ހަބަރު

ޕީޕީއެމްގެ ސުވާލެއް: އެމްޑީޕީ ސަރުކާރުން ގެއްލުނު ފައިސާ ހޯދަން ކެރޭނެތޯ؟

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ސަރުކާރުގެ ތެރެއިން ނުހަމަ ގޮތުގައި ގެއްލިފައިވާ ދައުލަތުގެ ފައިސާތަށް އަނބުރާ މާލިއްޔަތަށް ހޯދާ އެ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ހަރަދު ކުރުމަށް އެމްޑީޕީން މިއަދު ގަރާރެއް ފާސްކޮށްފައިވާތީ ޕީޕީއެމުން ރައްދު ދެއްވައިފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހިނގާ ދިޔަ އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ ހިނގާދިޔައީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަމުގައި ކުރީގެ ގައުމީ މަސް ކުންފުނި އެފްޕީއައިޑީގައި ކަމަށާއި އެފައިސާއަށް ވީގޮތް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ، އެފްޕީއައިޑީ މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހެޅި ފައިލަތަަށް ވީގޮތް މާރިޔާ ކިޔައިދޭން ޖެހޭ ކަމަށެވެ. އަދި އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ އަށް އެ ކޮރަޕްޝަނަށް ވީގޮތް ކިޔައިދީ، އެވާހަކަތައް ދައްކަން ކެރިވަޑައިގަންނަވާނެތޯ ނިހާން ވަނީ ސުވާލް ކުރައްވާފަ އެވެ.

"އެމްޑީޕީ ގައުމީ މަޖިލީހެއް ބާއްވަވާފަ އެފްޕީއައިޑީން ގެއްލުނު އަދަދުވެސް ނުކުރެވެ، އެބޭފުޅުންގެ ތުންތުން މަތިން ނުވަތަ ބައެއް ކަހަލަ ރިޕޯޓްތަކުގެ އަލީގައި އެމްއެމްޕީއާރްސީގެ 80 މިލިއަނޭ ކިޔާއަޑު އެބަ އިވޭ، އެމައްސަލަ ތަހްގީގްތައް އެބަ ކުރިއަށްދޭ، މިސަރުކާރުން އެމައްސަލަ ތަހްގީގް ކޮށް ފޮނުވާލަން ކެރުނު ސަރުކާރެއްގެ ގޮތުގައި މިއޮތީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަކީ އެ ސަރުކާރެއްގައި ހިނގާދިޔަ ކޮރަޕްޝަން ފަނޑިޔާރުގެއާ ހަމައަށް ދޫކޮށްލާފައި ފަނޑިޔާރުގެއިން ނެރޭނެ ހުކުމެއް ނެރެން ދޫކޮށްލާފައި އިންސާފާ ހަމައަށް ގެނެސްދެއްވި ސަރުކާރު ކަމަށެވެ.

އެމްޑީޕީގެ ވެރިކަމުގައި ބައެއް މިނިސްޓްރީ ތަކުން 1.57 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ބައެއް އޮޑިޓް ރިޕޯޓްތަކުން ހާމަވެފައިވާ ކަމަށާއި އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ އެކަންކަން ބައްލަވާނެތޯ ނިހާން ވަނީ ސުވާލް އުފައްދާފަ އެވެ. އަދި ޖީއެމްއާރަށް އެއާޕޯޓް ދިނުމުން އެ ކުންފުނިން ސަރުކާރަށް ދެއްކި 105 މިލިއަން ޑޮލަރުގެ ތެރެއިން ބާކީ 27 މިލިއަން ޑޮލަރަށް ވީގޮތެއް ނޭންގޭ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

"އެމަނިކުފާނު ވަރަށް ސާފުކޮށް އޮޅުންފިލުވައި ދެއްވަން އެބަޖެހޭ ޖީއެމްއާރުން ދައުލަތަށް ދެއްކި 105 މިލިއަން ޑޮލަރުގެ ތެރެއިން ސަރުކާރަށް ވަދެފައިއޮތީ 78 މިލިއަން ޑޮލަރު. ބާކީވި 27 މިލިއަން ޑޮލަރު ވީ ކޮންތާކުތޯ، އެ ފައިސާ ކެމްޕެއިންގައި ބޭނުން ކުރައްވަނީތޯ އިބްރާހިމް މުހައްމަދު ސޯލިހްމެން ފޮރުވައިގެން އުޅެނީތޯ މިއީ އަހަން ބޭނުންވާ ސުވާލެއް،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރައީސް ޔާމީންގެ ވައްކަމާއި ފަސާދާގެ ވާހަކަ އެމްޑީޕީން ދައްކަނީ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން ވާދަކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަން ކުރެއްވީ ވެސް ހަމަ އެގޮތަށް ކަމަށެވެ. އަދި އެކަން މިހާރު އެއަށްވުރެ ފުޅާކޮށް ކުރިއަށް ގެންދާ ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

"އޭރު ދެއްކި ކަހަލަ ދޮގު ވާހަކަ ދައްކައިގެން ދިވެހި ރައްޔިތުންގެ ތެރެއިން ބައެއްގެ ސިކުނޑި ތަގައްޔަރުކޮށް ސަރުކާރާ މެދު ހިތްހަމަ ނުޖެހުން އުފެއްދުމަށްޓަކައި ހަމަ އެ ޒާތުގެ ވާހަކަތަކެއް އަނެއްކާ ފެންމަތިކޮށްގެން ދައްކަން ފެއްޓުމަކީ ހަމަ އެމްޑީޕީން ކުރިންސުރެ ކުޅެމުން އަންނަ ނުރައްކާތެރި ސިޔާސީ ކުޅިތަކުގެ ތެރެއިން ކުޅިއެއް." ނިހާން ވިދާޅުވި އެވެ.