ރާއްޖޭގެ އުތުރާއި ދެކުނުގައި މާލެ ފަދަ ސިޓީތައް ތަރައްގީކޮށް އެބައެއްގެ ރަށުގައި އެބަޔަކަށް ދިރިއުޅެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިރޭ ވައުދުވެވަޑައިގެންފި އެވެ.
ކެންޑިޑޭޓެއްގެ ގޮތުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ޖަލްސާ މިރޭ ބ. ތުޅާދޫގައި ބޭއްވިއިރު އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އޭނާގެ ވިސްނުން ހުރީ މުޅި ރާއްޖެ ތަރައްގީކުރުމަށް ކަމަށެވެ. މާލެ ތޮއްޖެއްސުމުގެ ސިޔާސަތަކީ އެމްޑީޕީގެ މެނިފެސްޓޯއާ ހިލާފު ކަމެއް ކަމަށެވެ. މި ސަރުކާޜުގެ ވިސްނުން ހުރީ އެއާ ހިލާފަށް މާލެއަށް ތޮއްޖައްސައި ހަތަރު ފޫޓް ފަސް ފޫޓްގެ ގޮޅިތަކަށް ރައްޔިތުން ވެއްދުމަށް ކަމަށެވެ. އެމްޑީޕީގެ މެނިފެސްޓޯއަކީ ޖަޒީރާ މެނިފެސްޓޯއެއް ކަމަށާއި އުތުރާއި ދެކުނުގައި މާލެ ފަދަ ސިޓީތައް ތަރައްގީ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"އެބަޔަކަށް އެބައެއްގެ އުފަން ރަށުގައި ދިރިއުޅޭވޭނެ ގޮތްތައް އަޅުގަނޑުމެން ހޯދައިދޭނަން، ރާއްޖޭގެ އުތުރާއި ދެކުނުގަ މާލެ ފަދަ މަދުވެގެން ދެ ސިޓީ ތަރައްގީ ކުރާނަން، އިރާދަކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑު ވެރިކަމާ ހަވާލުވުމާއެކީގަ ފަށައިގަންނާނެ ކަމުގެ ޔަގީންކަން އަރުވަން،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ތުޅާދޫ ފަދަ ރަށްރަށުގައި އެމްޑީޕީއިން ބިންތައް ހިއްކާފައިވާ ކަމަށާއި އެފަދަ ބިންތައް އެމްޑީޕީ ސަރުކާރުން ހިއްކީ ރަށްރަށަށް ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރު ނިމި ހަތް އަހަރުވީ އިރު ވެސް ރަށްރަށުގައި ހުރި އެފަދަ ބިންތައް ހުރީ އެއްވެސް ތަރައްގީގެ މަޝްރޫއެއް ނުހިންގާކަން އިބޫ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ރަށްރަށުން ގޯއްޗެއް ނުދޭތާ މިހާރު ހަތް އަހަރުވީ، އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކޮށް އަރުވަނީ އަޅުގަނޑުމެންގެ ވެރިކަމުގަ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބިމުގެ ޕްލޭނެއް ހަދައި މިފަދަ ހުރިހާ ބިމަކުން ގޯތި ދިނުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" އިބޫ ވިދާޅުވި އެވެ.
އަޅުގަނޑު ޔަގީންކަން މި އަރުވަނީ އޮޑިޓާ ޖެނަރަލަށް މިނިވަންކަމާއެކު އަޅުގަނޑުމެން ސަރުކާރެއްގައި މަސައްކަތް ކުރެވުނަ ދޭނަމޭ، އޮޑިޓް ރިޕޯޓެއްގަ އޮންނަ ކަމެއް ތަންފީޒު ކުރަން އަޅުގަނޑު އެންމެ ހިނދުކޮޅެއް ވެސް ނުނަގާނަން، އެއީ އަޅުގަނޑަށް ވީ ނަމަވެސްއިބްރާހިމް މުހައްމަދު ސޯލިހު - އިދިކޮޅު ރިޔާސީ ކެންޑިޑޭޓް
އިބޫ ވިދާޅުވީ، ޓޫރިޒަމްގެ ނަފާ އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ލިބެމުން ނުދާ ކަމަށެވެ. ޓޫރިޒަމުން ލިބޭ ޓެކްސްގެ އިތުރުން ވެސް ރައްޔިތުންނަށް ފައިދާ ވާން ޖެހޭ ކަމަށާއި އިދިކޮޅު ޕާޓީތަކުގެ ސަރުކާރުގައި ގެސްޓް ހައުސްގެ ސިޔާސަތު އިތުރަށް ފުޅާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން މިހާރަށްވުރެ ތިން ގުނަ އިތުރަށް ހަރަދު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އެތެރޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމަށް ލުއި ފަސޭހައެއް ވެސް ގެންނަން ޖެހޭ ކަމަށާއި އެތެރޭގެ އުދުހުންތަކުގެ އަގު އަތް ފޯރާ ފަށަށް ތިރި ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، މަސްވެރިން ބާނާ މަހަށް އޭގެ އަސްލު ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސާނެ ކަމަށާއި ރާއްޖޭގެ މަސް ކަނޑުތަކަކީ ހަމައެކަނި ދިވެހިންނަށް މިލްކްވާ ތަނެއް ކަމުގައި ވެސް ހަދާނެ ކަމަށެވެ.
އިބޫ ވިދާޅުވީ، އިދިކޮޅު ހަތަރު ލީޑަރުން ދެއްވީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި އެ ބޭފުޅުން ހަވާލު ކުރެއްވީ ވައްކަމާއި ފަސާދަ އާއި ކޮރަޕްޝަނުން މި ގައުމު ސަލާމަތްކުރުމުގެ މަސައްކަތް ކަމަށެވެ.
"މިކަންކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަޅުގަނޑު، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި މި ނެރުނީ، އަޅުގަނޑު އެކަން ގަބޫލުކޮށްގެން މިހުރީ އެކަން އަޅުގަނޑަށް ކުރެވޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފުސަށް އޮތުމުން،" އިބޫ ވިދާޅުވި އެވެ. "އަޅުގަނޑު މިރޭ މިތާ ހުއްޓި ހުންނަން މިޖެހޭ ސަބަބަކީ އަމާނަތްތެރިކަމާއި ތެދުވެރިކަން، އެއީ އަޅުގަނޑު ދޫކޮށްލާނެ ދެ ކަންތަކެއް ނޫން، އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް، އިރާދަކުރެއްވިއްޔާ ހަތަރު ލީޑަރުންނާއި ތި އެންމެ ބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް މި ގައުމު އިންސާފުގެ އައްސޭރިއަކަށް ގެންގޮސްދޭން އަޅުގަނޑު ކުރާނަން،"
ރާއްޖޭގައި މިހާޜު އޮތް އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި އިންސާފު ނެތުން ކަމަށާއި ޕާޓީތަކުން އެކުގައި މިހާރު ކުރާ މަސައްކަތުން ރައްޔިތުން ބޭނުންވާ އިންސާފު ހޯދައިދޭނެ ކަމަށް ވެސް އިބޫ މިރޭ ވިދާޅުވި އެވެ.
"އަޅުގަނޑު ޔަގީންކަން މި އަރުވަނީ އޮޑިޓާ ޖެނަރަލަށް މިނިވަންކަމާއެކު އަޅުގަނޑުމެން ސަރުކާރެއްގައި މަސައްކަތް ކުރެވުނަ ދޭނަމޭ،
އޮޑިޓް ރިޕޯޓެއްގަ އޮންނަ ކަމެއް ތަންފީޒު ކުރަން އަޅުގަނޑު އެންމެ ހިނދުކޮޅެއް ވެސް ނުނަގާނަން، އެއީ އަޅުގަނޑަށް ވީ ނަމަވެސް،" އިބޫ ވިދާޅުވި އެވެ.
ނިންމަވާލައްވަމުން އިބޫ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.