އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވެވަޑައިގަންނަވާ ވައުދުތައް ފުއްދަވާނީ ކިހިނެއްތޯ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު އުފައްދަވާފައިވާތީ އެކަމަށް އިބޫ މިއަދު ރައްދު ދެއްވައިފި އެވެ.
ރައީސް ޔާމީނާއި ސަރުކާރުގެ އިސް ބޭފުޅުން ވަނީ އިބޫ ވެވަޑައިވަޑައިގަންނަވާ ވައުދުތައް ފުއްދާނެ ގޮތްތަކާއި ފައިސާ ހޯދާނެ ގޮތް ރައްޔިތުންނަށް އޮޅުންފިލުވައިދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ފާޑުކިޔުން އަމާޒު ކުރައްވާފަ އެވެ. އިބޫ ވައުދުތައް ވެވަޑައިގަންނަވާއިރު އެ ފުއްދާނެ ގޮތްތަކުގެ ތަފްސީލް އާންމުކޮށް ވިދާޅެއް ނުވެ އެވެ.
އެކަމަށް އިބޫ މިއަދު ރައްދު ދެއްވީ ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ.
"އަޅުގަނޑުމެން ވައުދުތައް ވަމުންދާތީ ރައީސް ޔާމީން މި ވިދާޅުވާ ވާހަކައަކީ ކިހިނެއްތޯއޭ ވައުދުތައް ފުއްދާނީ، ވަރަށް ސާފު ކަމެއް، ވައްކަން ކުރުން ހުއްޓާލަންވީ، ވައްކަން ކުރުން ހުއްޓާލާނީ،" ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، ދައުލަތަށް ފައިސާ ވަންނަ ކަމަށާއި ނަމަވެސް އެއަށް ހިޔާނާތްވެ ވައްކަން ކުރާނަމަ އެހެން ކަމެއް ކުރާނެ ފައިސާ ނުހުންނާނެ ކަމަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތް ޖަލްސާގައި އިބޫ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން ވަނީ އިންތިހާއަށް އިތުރުވެފަ ކަމަށެވެ.
"މިއަދު ރައީސް ޔާމީންގެ ސަރުކާރުން ވަނީ އެޑްވާންސްއަށް ވައްކަން ކޮށްފަ، އެޑްވާންސްއަށް ވައްކަން ކޮށްފަ، މީގެ 10 އަހަރު ފަހުން ލިބެންވީ ފައިސާ ވަގަށް ނަގައި އޭގެ ބޭނުން ވަނީ ކޮށްފަ،" އިބޫ ވިދާޅުވި އެވެ.
އެތައް ލޯނެއް ނަގައި މިހާރު ގައުމު ވަނީ ދަރައި ވިއްކާލާފަ ކަމަށް އިބޫ ވިދާޅުވި އެވެ. އުމްރާނީ ތަރައްގީ އާއި ސިއްހީ ދާއިރާއަށް ބޭނުންވާ ފައިސާ ނެތިގެން ދަނީ ދަރަނި ބޮޑުވަމުންދާތީ ކަމަށް އިބޫ ވިދާޅުވި އެވެ. ލިބޭ ކޮންމެ ފައިސާ ފޮއްޗެއްގެ ބޮޑު ބައެއް ހަރަދު ކުރަންޖެހިފައިވަނީ ދަރަނިތައް ދެއްކުމަށް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.