަ ގޮތުގައި ގެއްލިފައިވާ ދައުލަތުގެ ފައިސާތަށް އަނބުރާ މާލިއްޔަތަށް ހޯދާ އެ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ހަރަދު ކުރުމަށް އެ ޕާޓީއިން ބައިވެރިވާ ސަރުކާރެއްގައި މަސައްކަތް ކުރުމަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި އެވެ.
އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ހުށަހެޅި އެ ގަރާރު ފާސްކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލިހުން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރުގައި ބުނެފައިވަނީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރާނެ ކަންކަމުގެ ތެރޭގައި ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ގެއްލިފައިވާ ދައުލަތުގެ ފައިސާއާއި، މުދާ، ހޯދުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުން ހިމެނޭ ކަމަށެވެ.
އެ ގަރާރުގައި ބުނެފައި ވަނީ، ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ހުރި ދައުލަތުގެ ގެއްލިފައިވާ މުދާ ބަންޑާރަނައިބު މެދުވެރިކޮށް، ދައުލަތަށް އަލުން ހޯދަން އެމްޑީޕީ އިން ބާރު އަޅާނެ ކަމަށެވެ. އަލަށް އުފެދޭ ސަރުކާރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުއަށް އެކަމުގައި ފަންނީ ގޮތުން އެހީތެރިވެދޭނެ ތަޖުރިބާކާރު ފަރާތްތަށް ހޯދައި އެކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އެމްޑީޕީގެ ޗެއާޕާސަންއާއި ހަވާލުކުރުމަށް ވެސް ގަރާރުގައިވެ އެވެ. އެގޮތުން ހޯދޭ ފައިސާއާއި މުދާ ރައްޔިތުންގެ ލާބައާއި މަންފާއަށް ބޭނުން ކުރުމަށް އިބުރާހިމް މުހައްމަދު ސޯލިހު އަށް އިލްތިމާސް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލިސް އިގުރާރުވާކަމަށް ވެސް ގަރާރުގައިވެ އެވެ.
އެ ގަރާރަށް ތާއިދުކޮށް، އެމްޑީޕީގެ ގައުމީ މަޖިލިހުގެ ގިނަ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ. އެ ގަރާރަށް ތާއިދުކޮށް ވާހަކަފުޅު ދައްކަވަމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، އެ ގާރަށް ފުރިހަމަޔަށް ތާއިދު ކުރައްވާ ކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގެ ވެރިކަމެއްގައި ފުރަތަަމަ ދުވަހު ކުރާނެ، ތިން ކަމެއް ވައުދުގެ ގޮތުގައި މިހާރުވެސް އިއުލާން ކުރައްވާފައިވާނެ ކަމަށެވެ،
އެގޮތުން ނުހައްގުން އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދަދިނުމާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމުގެ އިތުރުން، ގޮތްނޭގޭ މަރުތަކުގެ ހަގީގަތް ހޯދައި އެ ކަންކަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.