ހަބަރު

އިންތިހާބާ ދިމާކޮށް މާރާމާރީތައް ދަނީ އިތުރުވަމުން: ރައީސް

ރިޔާސީ އިންތިހާބާއި ދިމާކޮށް ރަހުމްކުޑަ އަމަލުތަކާއި މާރާމާރީ އިތުރުވަމުންދާކަމަށާއި އެފަދަ ކަންކަމަށް ސަމާލުވެތިބުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.

ރ އިންނަމާދޫގެ ބަނދަރު އިފްތިތާހުކޮށްދެއްވުމަށް އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، އިންތިހާބީ މޫސުމާ ދިމާކޮށް ރަހުމްކުޑަ އަމަލުތައް އިތުރުވާން ފަށައިފި ކަމަށެވެ. އެހެން ނަމަވެސް މިހާރު ހިނގަމުންދާ ކަންކަމަކީ ބަޔަކު ކުރުވާ ކަންތައްތަކެއްކަން ބުނަން ބޭނުން ނުވި ނަމަވެސް އެފަދަ ގޯސް ކަންތައްތަކާއި އަހުލާގީ ފެންވަރު ދަށް ކަންތައްތައް ދިވެހިންގެ ތެރޭގައި ފަތުރައި ދަސްކޮށްދިނީ އެމްޑީޕީއިން ކަމަށެވެ. އެހެންކަމުން މިއަދު ކޮރަޕްޝަނާއި، ލާއިންސާނީ މައްސަލަތަކުގެ ވާހަކަތަކާއި އަދުލުވެރިކަން ނެތްކަމުގެ ވާހަކަތައް އިދިކޮޅުން ދައްކާއިރު އެ ވާހަކަތައް ނިސްބަތްވެގެން އަންނަނީ ސީދާ އެފަރާތްތަކާ ދިމާއަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހިންގެ ތެރެއަށް އަނިޔާވެރިވުމުގެ ސަގާފަތެއް ދޫވެގެން އައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި މަސައްކަތްތަކެއްގެ ތެރެއިންނެވެ.

"ހުރިހާ ކަމެއް އެންމެ ޝާމިލުކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ވޭން އަޅާގޮތަށް ކަންކަން ދައްކުވައި ފިލާވަޅުތައް ދައްކުވައިދީ އަހުލާގިއްޔާތު ހަލާކުވެގެންދިޔައީ އެމްޑީޕީއިން ވެރިކަމަށް ނިކުންނަން ކުރި މަސައްކަތުގެ ތެރެއިން. ރައީސް މައުމޫންގެ ދައުރުގެ ފަހު ފަސް އަހަރާއި އެކީ ދެން ލިބިވަޑައިގެންނެވި ވެރިކަމުގެ ތިން އަހަރުގައި ކުރަން ބޭނުންވި ކަންކަން ދައްކާފަ،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން، އިންތިހާބުގެ ވޯޓު ކައިރިވަމުން އަންނަ އިރު އެކި ކަހަލަ "ވައިރަސްތައް ފެތުރޭނެ" ކަމަށް ވިދާޅުވެ، "ވެކްސިނާއި އެންޓިބަޔޮޓިކް" ނަގައިގެން ތިބުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ އެފަދަ ކަންތައްތައް ފެނި އަޒުން ގުޑުވާލައިގެން ނުވާނެ ކަމަށެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އިންސާނިއްޔަތުކަން ދެމެހެއްޓުމާއި އިންސާފު ގާއިމްކުރުމުގެ ވާހަކަތައް މިހާރު ދައްކަވަމުން ގެންދަވާއިރު، އެމަނިކުފާނަށް ގެނެވޭނީ އިންތިގާލީ [ވަގުތީ] ކަންތައްތަކެއް ކަމަށް ވިދާޅުވެ ރައީސް ވަނީ މިއަދުވެސް އިބޫ ހާމަކުރައްވަމުންގެންދަވާ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވަގުތީ ވެރިއެއްގެ ގޮތުގައި އިބޫ ގައުމަށް ގެންނަވާނީ ވެސް ވަގުތީ ކަންތައްތަކެއް ކަމަށެވެ. ވަގުތީ ގޮތުން ވަޑައިގަންނަވާ ބޭފުޅަކަށް ވިސްނިވަޑައިގަންނަވާނީ ވަގުތީ ހައްލުތަކެއް ކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅެއްގެ އިސްތަށިފުޅަށް ހެޔޮވަރުވާ "އިންތިގާލީ ތޮފިތަކެއް" އެމަނިކުފާނުގެ އިސްތަށިފުޅަށް ހެޔޮވަރު ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އިންތިގާލީ ތޮފިތަކެއް އަޅުގަނޑުމެންގެ ބޮލަށް ހެޔޮވަރެއް ނުވާނެއޭ. އެބޭފުޅުންގެ ވިސްނުންފުޅުގަ، އެބޭފުޅުންގެ އަމިއްލަ ނަފްސަށް ރައްދުކުރައްވައި ދައްކަވާ ވާހަކަފުޅެއް އެބޭފުޅުންނަށް ދެއްކެނީ. ކަރަޕްޝަންގެ ވާހަކަ ދެއްކިޔަސް މިކަން އޮތީ މިހެން. ލާއިންސާނީ ކަންތައްތަކުގެ ވާހަކަ ދެއްކެވިޔަސް މިކަން އޮތީ މިހެން. އަދުލުވެރިކަމުގެ ވާހަކަ ދެއްކެވިޔަސް މިކަން އޮތީ މިހެން." ރައީސް ވިދާޅުވި އެވެ.

އިންތިހާބު ކައިރިވެ، ވޯޓުލާ ދުވަސް މަދު ދުވަސްކޮޅެއް ދުރުގައި އޮތް އިރު، ދެން އަންނަ ދައުރަކަށް ރައީސް ޔާމީން ހޮވަންޖެހެނީ އިދިކޮޅު ކެންޑިޑޭޓާ ހިލާފަށް ރައްޔިތުންނަށް ބިނާކުރުވަނިވި ކަންތައްތަކަކާއި ހައްލުތަކެއް ގެނެސްދެއްވާނީ އެމަނިކުފާނަށް ވުމުން ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.