ހަބަރު

ކުދި ވިޔަފާރިތަކުގެ ޖޫރިމަނާ މައާފްކޮށްދޭން މީރާއިން ނިންމައިފި

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުދި ވިޔަފާރިތަކުން މީރާއަށް ޖޫރިމަނާ މައާފްކޮށްދޭން މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ، މީރާ އިން ނިންމައިފި އެވެ.

މީރާއިން މިއަދު ނިންމާފައިވަނީ ބީޕީޓީ، ވިތްހޯލްޑިން ޓެކްސް، ޖީއެސްޓީ އަދި ގްރީން ޓެކުހާ ގުޅިގެން މިދިޔަ ޖޫން މަހުގެ 30 ގެ ނިޔަލަށް ކުދި ވިޔަފާރިތަކުން އަދާކުރަންޖެހޭ އެންމެހައި އިލްޒާމްތަކާއި ގުޅޭ ޖޫރިމަނާތައް ލުއިކޮށްދިނުމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މިކަމަށް އެދި މީރާއަށް ސިޓީ ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.

ޖޫރިމަނާ ލުއިކޮށްދިނުމުގެ ހިދުމަތް މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 27 އާ ހަމައަށް މީރާއިން ދޭނެ އެވެ.

މިކަމާއި ގުޅިގެން މީރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކުހާ ގުޅޭ ހުރިހާ ޖޫރިމަނާއެއް މައާފްކޮށްދޭން ހަމަޖައްސާފައިވަނީ، އެ އޮތޯރިޓީއިން ޖޫރިމަނާ މައާފްކުރުމުގައި އަމަލުކުރާ އާންމު އުސޫލުގެ އިތުރުން ކުދި ވިޔަފާރިތަކަށް މީރާއިން ދޭ ހާއްސަ އިނާޔަތެއްގެ ގޮތުގައި ކަމަށެވެ.

ކުދި ވިޔަފާރީގެ ގޮތުގައި މީރާއިން ގިންތި ކުރަނީ އަހަރަކު 10 މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކެވެ.