ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެބިނެޓަށް ޕާޓީތަކުން ނަން ފޮނުވަން އިބޫ އެދިވަޑައިގެންފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ކެބިނެޓްގައި ހިމަނަން ޕާޓީތަކުން ބޭނުންވާ ނަންތައް ފޮނުވުމަށް އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

ކޯލިޝަންގެ އިސް ބޭފުޅަކު މިއަދު "އަވަސް"އަށް ވިދާޅުވި ގޮތުގައި ކެބިނެޓްގައި ހިމަނަން ޕާޓީތަކުން ބޭނުންވާ ބޭފުޅުންގެ ނަންތައް ފޮނުވައިދިނުމަށް އިބޫ އެދިވަޑައިގެންފައިވާތީ ޕާޓީތަކުން މިހާރު އެ މަސައްކަތް ދަނީ ކުރަމުންނެވެ. ޕާޓީތަކުން ފޮނުވާ ނަންތަކާމެދު ގޮތް ނިންމަވާނީ އިންތިހާބީ ރައީސް އިބޫ އެވެ. ނަމަވެސް މިކަމާ ގުޅޭ ރަސްމީ ބަހެއް އެއްވެސް ޕާޓީއަކުން ނުލިބެ އެވެ.

މި މަހުގެ 17 ވަނަ ދުވަހު އިބޫ ރައީސް ކަމުގެ ހުވާ ކުރައްވާއިރު ކެބިނެޓް ވަނީ ކޯލިޝަންގެ ޕާޓީތަކަށް ބަހާލާފަ އެވެ. އެގޮތުން ކެބިނެޓްގެ އެންމެ ބޮޑު ޕަސެންޓް ދީފައިވަނީ އެމްޑީޕީއަށެވެ. އެގޮތުން އެ ޕާޓީއަށް ކެބިނެޓްގެ 40 ޕަސެންޓް ވަނީ ދީފަ އެވެ.

ޖުމްހޫރީ ޕާޓީއަށް ކެބިނެޓްގެ 25 ޕަސެންޓް ދީފައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވަނީ 20 ޕަސެންޓް ދޭން ނިންމާފަ އެވެ. އަދާލަތު ޕާޓީއަށް ދޭން ނިންމީ ކެބިނެޓްގެ 15 ޕަސެންޓެވެ. އިބޫގެ ކެބިނެޓްގައި 22 މިނިސްޓަރުން ތިއްބަވާނެ އެވެ. އެއީ ބަންޑާރަ ނައިބު ނުހިމަނަ އެވެ.

ކޯލިޝަންގެ ބޭފުޅާ ވިދާޅުވި ގޮތުގައި މިނިސްޓްރީތައް ބަހަން ނިންމާފައިވަނީ ކެޓަގަރީތަކެއް ހެދުމަށްފަހު ކޮންމެ ކެޓަގަރީއަކުން ވެސް ހަތަރު ޕާޓީއަށް މިނިސްޓްރީތައް ލިބޭ ގޮތަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި ތިއްބަވަނީ 15 މިނިސްޓަރުންނެވެ. ނަމަވެސް އިބޫގެ ކެބިނެޓްގައި މިނިސްޓްރީތައް އިތުރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ފުރިހަމަކަން މަތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިހާރު ބައެއް މިނިސްޓްރީތަކުގެ ދަށުގައި ހުރި ޑިޕާޓްމެންޓްތައް ވަކި މިނިސްޓްރީތަކެއްގެ ގޮތުގައި ކަނޑައަޅާނެ އެވެ. ޒުވާނުންގެ ވަކި މިނިސްޓަރެއް ހުންނާނެއިރު ކުޅިވަރު މިނިސްޓަރެއް ވެސް ހުންނާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައި މިހާރު އޮތް ހެރިޓޭޖް ވަކި މިނިސްޓްރީއަކަށް ހަދާނެ އެވެ. ސައިންސް އެންޑް ޓެކްނޮލޮޖީ ވެސް ވަކި މިނިސްޓްރީއެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށްވެ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި ހުރި ސިވިލް އޭވިއޭޝަން ފަދަ ޑިޕާޓްމެންޓްތައް ވެސް ވަކިވަކި މިނިސްޓްރީތަކުގެ ގޮތުގައި ކަނޑައަޅަން ކޯލިޝަނުން ވަނީ ނިންމާފަ އެވެ.