ބޮލީވުޑްގެ ކުރީގެ ކުޅަދާނަ އެކްޓަރު ރާޖް ކަޕޫރް 1948 ވަނަ އަހަރު ހުޅުވި ސްޓޫޑިއޯ، އޭނާގެ އާއިލާއިން ސޭލު އަޅުވައި ވިއްކާލަން ނިންމައިފި އެވެ.
ސެޕްޓެމްބަރު 16، 2017 ގައި އެ ސްޓޫޑިއޯގައި އަލިފާނުގެ ހާދިސާއެއް ހިނގައި ވަނީ ބޮޑެތި ގެއްލުންތަކެއްވެސް ލިބިފަ އެވެ. އެ އަލިފާނުގެ ހާދިސާގައި އެ ސްޓޫޑިއޯގައި ހުރި ބައެއް ހަނދާނީ ސާމާނުތައްވެސް ވަނީ އަނދާ އަޅިއަށްވެފަ އެވެ. ނަމަވެސް އެ ސްޓޫޑިއޯއިން އުފެއްދި އެއްވެސް ފިލްމެއްގެ ކޮޕީއަކަށް ގެއްލުންވެފައެއް ނުވެ އެވެ. މިހާރު އެ ހުރިހާ ފިލްމުތަކެއްގެ ކޮޕީތައް ހުރީ އިންޑިއާގެ ގައުމީ ފިލްމު އާކައިވްގައި ރައްކާކޮށްފަ އެވެ.
މި ސްޓޫޑިއޯ ވިއްކާލުމުގެ ނިންމުން ނިންމީ ރާޖް ކަޕޫރްގެ ދަރިން ކަމުގައިވާ ރަންދީރް، ރިޝީ، ރާޖީވް، ރީތޫ، ރިމާ އާއި މި ކުދިންގެ މަންމަ އަދި ރާޖް ކަޕޫރްގެ އަންހެނުން ކްރިޝްނާ އާއި އެކުގަ އެވެ. އަދި ސްޓޫޑިއޯ ވިއްކާލުމަށް މިހާރު ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށްވެސް މުމްބައި މިރާ ނޫހުގައިވާ ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
![](https://images-01.avas.mv/post/big_XwcFfXWwlKCrI2tVzIiVbeRkt.jpg)
އެ ނޫހަށް ދިން އިންޓަވިއުއެއްގައި ރިޝީ ބުނެފައި ވަނީ އަލިފާނުގެ ހާދިސާއަށްފަހު އެ ސްޓޫޑިއޯ އަލުން މަރާމާތުކުރުމުގެ ހިޔާލު ގެންގުޅު ކަމަށާއި ނަމަވެސް އެ ހިޔާލު ދޫކޮށްލީ އެ ސްޓޫޑިއޯއިން ފައިދާއަށްވުރެ ބޮޑަށް ގެއްލުން ވަމުން ދަތީ ކަމަށެވެ. އަދި އާއިލާއިން މި ނިންމުން ނިންމީވެސް ވަރަށް ވިސްނާފައި ހިތާއި ދެކޮޅަށް ކަމަށެވެ.
މި ސްޓޫޑިއޯގައި މަންޒަރުތައް ނެގި ބައެއް ފިލްމުތަކުގެ ތެރޭގައި "ބަރްސާތު"، "އާގް"، "އާވާރާ"، އަދި "މޭރާ ނާމް ޖޯކަރް" ފަދަ މަޝްހޫރު ފިލްމުތައް ހިމެނެ އެވެ.