ގައުމީ ފުޓްބޯޅް ޓީމް

ރާއްޖެ އާއި ޕާކިސްތާން މެޗު ކެންސަލް

އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖެ އާއި ޕާކިސްތާން މިއަދު ކުޅެން ހަމަޖެއްސި މެޗު ކެންސަލް ކޮށްފި އެވެ.

ރާއްޖެ އާއި ޕާކިސްތާން މެޗު ކުޅެން ހަމަޖެއްސީ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ. މެޗު ކެންސަލް ކުރީ ގަތަރަށް ދިއުމުގައި ޕާކިސްތާންގެ ބައެއް ކުޅުންތެރިންނަށް މައްސަލަ ދިމާވުމުންނެވެ.

ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން ގެންދާ ސްކޮޑްގައި ހިމެނެނީ، އޭޝިއަން ގޭމްސްގައި ވާދަ ކުރި 23 އަހަރުން ދަށުގެ ޓީމުގެ މުހިންމު ކުޅުންތެރިނާއި ސީނިއާ ޓީމުގެ ކުޅުންތެރިން ހިމެނޭ ގޮތަށް އޮތް މަސްހުނި ސްކޮޑެކެވެ. ސީނިއާ ޓީމު ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިޔައީ ބަހްރެއިންގަ އެވެ.

ބަހްރެއިން އާއި ގަތަރާ ދެމެދު އޮންނަ ހުރިހާ ގުޅުމެއް މިދިޔަ އަހަރު ބަހްރެއިނުން ވަނީ ކަނޑާލާފަ އެވެ. ބެލެވޭ ގޮތުގައި، ވިސާގެ މައްސަލަ ދިމާވީ ބައެއް ކުޅުންތެރިންނަކީ ބަހްރެއިންގައި ކުރިއަށް ގެންދިޔަ ޓްރެއިނިން ކެމްޕްގައި ބައިވެރިވި ކުޅުންތެރިންނަށެވެ.

ޕާކިސްތާންގެ މީޑިއާތަކުންވެސް ބުނީ ގަތަރަށް އެތެރެވުމުގައި ޓީމުގެ ބައެއް ކުޅުންތެރިންނަށް މައްސަލަ ދިމާވެފައިވާ ކަމަށެވެ. ޕާކިސްތާން ސްކޮޑްގައި ޔޫރަޕްގައި ކުޅޭ ހަތަރު ކުޅުންތެރިޔަކުވެސް ހިމެނެ އެވެ. މިފަހަރު އޭޝިއަން ގޭމްސްގައި ޕާކިސްތާން ނޭޕާޅްގެ މައްޗަށް ހޯދި މޮޅަކީ 40 އަހަރަށް ފަހުންް އޭޝިއާގެ މެޗެއްގައި ޕާކިސްތާނަށް ލިބުނު ފުރަތަމަ މޮޅެވެ.

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަނގުލަދޭޝް އާއި ނޭޕާލް އަދި ބޫޓާން އާއެކު ގުރޫޕް އޭ ގަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ޕާކިސްތާން ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ރާއްޖެ ހިމެނެނީ އިންޑިއާ އާއި ލަންކާއާއެކު ގުރޫޕް ބީ ގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ. އިންޑިއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ނުވަ ވަނަ ދުވަހު އެވެ.