ހަބަރު

އިދިކޮޅު ވެރިކަން 18 ދުވަސް ތެރޭގައިވެސް ނިމިދާނެ: ޝަހީމް

އިދިކޮޅު އިއްތިހާދު ވެރިކަމަށް އަތުވެއްޖެނަމަ 18 މަސްދުވަހުވެސް ވެރިކަން ނޯންނާނެ ކަމަށާއި އެވެރިކަން 18 ދުވަހުގެ ތެރޭގައި ނިމިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. މާބައިދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ތެރޭގައި އޮތީ ކޯޅުން ކަމަށާއި އެންމެން އެއްބަސްވާ އުސޫލުތަކާއި ސިޔާސަތުތަކެއް ނޯންނާނެ ކަމަށެވެ.

"އިދިކޮޅުގައި ތިއްބެވީ ހުސްވެސް ވެރިން، އަޅުގަނޑު ދަންނަވާނީ އިދިކޮޅުން ވެރިކަމަށް އައިސްފިި ނަމަ 18 މަސްދުވަހަކަށް ނޫނޭ، 18 ދުވަހުގެ ތެރޭގައިވެސް އެވެރިކަން އަތުވެއްޖެނަމަ ނިމިދާނެ،" ޝަހީމް ވިދާޅުވި އެވެ.

އެގޮތަށް އެކަން ވެއްޖެނަމަ އަނެއްކާވެސް ރާއްޖެ ދާނީ ފަހަތަށް ކަމަށާއި އެއީ ކުރީގައި އޮތް ހަލަބޮލި ކަމުގެ ތެރެއަށް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ. އަދި އެހާލަތަށް އަނބުރާ ދާން އެއްވެސް ރައްޔިތަކު ބޭނުންނުވާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، މާބައިދޫގައި ކުރާނެ ކެމްޕެއިނެއް ނެތް ކަމަށާއި މިރަށުން ރައީސް ޔާމީނަށް ފުރިހަމަ އަގުލަބިއްޔަތު ލިބޭނެ ކަމާމެދު އެއްވެސް ޝައްކު ކަމެއް ނެތް ކަމަށެވެ. އަދި ރައީސް ޔާއީސް ޔާމީން ވެރިކަމުގައި ބެހެއްޓުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށާއި މިހާރު ރާއްޖެ ކަނޑައްތު ކުރަމުންދާ މަރުހަލާގައި ރާއްޖޭގެ ވެރިކަމުގައި ހުންނަން ޖެހޭނީ ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ދެމީހަކު ވެގެން ވެރިކަމުން ފައިބަން ގޮވާލާއިރަށް ވެރިކަމުން ފައިބާނަމަ އެއީ ރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމެއް، އެހެން ކަމުން ރާއްޖޭގެ ވެރިކަމުގައި ހުންނަން ޖެހޭނީ ނުގުޑާފަދަ ވެރިއެއް، ރާއްޖޭގެ ވެރިކަމުގައި ހުންނަންވާނީ ކިޔަވައިގެން ހުރި ވެރިއެއް، ތަޖްރިބާ ހުރި ޝަހްސިއްޔަތެއް، މިއަދު ރާއްޖެއަކުނެތް ރައީސް ޔާމީން ފަދަ ކިޔަވައިގެން ހުރި، ތަޖްރިބާ ހުރި ލީޑަރެއް، އެހެން ކަމުން ރައީސް ޔާމީން ވެރިކަމުގައި ހުންނެވުމަކީ ރާއްޖެއަށް ވަރަށް ބޮޑު މަސްލަހަތެއް އޮތް ކަމެއް،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ރާއްޖެ މިއަދު ދެކެމުންދާ ތަރައްގީ އާ ކުރިއެރުމާއި ރާއްޖޭގައި މިއަދުއޮތް ހަރުދަނާ ސިޔާސަތުތަކާއި ތައުލީމީ ކުރިއެރުންތަކަކީ ދަމަހައްޓަން ޖެހޭނެ ކަންކަން ކަމަށެވެ. އަދި މިއަދު ރާއްޖެ މިހާ ހިސާބަށް އައިސްފައިވަނީ މިސަރުކާރުގެ މަސައްކަތުން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"ރާއްޖޭގައި މިހާތަނަށް ނާދެ މިހާ ބޮޑަށް ގޮންޖެހުންތައް ދިމާވި ސަރުކާރެއް، އެހެން ނަމަވެސް އެއިން އެއްވެސް ކަމަކުން ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ނުކުރައްވާ ސަރުކާރުން ގައުމައިގެން ކުރިއަށް މިދަނީ، ރާއްޖޭގެ ވެރިކަން ޣައިރު ގާނޫނީ ކޮށް ބަދަލު ކުރަން ކިތަންމެ ފަހަރަކު މަސައްކަތް ކޮށްފި، އެހެން ނަމަވެސް އެހުރިހާކަމެއްގައި ރައީސް ޔާމީން ވަރަސް ހިތްވަރުގަދަ ސިޔާސީ ހަނގުރާމައެއް ކުރައްވައި އެކަމުގެ މައްޗަށް ނަސްރު ހޯއްދަވައި ގައުމައިގެން ކުރިއަށް ވަޑައިގެންނެވި،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ، ބޭރުގެ ފަރާތްތަކުގެ އަވާގައި ޖެހިގެން ގައުމު ހަލާކުކުރާ ބަޔަކަށް ރައްޔިތުން ވެގެން ނުވާނެ ކަމަށާއި ދިވެހިން ވާން ޖެހޭނީ އަމިއްލަ އަށް ކަންކަން ނިންމާ ބައެއްގެ ގޮތުގައި ކަމަށެވެ.