ހަބަރު

ރައީސް އިބޫއަށް: ތަރައްގީގެ ވާހަކަ ނުދައްކާ، އެކަން ކުރާނެ ގާބިލްކަމެއް ނެތް

ތަރައްގީގެ ވާހަކަތައް އިދިކޮޅަށް ދެއްކިދާނެ ކަމަށާއި އެހެން ނަމަވެސް ތަރައްގީ ގެނައުމުގެ ގާބިލުކަން އިދިކޮޅަކު ނުހުންނާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯހިލް (އިބޫ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރ ދުވާފަރުން ޕީޕީއެމަށް ސަޕޯޓް ހޯއްދަވަން އެރަށަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕޭން ކުރެއްވުމަށް ވަޑައިގެން ބޮޑެތި ވައުދުތަކެއް އިބޫ ވެވަޑައިގަންނަވާއިރު، އެއިން އެއްވެސް ކަމެއް ވިދާޅުވަނީ ހިސާބަކަށް، ފައިސާގެ ބުރަދަނަކަށް ނުވަތަ އެނޫންވެސް ކަމަކަށް ވިސްނާ ވަޑައިނުގެން ކަމަށެވެ. ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަތައް އެމަނިކުފާނު ދައްކަވާތީ، އިބޫވެސް ވާހަކަ ދައްކަވަނީ ކަމަށާއި ކުރު މުއްދަތަކަށް ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް ތާކުންތާކު ނުޖެހޭ ވާހަކަ ދެއްކުން ނޫންކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ވަނީ އިބޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތަރައްގީގެ ސިޔާސަތުތަކަށް އިދިކޮޅުން ފާޑު ކިޔާއިރު، ތަރައްގީ ގެންނަން އިދިކޮޅު ފަރާތްތަކަށް ވެސް ލޯނު ނަގަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ލޯނު ނަގައިގެން ގައުމު ދަރަނިވެރިކުރުވަނީ ރައީސް ޔާމީން ނޫން ކަމަށާއި ރާއްޖެ ދަރަނިވެރިކުރުވީ ވެސް އެމްޑީޕީ ސަރުކާރުން ކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިސަރުކާރުން ވަނީ ރާއްޖޭގައި ހުރި ހުރިހާ ބޮޑެތި މައްސަލަތަކެއްގެ ހައްލު ހޯދައިދީފަ އެވެ. އެހެންކަމުން މި ސަރުކާރުން ކުރާ ކަންތައްތަކަށް ރައްޔިތުން އިތުބާރުކުރެ އެވެ. އަދި މައްސަލަތަކުގެ ހައްލުވެސް މިސަރުކާރުން ގެންނާނެ ކަމަށް ރައްޔިތުން ގަބޫލު ކުރެ އެވެ.

"އެ ބޭފުޅުން ސަރުކާރު ދޫކޮށްލާފައި ދިޔައިރު ސަރުކާރުގެ ދަރަނި އޮތްވަރު އެނގޭތޯ؟ ގާތްގަނޑަކަށް އޮނަތިރީސް ހާސް މިލިއަން.. އެކަމަކު މިއަދު، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސަރުކާރުގެ ބޭސް ފިހާރައެއް ރައީސް ޔާމީން ތަރައްގީކޮށްދީފި. މިއީ އެބޭފުޅުންގެ ވިސްނުންވެސް ފޯރާ ވަރުގެ ކަންކަމެއް ނޫން. އެބޭފުޅުން މިވަރުގެ ކަންކަމާ ދޭތެރޭ ވިސްނާ ބަލަންވެއްޖެ ކަމަށް ވަންޏާ މާލޭގެ ހުޅަނގު ދެކުނު ފަރާތަށް ދިޔައިމަ ހަމަ ކަރަށް ނާރެއް އަރާނެ. އެހެންވީމަ އެބޭފުޅުންގެ އެ ގާބިލުކަމެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ޓެރަރިޒަމްގެ ތުހުމަތުގައި ޖަލައްލާފައި ހުންނެވި އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން ރާއްޖެ ތަރައްގީކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށް ތައުރީފް ކުރައްވާފަ އެވެ. އަދި އެމަނިކުފާނު އިންނަވާ ޖަލްސާއެއްގައި އެމަނިކުފާނަށް ތައުރީފް ކުރާއިރު ރައީސް މައުމޫނަށް ކުޑައިމީސްބަހެއް ރައްދުވާގޮތަށް ވާހަކަ ނުދެއްކުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.

"ރައީސް މައުމޫނަކީ ރާއްޖެއަށް ހިދުމަތްތެރި ބޭފުޅެއް. ރައީސް މައުމޫނަކީ ރާއްޖެ ތަރައްގީ ކުރެއްވި ބޭފުޅެއް. ރައީސް މައުމޫނަކީ ދުވާފަރުވެސް ތަރައްގީ ކުރެއްވި ބާނީ. ރައީސް މައުމޫނަކީ އިގްތިސާދީ ކުރިއެރުންވެސް އަދި އިޖްތިމާއީ ހަމަޖެހުންވެސް އަދި ތައުލީމީ ދާއިރާވެސް އަޅުގަނޑުމެން ހީނުކުރާ ހިސާބަށް ކުރިއަށް ގެންދެވި ބޭފުޅެއް. ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން ރައްޔިތުން ބޭނުންވީ ތަރައްގީގެ ދުވެލި ހަލުވި ކުރުމަށް ކަމަށެވެ. ނަމަވެސް އެކަން އެމްޑީޕީ ވެރިކަމަށް ނުކުރެވި ފެއިލްވީ ކަމަށެވެ.