ބޭރު ކުޅިވަރު

މެސީ ހުއްޓުވާނެ ގޮތެއް އެބައޮތް: އެލެގްރީ

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް ނުކުންނައިރު، ފޯމުގައި ހުރި ބާސާގެ އާޖެންޓީނާ ފޯވަޑް ލިއޮނެލް މެސީ ހުއްޓުވާނެ ޕްލޭނެއް އެބައޮތް ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމޯ އެލެގްރީ ބުނެފި އެވެ.

މި ސީޒަންގައި 58 ލަނޑު ޖަހާފައިވާ މެސީ ވަނީ ބާސާ އަށް ސްޕެއިން ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މެސީ މި ވަގުތު ހުރި ފޯމުގައި އޭނާ ހުއްޓުވުމަކީ ވާނެ ކަމެއް ނޫން ކަމަށް ގިނަ ކޯޗުންތަކެއް ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ބާސާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ހިމެނެ އެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން އެލެގްރީ ބުނީ މެސީގެ އިތުރުން، ބާސާގެ ބްރެޒިލް ފޯވަޑް ނޭމާ އާއި އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒް ހުއްޓުވާނެ ގޮތަކާމެދު ވިސްނާފައިވާ ކަމަށެވެ.

"އަހަރެން އުންމީދުކުރަނީ މާދަމާ (މިރޭ) މެސީ ހުއްޓުވުމުގައި ކާމިޔާބު ލިބޭނެކަމަށް،" އެލެގްރީ ބުންޏެވެ. "މެސީ އަށް އަހަރެމެން ސަމާލުކަން ދޭނަން. އަދި ނޭމާ އާޢި ސުއަރޭޒް އަށް ވެސް ސަމާލުވާނަން. އަހަރެމެން އެބަޖެހޭ ރަނގަޅަށް ކުޅެން. މި މެޗު އެއްވަރުވެގެން ނުނިމޭނެކަން އެނގޭ. އަހަރެމެން ޖެހެ ލަނޑެއް ޖަހަން."

މި މެޗުގެ ކުރިން ޔުވެންޓަސްގެ މުހިންމު ޑިފެންޑަރު ޖިއޯޖިއޯ ކިއެލީީނީ އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ވަނީ މި މެޗުގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ. އެއީ އެލެގްރީ އަށް ލިބުނު ނުތަނަވަސްކަމެކެވެ.

"ވަރަށް ރަނގަޅު ފޯމެއްގައި ކުޅެމުންދިޔަ ކުޅުންތެރިއެއް ކިއެލީީނީ އަކީ. ކިއެލީނީ އަށް ނުކުޅެވުމަކީ ވަރަށް ބޮޑު ދެރައެއް. އެކަމަކު ކިއެލީނީ ނެތްތަނަަށް ކުޅޭ އަންދްރެއާ ބަރްޒަގާލީ ވެސް ހުރީ ރަނގަޅު ފޯމެއްގައި،" އެލެގްރީ ބުންޏެވެ.

ޔުވެންޓަސް އާއި ބާސާ ވެސް މި މެޗަށް ނުކުންނަނީ މި ސީޒަންގައި ތިން ވަނަ ތަށި ހޯދުމަށެވެ. ބާސާ ސްޕެއިން ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައިވާއިރު، ޔުވެންޓަސް ވަނީ އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ.