ހަބަރު

ޕީޕީއެމް އޮތީ ދެރަވަރުކޮށް، ފިކުރު ދިފާއުކުރަންޖެހޭ: ރައީސް ޔާމީން

ޕާޓީގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން ވަކިވުމުގެ ސަބަބުން ޕީޕީއެމް އޮތީ ވަރަށް ދެރަވަރުކޮށް ކަމަށާއި ނަމަވެސް ޕީޕީއެމް ފިކުރާއި ސިޔާސަތުތަކުގައި އަދިވެސް ވަރު އެބަހުރި ކަމަށް ރައސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ތ ގުރައިދޫއަށް ސަޕޯޓް ހޯއްދަވަން މިއަދު ވަޑައިގެން ރައީސް ވިދާޅުވީ، ޕީޕީއެމްގެ ފިކުރަކީ ވަރުގަދަ ފިކުރެއް ކަމަށެވެ. އަދި އެ ޕާޓީގެ ސިޔާސަތުތަކަކީ ގައުމު ހެޔޮގޮތުގައި ބަދަލުކޮށްލުމުގެ ބާރު ހުރި ވަރުގަދަ ސިޔާސަތުތަކެއް ކަމަށާއި އެހެންކަމުން ހުރިހާ ރައްޔިތުން ގުޅިގެން އެ ޕާޓީގެ ފިކުރު ދިފާއުކުރަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ޕީޕީއެމަށް ފިކުރަށް ތާއީދުކޮށް، ޕީޕީއެމްގެ ޓިކެޓުގައި ނިކުންނެވުމުން ރައްޔިތުން ހޮވި އެތަކެއް މެންބަރުން ޕާޓީ ދޫކޮށް މިއަދު ވަޑައިގެންނެވުމަކީ އެ ޕާޓީއަށް ލިބުނު ނިކަމެތި ކަމެއް ކަމަށެވެ. ނަމަވެސް އެއީ ޕީޕީއެމްގެ ފިކުރަށް ތާއީދުކުރާ ރައްޔިތުން އެ މެންބަރުންނާއެކު ދާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

"ކިތަންމެހާ ވެސް ނިކަމެތިކަން އަޅުގަނޑުމެން އިހުސާސް ކޮށްފިން. ޕާޓީ ދެރަވަރުވެއްޖެ. އަޅުގަނޑުމެންގެ ޕާޓީއިން ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންނެއް ވަކިވެވަޑައިގެންފި. އެއީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް. އަޅުގަނޑުމެންގެ ދަތުރަކީ އެންމެ ފަސޭހަ ދަތުރަށް ނުވެ މިދަނީވެސް އެތައް މެންބަރުންނެއް ވަކިވެވަޑައިގެންފައިވާތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މެންބަރުން ދާ ހުރިހާ ދިމާއަކަށް ރައްޔިތުން ދާން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ޕީޕީއެމްއާއި ޕީޕީއެމްގެ ފިކުރު ދިފާއުކުރަންޖެހެނީ އެ ސަބަބުތައް އެމަނިކުފާނު ރައްޔިތުންނަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކުވައިދީފައި ވުމުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހަމައެކަނި މީހުންގެ ވަށައިގެން މުމޯޅި އަޅާ ޕާޓީއެއް ނޫން. އަދި އެހެން އެކަން ވެގެންވެސް ނުވާނެ. އެކަން އެހެން އޮވެގެން ހިމާޔަތްކުރަން އުޅޭ ކަންތައްތަކެއް ހިމާޔަތެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ އުސޫލުތަކަކީ އެއަށްވުރެ މާ ވަރުގަދަ އުސޫލުތަކެއް. ޕީޕީއެމް ވުޖޫދުވެގެން އައީ ގައުމާއި ދީނުގެ ހިމާޔަތުގައި. އަދި އަދުލުވެރިކަމާއި ސުލްހައާއި މަސްލަހަތު ހިމާޔަތްކޮށްދިނުމަށް،" ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމަނިކުފާނު ރައީސްކަމުގައި ހުންނެވި ނަމަވެސް ރައްޔިތުންގެ ތާއީދު ނުލިބި މިކަންކަން ނުކުރެއްވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިދިކޮޅުގެ ކެންޑިޑޭޓަށް އިޝާރާތްކުރައްވައި ރައީސް މިއަދު ވިދާޅުވީ، އިންތިހާބަށް ނިކުމެވަޑައިގަންނަވާ އެހެން ކެންޑިޑޭޓުންނަށް އެބޭފުޅުން ދެން އަންނަ ވެރިކަމަކަށް ހޮވަންޖެހޭ ސަބަބުތައް ހުރިހާ ރައްޔިތުންނަށް ރަނގަޅަށް ކިޔައި ނުދެވޭ ކަމަށެވެ. އެބޭފުޅުންގެ ކިބައިގައި އެ ގާބިލުކަމެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ބައެއް ތަންތަނަށް ގޮސް ވަކި ބަޔަކު ރުއްސައިގެން ތާއީދު ހޯދަން މަސައްކަތްކުރާ މަންޒަރު ފެންނަ ކަމަށާއި މީގެ ކުރިން އެމްޑީޕީގެ ވެރިކަން އޮތް އިރުވެސް ފެނިގެންދިޔައީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ކެންޑިޑޭޓަކަށް އެބޭފުޅެއްގެ ގާބިލުކަން ހުރި މިންވަރު ކިޔައިދީ ދެން އަންނަ އިންތިހާބަކަށް އެ ބޭފުޅަކު ހޮވަންޖެހޭ ސަބަބު ހާމަކުރުމުގެ ގާބިލުކަމެއް ނެތް ކަމަށެވެ. އެކަންކަން ކުރަނީ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން. އެކި ހިސާބުތަކުގައި. އެކަމަކު އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތެއް ނޫން،"