ހަބަރު

އަދާލަތު ޕާޓީއިން ރައީސްއަށް: ކޮކްޓެއިލް ކޯލިޝަނަކީ ފަހުރެއް

ކޮލަންބޯއިން: ނާޒިމް ހަސަން
Aug 27, 2018
3

ފިކުރު ތަފާތު ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ކޯލިޝަނެއް ދެމި ނޯންނާނެ ކަމަށާއި "ކޮކްޓައިލް" ކޯލިޝަން ރޫޅޭނެ ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން މިއަދު ދެއްކެވި ވާހަކަފުޅަށް އަދާލަތު ޕާޓީން ރައްދުދީފި އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް މިރޭ އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، އިދިކޮޅުގަ ތިބި ކޮންމެ ޕާޓީއެއްގެ ލީޑަރަކީ ވެސް ވެރިކަން ކުރެއްވޭ ވަރު ގާބިލް ބޭފުޅުން ކަމަަށެވެ. ނަމަވެސް އެ ބޭފުޅުން މިއަދު ފަހަތަށް ޖެހިވަޑައިގެން ތިއްބެވީ ގައުމީ މަސްލަހަތުގަ ކަމަށެވެ.

އެހެންވެ ގައުމީ މަސްލަހަތުގައި އެކުލަވާލާފައިވާ "ކޮކްޓެއިލް" ކޯލިޝަނަކީ ފަހުރެއް ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަހުރަކަށް ވަނީ ގައުމީ މަސްލަހަތަށްޓަކައި މުސީބާތުން ގައުމު ސަލާމަތް ކުރުމަށް ލީޑަރުން އުފެއްދި ކޯލިޝަނަކަށްވާތީ އެވެ.

"ފަހުރުވެރިކަމާއެކު އަޅުގަނޑުމެން ކޮކްޓެއިލް ކޯލިޝަނެއްގެ ގޮތުގައި މިތިބީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެސް މިއަދު ވަނީ ކޯލިޝަނާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. އިބޫ ވިދާޅުވީ، އިދިކޮޅު ކޯލިޝަނަކީ ރައްޔިތުންގެ ކޯލިޝަނެއް ކަމަށެވެ. އެ ކޯލިޝަނުގައި ރާއްޖޭގެ ހުރިހާ ޕާޓީއަކަށް ނިސްބަތްވާ މީހުން މަސައްކަތް ކުރާ ކަމަށެވެ. އަތުގުޅާލައިގެން ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ހުސެއިން ރަޝީދު ވެސް ވަނީ ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލި ކުރާނީ އެ ކޯލިޝަނުން ކަމަށް މިއަދު ވިދާޅުވެފަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވެސް އެދިވަޑައިގަންނަވަނީ އެގޮތް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިހާރު މިއޮތީ ޖާހިލިއްޔަ ޒަމާނެއް ކަމަަށާއި އެކަން ނިންމަން ޖެހޭ ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރީފޯމް މޫވްމަންޓްގެ ފަރާތުން ވާހަކަ ދައްކަވަމުން އައިމިނަތު ނާދިރާ ވިދާޅުވީ ރައީސް މައުމޫން އެދިވަޑައިގަންނަވަނީ އިބޫއަށް ވޯޓު ދެއްވުމަށް ކަމަށެވެ. އަދި އިންތިހާބުގައި ރައީސް ޔާމީން ބަލިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.