ހަބަރު

ރައީސް ޔާމީންއަށް ވެރިކަން ލިބުމަކީ މައުމޫން ބޭނުންފުޅުވި ގޮތެއް ނޫން: އަދުރޭ

Aug 26, 2018
13

ޕީޕީއެމް ވުޖޫދަށް އައި ދުވަހުން ފެށިގެންވެސް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް، ރައީސް އަބުދުﷲ ޔާމީން ވެރިކަމަށް ގެންނަން ބޭނުންނުވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނާއެކު ތ. ގުރައިދޫއަށް ވަޑައިގެން، އެރަށުގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، ޕީޕީއެމް އުފެއްދުމަށް ކުރެއްވި ހުރިހާ ކަމެއް ކުރެއްވީ ރާއީސް ޔާމީން ކަމަށެވެ. އަދި ސަރުކާރެއްނެތި، ފައިސާއާ ވަސީލަތްތައްނެތި މަދު ބަޔަކާއެކު ޕީޕީއެމް މިއަދު ބޮޑު ޕާޓީއަކަށް ހައްދަވައިދެއްވީ ރައީސް ޔާމީން ކަމަށާއި ރައީސް ޔާމީން ޕީޕީއެމުން ވެރިކަމަށް ނިކުމެވަޑައިގެންނެވުމުން އެއްވެސް އެއްޗެއް ވިދާޅުވެވޭނެ މީހަކު ނުހުންނާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"މިއީކީ މިއަދު ފެށިގެން އުޅޭ ކަމެއް ނޫން، މި ޕާޓީ [ޕީޕީއެމް] ވުޖޫދަށް އައިއްސުރެވެސް ރައީސް މައުމޫން ބޭނުން ފުޅެއްނުވޭ ރައީސް ޔާމީން ވެރިކަމަށް އަންނާކަށެއް، އެހެން ނޫންނަމަ ރައީސް ޔާމީންގެ މިއޮތް ކާމިޔާބު ވެރިކަން މިހާ ބާރު ސްޕީޑާއެކު ކުރިއަށް ދަނިކޮށް ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީއާ ކުރިއެރުން ހޯދާދެމުން ދަނިކޮށް މި ރާއްޖޭގެ އަމާންކަން ގާއިމް ކުރަމުން ދަނިކޮށް، ރައްޔިތުންގެ މެދުގައި ސުލްހަވެރިކަން އޮއްވަ ކީއްވެތޯ ރައީސް ޔާމީނާ ދެކޮޅަށް ނިކުމެވަޑައިގަންނަވަން ޖެހެނީ، ނިކުމެ ވަޑައިގަންނަވަން ޖެހޭ އެއްވެސް ސަބަބެއްނެތް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ރައީސް މައުމޫން ޕީޕީއެމް ދޫކޮށްލައިފި ކަމަށާއި ނަމަވެސް ޕީޕީއެމުން ރައީސް މައުމޫން ދޫކޮށް ނުލައްވާ ކަމަށެވެ. އަދި ވިދާޅުވީ، މިއަދުވެސް ތިބީ ރައީސް މައުމޫން ދެއްކެވި ފިކުރުގައި ކަމަށާއި ގައުމު ހިމާޔަތް ކުރުމުގެ މަސައްކަތުގައި ކަމަށެވެ.

"މިހެން ތިއްބަ އަޅުގަނޑުމެން ދޫކޮށްލާފަ ފަނާކުރަނިވި ފިކުރަށް، އިސްލާމްދީނާ ދެކޮޅު ފިކުރަށް، ނާތަހުޒީބު ފިކުރަށް ވަޑައިގެންނެވީ ރައީސް މައުމޫން، އެހެން ވީމަ އެހާ ހިސާބަކުން ނުޖެހެ، ރައީސް މައުމޫނެއް ކަމަކު އެމަނިކުފާނު ދައްކާ ވާހަކަތައް ގަބޫލު ކުރައްވާކަށް،" އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ކެނޑިޑޭޓް އިބްރާޙިމް މުހައްމަދު ސޯލިހް، އިބޫ އަށް ފާޑުވިދާޅުވެ އަދުރޭ ވިދާޅުވީ، ރައީސް ޔާމީނާއި އަބޫއާ އަޅާވެސް ނުކިޔޭނެ ކަމަށާއި އެއީ އިލްމީ ގޮތުންނާއި ތަޖްރިބާއާ ހިންގުންތެރިކަމަށް ބެލިނަމަވެސް އަޅާ ނުކިޔޭނެ ކަމަށެވެ. އަދި 25 އަހަރު ދުވަހު މަޖިލީހުގައި އިބޫ އިންނަވައިގެން އަދާކުރެއްވި ޒިންމާއެއް ނެތް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން 10 އަހަރު ވަނީ މަޖިލީހުގައި މަސައްކަތް ކުރާތާ، އަޅުގަނޑުމެންނަށް ދުވަހަކު ނުދެކެން އިބޫ މަޖިލީހުގެ ތަޅުމުގައި ޒިންމާދާރު ކަމާއެކު ވަކާލާތު ކުރެއްވިތަނެއް، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަތަރު އަހަރު ވެގެން ދިޔައީ، އިދިކޮޅު ލީޑަރެއްގެ ގޮތުގައި އަދާކުރަން ޖެހޭ ޒިންމާ މަޖިލީހުގައި އަދާކޮށްފައެއްނެތް،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އިބޫ އަށް ވެރިކަން ދިނުމަކީ މި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުން ކަމަށާއި މިގައުމު ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ބާއްވަން ބޭނުންނަމަ ސެޕްޓެމްބަރު 23 ގައި ރައީސް ޔާމީނަށް ވޯޓް ދެއްވަން ޖެހޭ ކަމަށެވެ. އަދި އިންތިހާބު ދުވަހު އިބޫ އަށް ނޫނެކޭ ބުނަން ޖެހޭ ކަމަށާއި ރައީސް ޔާމީން ނޫން ޗޮއިސްއެއް ރައްޔިތުންނަށް ނެތް ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.