ފިނިޕޭޖް

ގޯލްޑްވެސް 100 ކްރޯޑް ކުލަބަށް

އިންޑިއާގެ މިނިވަންދުވަހާއި ދިމާކޮށް މި މަހު 15 ގައި ރިލީޒްކުރި، އަކްޝޭ ކުމާރްގެ ފިލްމު "ގޯލްޑް" އަށް އިންޑިއާގެ ބޮކްސް އޮފީހުގައި 100 ކްރޯޑުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ފުރަތަމަ ދުވަހު މި ފިލްމަށް ބޮކްސް އޮފީހުގައި 25.25 ކްރޯޑުގެ އާމްދަނީއެއް ލިބުނެވެ. މިއީ އަކްޝޭގެ ފިލްމަކަށް ފުރަތަމަ ދުވަހު ލިބުނު އެންމެ ބޮޑު އާމްދަނީވެސްމެ އެވެ. މި ފިލްމު ތައްޔާރުކުރީ 85 ކްރޯޑުގެ ބަޖެޓަކުންނެވެ.

މިއީ މި އަހަރު 100 ކްރޯޑު ކުލަބަށް ވަތް ނުވަ ވަނަ ފިލްމު އަދި 100 ކްރޯޑް ކުލަބުން ޖާގަ ހޯދި އަކްޝޭގެވެސް ނުވަ ވަނަ ފިލްމެވެ. މިއާއެކު 100 ކްރޯޑް ކުލަބުގައި މިހާރު އެންމެ ވާދަވެރީ ދެ އެކްޓަރުންނަކީ ސަލްމާން ޚާން އާއި އަކްޝޭ ކުމާރް އެވެ. މި ކުލަބުގައި ސަލްމާންގެ 13 ފިލްމެއް މިހާރު އެބަ އޮތެވެ.

"ގޯލްޑް" ޓްރެއިލާ.

އަކްޝޭއާއެކު މުހިންމު ރޯލުތަކުން ކުނާލް ކަޕޫރް، އަމިތް ސިދް އަދި މޯނީ ރޯއީ މި ފިލްމުގައި ފެނިގެންދެ އެވެ. މިއީ ހިންދީ ޑްރާމާތަކުން މަޝްހޫރުކަން ހޯދި މޯނީ، ބޮލީވުޑަށް ތައާރަފުވި ފިލްމެވެ. މޯނީ ކުޅުނީ އަކްޝޭގެ އަންހެނުންގެ ރޯލެވެ.

މި ފިލްމުގައި ގެނެސްދެނީ އިންޑިއާއަށް މިނިވަންކަން ލިބުނު ފަހުން، އެ ގައުމުން އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވެ އެ ގައުމަށް ފުރަތަމަ ފަހަރަށް ގޯލްޑް މެޑަލް ހޯދާދިން މީހާގެ ވާހަކަ އެވެ. ފިލްމުގެ ވާހަކަ ލިޔުނީ ރީމާ ކަގްތީ އާއި ރާޖޭސް ދޭވްރާޖް އެވެ. ފިލްމު ޑައިރެކްޓުކުރީ ރީމާ އެވެ.