ބާލިންގައި މިރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ކުރިން ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒްއާ ސަލާމްކުރާނެ ކަމަށް ޔުވެންޓަސްގެ ޑިފެންޑަރު ޕެެޓްރީސް އެވްރާ ބުނެފި އެވެ.
ސުއަރޭޒް ލިވަޕޫލަށް ކުޅުނުއިރު، އޭރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު އެވްރާއާ އޭނާ ނަސްލީ ގޮތުން ދިމާކުރި މައްސަލައިގައި ދެ ކުޅުންތެރިންގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އެ މައްސަލައިގައި ސުއަރޭޒް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ. ސަސްޕެންޝަނަށް ފަހު، ލިވަޕޫލާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގައި އެވްރާ ވަނީ ސުއަރޭޒްއާ ސަލާމްކުރުމަށް ދެކޮޅު ހަދައިފަ އެވެ.
އެކަމަކު އޭގެ ފަހުން ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެެޗެއްގައި އެ ދެ ކުޅުންތެރިން ވަނީ ސަލާމްކޮށްފަ އެެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ މި ދެ ކުޅުންތެރިން އަނެއްކާ ވެސް ކުރިމަތިލާނެ އެވެ.
މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން އެވްރާ ބުނީ އޭނާ ސަމާލުކަން ދޭނީ މެޗަށް ކަމަށާއި ކުރިން ހިނގާދިޔަ ކަމަކަށް މިހާރު ސަމާލުކަން ދެވެން ނެތް ކަމަށެވެ.
"އަހަރެން ސުއަރޭޒްއާ ސަލާމްކުރާނަން. އަހަންނަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް،" އެވްރާ ބުންޏެވެ. "އަހަރެން މި ކުޅެނީ ބާސެލޯނާއާ ދެކޮޅަށް. މި ކުޅެނީ ހަމައެކަނި ލުއިސް ސުއަރޭޒްއާ ދެކޮޅަކަށް ނޫން. މިއީ އަހަންނަށް ވަރަށް މުހިންމު މެޗެއް."
އެވްރާ ބުނީ ނަސްލީ ގޮތުން އޭނާ ދިމާކުރި މައްސަލައިގައި ސުއަރޭޒް މާފަށް ނޭދޭ ކަމަށެވެ.
"މިހާރު އެއީ މުހިންމުކަމެއް ނޫން. އަހަންނަކީ އޭނާގެ ގާތް ރަހުމަތްތެރިއަކަށް ވާނެ މީހެއް ނޫން. އެއީ މައްސަލައެއް ނޫން. އަހަރެން ސުއަރޭޒްއާ ސަލާމްކުރާނަން،" އެވްރާ ބުންޏެވެ.
މިއީ އެވްރާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅޭ ހަތަރު ވަނަ ފަހަރެވެ. މޮނާކޯއާއެކު 2004 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އޭނާ ވަނީ ކުޅެފަ އެވެ. މެންޗެސްޓާ ޔުނައިޓެޑްއާއެކު ތިން ފައިނަލްގައި ކުޅުނުއިރު، ޗެމްޕިއަންކަން ލިބުނީ 2008 ވަނަ އަހަރުގެ ފައިނަލްގަ އެވެ. ދެހާސް ނުވަ ވަނަ އަހަރާއި 2011 ވަނަ އަހަރުގެ ފައިނަލްގައި ޔުނައިޓެޑް ވަނީ ބާސާ އަތުން ބަލިވެފަ އެވެ.