ރައީސް އަބްދުﷲ ޔާމީން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަކުރައްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ކުރީގެ ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އަންނައިރު ޖަލަށްލާފަނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ޖަލަށް ވަޑައިގަންނަވަން ނުޖެހި، ސަލާމަތުން ހުންނެވުމުގެ ފުރުސަތު ލިބިވަޑައިގެންފިނަމަ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ވެރިކަމަށް ވަޑައިގެން ކުރައްވާނެ ތިން ކަމެއް ވިދާޅުވެފަ އެވެ.

އެގޮތުން އެންމެ ބޮޑު ކަމަކީ ފޯޅަވަހި ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި އަނބުރާ ހޯދުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެންމެ ބޮޑު ކަމަކީ ފޯޅަވަހި ކަނޑުގެ ސަރަހައްދު ހޯދުމާ އަދި ހޯދޭ ކަމަށްވަންޏާ ފޯޅަވަހި ހޯދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ދެން ފާހަގަކުރެއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލި ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދިވެސް ރާއްޖޭގައި އިންޑިއާ ސިފައިން އެބަ ތިބި ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިިއރު ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުންނާއި ކޯޓުތަކުގައި އެބަހުއްޓެވެ.