(26 އޯގަސްޓް 2018 އާ ގުޅޭ) -- "ސްކާލެޓް" އަރްސަލް ގޮވާލިއެވެ. އަދި އައިސް ފާޚާނާ ބެލިއެވެ. ހެދުންތައް ހުންނަ ބައި ވެސް އަރްސަލް ބެލިއެވެ. އަރްސަލް ކަންބޮޑުވިއެވެ. ވަގުތުން ނިމްރާއަށް ގުޅިއެވެ. އެޕާޓްމެންޓުގައި ނިމްރާ ނެތްކަން އަރްސަލްއަށް ޔަގީންވިއެވެ. އޭނާ ގާތު ބުނެވެސް ނުލާ ނިމްރާ ދިޔަތަނަކާމެދު އަރްސަލް ސުވާލު އުފެދުނެވެ.
ދެތިން ފަހަރަށްވުރެ ވެސް ގިނައިން ނިމްރާއަށް އަރްސަލް ގުޅިއެވެ. ކޮންތާކުތޯ އަހަން މެސެޖުކުރަން އުޅެނިކޮށް އޭނާއަށް ނިމްރާގެ މެސެޖެއް ލިބުނެވެ. އޭގައި އޮތީ ނިމްރާ ހޯދަން މިރޭ ނައުމަށް އެދިފައެވެ. އޭނާ ނިދަނީ ކަމުގައި ބުނެފައެވެ. އަރްސަލްއަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ.
"ކީއްވެ ދޮގެއް ހަދަންވީ؟ އަހަރެން މި ހުރީ ސްކާލެޓް ނިދާ ކޮޓަރިތެރޭގައި، މި އެޕާޓްމެންޓަކުނޫން ނިދަން ތި އޮތީ، ދެން ކޮންތާކު؟ ކާކާއެކު؟" އަރްސަލްގެ ހިތުގައި އުފެދުނު ސުވާލުތަކާއެކު ދެބުމަގުޅުވާލެވުނެވެ. ދަތްކުނޑިވިކާލެވުނެއްކަމަކު އޭނާގެ ހިތުގައި އޮތް އެއްޗެއް ނިމްރާއަށް ހާމަކުރާކަށް ގަސްދެއްނުކުރިއެވެ. އޭގެ ބަދަލުގައި އޭނާ ނިމްރާއަށް މެސެޖުކުރީ ނިދަން ދިއުމުގެ ކުރީން ނިމްރާގެ އަޑުއަހާލަން އޭނާ ބޭނުންވާތީ ކުޑަވަގުތުކޮޅަކަށް ނަމަވެސް އޭނާގެ ފޯނުކޯލަށް ޖަވާބުދިނުމަށެވެ. އޭރުން މިރޭ ދެން އޭނާއަށް އުނދަގޫނުކުރާނެކަމަށެވެ. އެ މެސެޖު ފޮނުވާލިތާ ގިނައިރެއްނުވެ އަރްސަލް އަނެއްކާ ވެސް ނިމްރާގެ ނަންބަރަށް ގުޅައިފިއެވެ. ނަސީބަކުން ނިމްރާ އެ ފޯނުކޯލު ނަގައިފިއެވެ.
"ހެލޯ... ސްކާލެޓް" ނިމްރާގެ އަޑެއްބަޑެއް ނީވުމުން އަރްސަލް ގޮވާލިއެވެ.
"ހެލޯ" ނިމްރާ ބުނެލިއެވެ. ކުރިމަތީގައި ނިމްރާ ފެންނަންނެތް ނަމަވެސް ނިމްރާގެ ކުރެހިފައިވި އަޑުން އޭނާއަށް ކަމެއްވެއްޖެއޭ އަރްސަލްގެ ހިތް ބުނެލިއެވެ.
"ސްކާލެޓް، ހުރިހާކަމެއް ރަނގަޅުތަ؟... ކީއްކުރަނީތި؟ ކީއްވެ އަޑު ބަދަލުވެފައި ތި ހުރީ" އަރްސަލްގެ އަޑުގައިވީ ކަންބޮޑުވުމެވެ.
"ނިދާފަ ހޭލެވުނީމަ އަޑު ބަދަލުވީ... ގުޑްނައިޓް އަރްސަލް" ނިމްރާ ބުނެލި ގޮތުން ފޯނުކޯލު ދިގުކުރަން އޭނާ ބޭނުންނުވަނީކަން އަރްސަލް ދެނެގަތެވެ.
"އޯކޭ... ގުޑްނައިޓް" ވާނުވާނޭނގުނަސް ފޯނުން ނިމްރާއާ ސުވާލުތަކެއް ކުރިމަތިކުރުވާކަށް އަރްސަލް ބޭނުމެއްނުވިއެވެ. ނިމްރާ ފޯނުކޯލު ކަނޑާލުމުން އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި ޖީންސުގެ ޖީބަށް އަރްސަލް ފޯނުލިއެވެ. އަދި އޭނާ އައިއިރު ހުރި ފަދައިން ނިމްރާގެ ކޮޓަރީގެ ބޮކިތައް ނިވާލައި އެޕާޓްމެންޓުން ނުކުތެވެ. އެލެވޭޓާއަށް އަރަން އުޅެފައި ވެސް ކޮރިޑޯގައި އަރްސަލް މަޑުކޮށްލިއެވެ. އަދި ފޯނު ނަގައި ޒިވަންއަށް ގުޅިއެވެ. ކޯލަށް ޖަވާބުދިން ޒިވަންގެ ފަރާތުން އެނގުނީ އޭނާ އިރާކޮޅު އޮފީހުން ނުކުމެގެން ދިޔަގޮތަށް އެނބުރި ނާންނަކަމެވެ. އަދި ދެން އަންނަން ގަސްދުކުރަނީ މާދަމާގެ ހެނދުނުގެ ވަގުތެއްގައި ކަމެވެ. ނިމްރާއަށް ވީގޮތެއް ނޭނގި ގެއަށް ދާހިތެއް އަރްސަލް ނުވިއެވެ. އެހެންވެ ޒިވަން ނެތް ނަމަވެސް ހޮޓެލްގެ ސީސީޓީވީ ކޮންޓްރޯލު ރޫމު ތެރެއަށް އަރްސަލް އައިސް ވަނެވެ. އެތަނުގައި އެވަގުތު ޑިއުޓީގައި ތިބި ސްޓާފުން ސަމާލުކަމަށް އައެވެ. ޑިއުޓީ އިންޗާޖަކަށް ހުރި ޒުވާނާ، އޮފީހުގައި ޒިވަން ނޫޅޭކަމުގައި އަރްސަލްގެ މަޢުލޫމާތަށް ބުނެލިއެވެ.
"އައި ނޯ... ދެންމެ ގުޅާލައިފިން، އަހަރެން މިތާ މަޑުކޮށްލިޔަސް ކަލޭމެން ކުރާކަމެއް ކުރޭ" އަރްސަލް ބުނެލިއެވެ. އެހިނދު ޑިއުޓީ އިންޗާޖު ބޯޖަހާލުމަށްފަހު އަރްސަލް އިށީނުމަށް ގޮނޑިއެއް ދެއްކިއެވެ. އަރްސަލްގެ ނަޒަރު ހުއްޓިފައި ހުރީ ހޮޓެލްގެ މައިދޮރުން މަގުމަތި ފެންނަ ގޮތަށާއި ހޮޓެލްގެ އެތެރެ ފެންނަ ގޮތަށް ހުރި ކެމެރާ އަޅުވައިފައިވާ މޮނީޓާއަށެވެ. ގޮނޑީގައި ލެނގިލައި ދެފައި ދަމާލައި އެއްފައިތިލަ އަނެއްފައިތިލައިގައި އަޅުވައިލައިގެން ދެއަތް އުރާލައިގެން އަރްސަލް އިނެވެ. ދޭތެރެއަކުން އޭނާގެ ނަޒަރު އެތަނުގައި ހުރި ގަޑިއަށް ހުއްޓެވެ.
އިންތިޒާރުގެ ވަގުތު ނިމުމަކަށް އައި ހިނދު އަރްސަލްއަށް ވަގުތުން ގޮނޑީގައި އިނދެފައި ހަށިގަނޑު ސީދާކޮށްލެވިއްޖެއެވެ. އެސްފިޔަޖަހާލުމެއްނެތި އޭނާ މޮނީޓަރުގެ އިސްކުރީނަށް ނަޒަރު ހުއްޓާލިގޮތަށް އިނީއެވެ. އެކަނިމާއެކަނި ހޮޓެލްގެ މައިދޮރުން އިސްޖަހާލައިގެން ހުރެ ވަދެގެން އައި ނިމްރާ ލޮބީ ހުރަސްކޮށް ޕްރައިވެޓް އެލެވޭޓާއަށް އެރުމާއެކު އޭނާ ގެއްލުނީއެވެ. ޕްރައިވެޓް އެލެވޭޓާއިން ފެށިގެން ޕެންޓްހައުސް ފެންނަ ގޮތަށް ހުންނަ ކެމެރާތައް މޮނީޓާކުރާނީ ޒިވަންއަށް ވާތީ އަރްސަލްއަށް ނިމްރާ ފެންނަގޮތް ނުވީއެވެ.
"ގުޑްނައިޓް ސާރ" އަރްސަލް ގޮނޑިން ތެދުވެ ކޮންޓްރޯލު ރޫމުން ނުކުންނަން ހިނގައިގަތުމުން ޑިއުޓީ އިންޗާޖު ބުނެލިއެވެ. އަރްސަލް ބޯޖަހާލާފައި ނުކުތީއެވެ.
"ބާރަޖަހައި ދިޔައީ؟ މި ހުރިހާއިރު ކޮންތާކު އުޅުނީ؟" ހޮޓެލުން ނުކުންނަން އައި އަރްސަލްގެ ހިތުގައިވިއެވެ.
ގޭކައިރީ ހުރި ޕާކިން ސަރަޙައްދުގައި ސައިކަލު ބަހައްޓާފައި އަރްސަލް އައިސް ގޭގެ ދޮރޯށިން އެތެރެއަށް ވަނެވެ. މަޑު ހިނގުމުގައި އައިސް ގޭގެ ބޮޑުކޮޓަރީގެ ދޮރު ހުޅުވާލައި އަރްސަލް އެތެރެއަށް ވަން ވަގުތު ފަނޑުއަލިކަމުގެ ތެރެއިން ސޯފާގައި އިން ހަލަފް އަޅައިގަތެވެ. ފިޔަވަޅު މަޑުޖައްސާލުމަށްފަހު ހަލަފްއަށް ބަލަން އަރްސަލް ހުއްޓެވެ. އަދި ބޮޑުކޮޓަރީގެ ދޮރު އަރްސަލް ލައްޕާލަން އުޅެނިކޮށް ހަލަފް ވާހަކަދެއްކިއެވެ.
"ޑޭޑް ބުނީ ދޮންބެއައީމަ ބުނާށޭ ހުރިހާ ދޮރެއް ލައްޕާފައި ނިދަން ދައްޗޭ" ޕޮޕްކޯން ތަށްޓެއް ހިފައިގެން އަނެއްއަތުން ޓީވީގެ ރިމޯޓް ހިފައިގެން އިނދެ ހަލަފް ބުނެލިއެވެ. އަރްސަލް އެއްޗެކޭ ނުބުނެ ހަލަފް ބުނި ފަދައިން ކަންތައް ކުރިއެވެ. ކޮޓަރިއަށް ދިއުމަށް ސިޑިއާ ދިމާއަށް ގޮސްގޮސް ހުރެފައި އަރްސަލް އަނެއްކާ ވެސް މަޑުޖެހިލިއެވެ.
"ހަލަފް!... ރެޑް ގޮވައިގެން މިރޭ ކޮންތާކަށް ދިޔައީ؟" އަރްސަލް އަހާލިއެވެ. ހަލަފްއަށް ލިބުނީ ހައިރާންކަމެވެ.
"ވައި؟ ޔޫ ގޮޓް ޖެލަސް އަގައިން" ސަމާސާގެ ރާގެއްގައި ހަލަފް ބުނެލިއެވެ.
"ސްޓޮޕް ބީން އެން އިޑިއަޓް އެންޑް ޖަސްޓް އާންސާ މީ" އަރްސަލްގެ އަޑުގައިވި ސީރިއަސްކަން ހަލަފް ނަގައިގަތެވެ.
"މިރޭ ފެނުނީތަ؟ އެކްޗުއަލީ... އެއީ ރެޑްއެއްނޫން... އައި އޭމް ސީއިން އީވާ" ހިސާބަކަށް ޖެހިލުންވެފައި ހުރެ ބޯކަހާލަމުން ހަލަފް ބުނެލިއެވެ. އަރްސަލް އޭނާގެ ކޮއްކޮއަށް ބަލަން ހުރުމަށްފަހު އެއްޗެކޭ ނުބުނެ ސިޑިން އަރައިގެން ދިޔައީއެވެ. ހަޤީޤަތުގައި އޭނާއަށް ހަލަފްއެއް މިރޭ ނުފެނެއެވެ. ނިމްރާ އާންމުކޮށް ބޭރަށް ދަނީ ހަލަފްއާއެކުއެވެ. އެހެންވެ މިރޭ ވެސް އޭނާ ދިޔައީ ހަލަފްއާއެކުގައި ކަމަށް ލަފާކޮށްލައިފައި އަރްސަލް ބުނެލީއެވެ.
"ވަޓްސް ރޯންގް ވިތް ހިމް؟" އަރްސަލް ދިއުމުން ޓީވީގައި އަޅުވައިފާ ފިލްމު ޕްލޭކޮށްލި ހަލަފް އަމިއްލަ ނަފްސަށް ބުނެލިއެވެ.
* * * * *
ހެނދުނު ރާދިންއާއެކު ހޮޓެލައަށް އައި އަރްސަލް ފުރަތަމަކަމަކަށް ކުރީ ޕެންޓްހައުސްއަށް އައުމެވެ. އޭނާއާއެކު ރާދިން ވެސް ހުއްޓެވެ. ދެ ޒުވާނުން އައިސް ޕެންޓްހައުސްއަށް ވަންއިރު ނިމްރާއެއް ނެތެވެ.
"ނިމް އޮފީހަށް ނުކުތީ ކަންނޭނގެ" ނިމްރާ ފެންނަން ނެތުމުން ރާދިން ބުނެލިއެވެ. އަރްސަލްގެ ސިކުނޑީގައިވި ސުވާލުތައް ފޮރުވާލަމުން އޭނާ ރާދިންއަށް ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.
ހެނދުނު ސައިބޯންދާން އަރްސަލް އެދުމުން ވެސް ނިމްރާ ހެދީ ދެކޮޅެވެ. ނިމްރާއާ މެދު ފިކުރުކުރަން އިން އަރްސަލްގެ ސަމާލުކަން އަތުލީ ރާދިންއެވެ.
"ކޮން ޚިޔާލެއްގައި؟" ރާދިން އެހިއެވެ.
"މެރީކުރުން އަވަސްކުރަންވީއޭ މިހިތަށް އަރަނީ. ބައްޕަ ގާތު ބުނަންޖެހޭނެތީ އެކަމާ މި ވިސްނަނީ" އަރްސަލްގެ ފިކުރުތަކުން އެއްބައި އޭނާ ހާމަކުރިއެވެ.
"ބައްޕަ ދެކޮޅެއް ނުހާދަނެ، އެއީ ޔަގީންވާކަމެއް... އަހަރެން ތާއީދުކުރާކަމެއް ތި ދެ މީހުން އަވަހަށް ކައިވެނިކުރުން، އަރްސަލްގެ މިހާރު އެއްވެސް ކޮންޓްރޯލެއް ނުހުރޭވިއްޔާ" ހިނިއައިސްފައި އިނދެ ރާދިން ބުނެލިއެވެ.
"ސްކާލެޓްއާ މީޓްކުރަން ބައްޕަ ބޭނުންވެއްޖެއްޔާ ދެން ކިހިނެއް ހަދާނީ" އަރްސަލް އަހާލިއެވެ.
"ބައްޕަ ބޭނުންވާނެ ދޯ މީޓުކުރަން... އާނާއަކީ ކާކުކަން އެނގޭއިރު ވެސް ބައްޕަ ބޭނުންވިއެއްނު މީޓުކުރަން، އެހެންވީމަ އަދިއަމުދުން ނިމްއާ މީޓްކުރަން މާބޮޑަށް ބޭނުންވާނެއެއްނު، ޑޯންޓް ވޮރީ އަރްސަލް، ނިމްއާ ވާހަކަދައްކައިގެން ދުވަހެއް ކަނޑައަޅައި، އޭގެ ކުރީން ބައްޕަ ގާތު ހުރިހާ ވާހަކައެއް ކިޔައިދީ، ހީ ވިލް ލިސްން" ރާދިންގެ ޚިޔާލު އޭނާ ފާޅުކުރިއެވެ.
"އައި އޭމް މޯ ވޮރީޑް އަބައުޓް ހާ" އަރްސަލް ބުނެލީ ކޮންމާނައެއްގައި ކަން ނޭނގުނަސް ރާދިން ހީނލި އަޑުއިވުނެވެ.
"ކޮބާ އެއްކަލަ ކަންތައް؟ ޑޮކިއުމެންޓްސްތައް ނުނިމޭތަ؟ އައި ވޯންޓް އިޓް ޓު ބީ އަ ވެޑިން ގިފްޓް ޓު ހާ" އިރުކޮޅަކު އިނދެފައި އަރްސަލް ބުނެލިއެވެ.
"މިއަދު ނިންމާލާނަން، އަހަރެން މި ހުރީ ޤަބޫލުނުކުރެވިފައި އަރްސަލް އެކަމުގައި ކީފާއަށް ކޮންސަލްޓްކުރީމަ، އޭނާއަށް އިތުރު ޗާންސެއްދޭން އަރްސަލް ވިސްނަނީތަ؟ ހުރިހާކަމެއް ސްމޫތްކޮށް ދަނިކޮށް އަހަރެން ބޭނުމެއްނޫން އަނެއްކާ އޭނާއާ ހެދި ތި ދެ މީހުން ދޭތެރޭ ކަންތައްގަނޑެއް ހިނގާކަށް، އަހަރެންގެ ލަފައެއް ބޭނުމިއްޔާ... އަހަންނަށް ފެންނަނީ ރައްޓެއްސެއްކަމަކު ތަންކޮޅެއް ދުރުގައި އޭނާ ބަހައްޓަން، މިފަހަކަށް އައިސް އޭނާއެކޭ ބޮލުގައި ރިހުމެކޭ އެއްވަރު" ރާދިން ބުންޏެވެ.
"އަހަރެން ވެސް މީ ދާއިމީ ކަމަކަށް ހަދާކަށް ގަސްދެއްނުކުރަން، އެހާ އަވަހަށް ނިންމަން ބޭނުންވީމަ އޭނާގެ އެހީ ހޯދީ، އެހެންނޫނަސް އޭނާ ގާތު އަހަރެން ބުނެފިން ނިމްއާ ކައިވެނިކުރަންށޭ މިއުޅެނީ، ނިމް ނޫން އަންހެންކުއްޖަކަށް އަހަރެންގެ ދިރިއުޅުމުން ފުރުޞަތެއްނެތޭ" އަރްސަލް ބުނެލިއެވެ.
"އޯކޭ... ކޮބާ މިހާރު ރިންގު އަތުވެއްޖެތަ؟ ޔޫ ޝުޑް ޕްރޮޕޯޒް ހާ ޕްރަޕާލީ" ރާދިން ބުންޏެވެ.
"އައި ނޯ" އަރްސަލް އިތުރަށް އެއްޗެކޭ ނުބުންޏެވެ. އެހާވަރުން ހެއްދި އަނގޮއްޓި ގެލުނީއޭ ބުނަން އަރްސަލް ބޭނުންނުވީއެވެ. އެކަން ހަނދާންވާ ކޮންމެ ފަހަރަކު އޭނަގެ ހިތަށް އުނދަގޫވެއެވެ.
ހަވީރު ފަހެއް ޖެހުމުގެ ކުރީން ރާދިންއަށްވުރެ ކުރީން އަރްސަލް އޭނާގެ ކެބިންއިން ނުކުތެވެ. ހަލުވިކޮށް އޭނާ މިސްރާބުޖެހީ ނިމްރާގެ ގާތަށް ދިއުމަށެވެ. ނިމްރާ އިންނަ ކެބިންގެ ދޮރު ހުޅުވާލިއިރު މޭޒުދޮށުގައި މަސައްކަތުގައި ނިމްރާއިނެވެ. އީވާ ގެއަށްދާން ތައްޔާރުވަނީއެވެ.
"ނުދަންތަ؟" އަރްސަލް އެތެރެއަށް ވަދެގެން އައި ގޮތަށް ހުއްޓިލީ ނިމްރާގެ މޭޒު ކައިރީއެވެ.
"އިރުކޮޅަކުން" ލެޕްޓޮޕްގެ އިސްކުރީނުން ނަޒަރު ވަކިކޮށްލުމެއްނެތި ނިމްރާ ބުނެލިއެވެ.
"ތި ކުރާކަމެއް ބަހައްޓާފައި އާދޭ އަހަންނާއެކު" އަރްސަލް ބުނެލިއެވެ.
"ވަޒީފައިގައި ހުރިހާ ދުވަހަކު މަސައްކަތަށް ކަމޭ ހިތަންވާނެ، މިވަގުތު އަހަންނަކީ ހަމައެކަނި މި ހޮޓެލްގެ މުވައްޒަފެއް، މަސައްކަތްކުރަން ކަނޑައަޅާފައި އޮންނަ ގަޑި ނިމުނީމާ އެޕާޓްމެންޓަށް ދާނަން" ނިމްރާ މިފަހަރު ވެސް ވާހަކަދެއްކީ އަރްސަލްއާ ނަޒަރު ސީދާކޮށްނުލައެވެ. ދަތްކުނޑިވިކާލި އަރްސަލް ބަލަން ނުހުރެ ނިމްރާގެ ލެޕްޓޮޕް ލައްޕާލިއެވެ.
"ލެޓްސް ގޯ... ނަ.އު.." އަރްސަލް އަމުރުކުރިއެވެ. ފިނިނޭވާއެއް ދޫކޮށްލުމަށްފަހު ނިމްރާ އަތްދަބަސް ނަގައި މޭޒުމަތީ އޮތް ފޯނު ހިފައިގެން ތެދުވިއެވެ. މޭޒު ކައިރިން ދުރަށް ދެވުނު ހިނދު އޭނާގެ އަތުގައި އަރްސަލް ހިފިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އެތަނުގައި އީވާ ބަލަން ހުރުމުން އެކަން ބޮޑުކަމަކަށް އަރްސަލްއަކަށް މިފަހަރު ނުވިއެވެ.
ޕެންޓްހައުސް އެޕާޓްމެންޓުގެ ތެރެއަށް ވަދެވުމާއެކު ނިމްރާގެ ފުރަގަހުން އޭނާގެ ގައިގާ އަރްސަލް ބައްދާލިއެވެ. ނަމަވެސް ނިމްރާ ހުރީ ހަރަކާތެއް ވެސް ކޮށްނުލައެވެ.
"އައި މިސްޑް ޔޫ" ނިމްރާގެ ކޯތާފަތުގައި އަރްސަލް ބޮސްދިނެވެ.
"އަހަރެން ވަރަށް ބަނޑުހައި، މެންދުރު ވެސް ނުކައި މި ހުރީ، ސްކާލެޓް ގާތު ކާންދާން ބުނުމުން ވެސް މިއަދު އެއްބަހެއްނުވީމެންނު" އަރްސަލްގެ އަތުގެ ތެރޭ ނިމްރާ ހިފަހައްޓާލައިގެން ހުރެ ބުންޏެވެ.
"ކޯޗެއް ކާން ހަދައިދޭންވީ" ނިމްރާ ވާހަކަދެއްކިއެވެ. އަރްސަލް ނިކަން ހިނިއައިސްފައި ނިމްރާ ހަދައިދޭ ކޮންމެ އެއްޗެއް ކާނަންކަމުގައި ބުނެލިއެވެ. އެއާއެކު އޭނާއާ ދުރަށް ނިމްރާ ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި ހެދުން ބަދަލުކޮށްގެން އެބަ އަންނަން ކަމުގައި ނިމްރާ ބުނެލިއެވެ. އަރްސަލް ލައިގެން ހުރި ގަމީހުގެ އަތްކުރި މުލައްދަނޑި ފެންނަ ވަރަށް އޮޅާލުމަށްފަހު ކަރުގައި އޮތް ޓައީ ނެގިއެވެ. އަދި ކަރުގޮށާއެކު ތިރީ ދެގޮށް ނައްޓާލަމުން އައިސް ސޯފާގައި ހަމަޖެހިލިއެވެ.
ނިމްރާ ބަސްމަދެވެފައި ހުންނަކަން އަރްސަލްއަށް ފާހަގަވިއެވެ. ކާންތައްޔާރުކޮށް އަރްސަލްއަށް ކާންގޮވިއިރު އޭނާއާއެކު ކާކަށް ނިމްރާ ނޭރިއެވެ. އަރްސަލް އެދުމުން ބަނޑުހައިނުވާކަމުގައި ނިމްރާ ބުނެލިއެވެ. އަދި ފެންވަރަން ދަނީކަމުގެ ބަހަނާ ދައްކައި އަރްސަލް ކަންދެން މަޑެއް ވެސް ނުކުރިއެވެ. ރޭގައި ނިމްރާ ކަންތައްކުރި ގޮތް އަރްސަލްގެ ހަނދާނުން ފިލައިގެން ނުދެއެވެ. އެހެންނަމަވެސް އޭނާ މަޑުއެކުރަނީ ނިމްރާ އަމިއްލައަށް އެކަން ބުނޭތޯއެވެ. އަނެއްކޮޅުން ނިމްރާއަށް އަރްސަލް ފާރަލަނީއޭ ބުނުމުގެ ފުރުޞަތު ދޭން އަރްސަލް ބޭނުންނުވާތީއެވެ.
"ސްކާލެޓް" ނިމްރާ ކޮޓަރިން ނުނިކުތުމުން އަރްސަލް އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭރު އިސްތަށިގަނޑުގައި ބުރުސްޖައްސާ ލައިގެން ބޭރުފެންނަ ގޮތަށް ހުރި ބިއްލޫރި ބިތުގެ ކައިރީ ނިމްރާ މަޑުކޮށްލައިގެން ހުއްޓެވެ. އަރްސަލް ގޮވާލުމުން ނިމްރާ އެނބުރިލިއިރު އޭނާގެ ގާތަށް އަރްސަލް އަންނަނީއެވެ.
"މެރީކުރާކަން ބައްޕަ ގާތުގައި އަހަރެން މިރޭ ބުނާނަން، ސްކާލެޓް އަހަރެންގެ ބައްޕައާ ބައްދަލުކުރަން ގެންދަން ބޭނުންވަނީ އޭގެ ފަހުގައި، އައި އޭމް ރިއަލީ ނާވަސް އަބައުޓް އިޓް، ބައްޕަ ކުރާހާ ސުވާލަކަށް ޖަވާބުދޭނެ ގޮތެއް ނުވިސްނޭ" އަރްސަލް އައިސް ނިމްރާގެ ގާތުގައި ހުއްޓިލައި އޭނާގެ އަތްތިލައިގައި ހިފާލިއެވެ.
"ކީއްވެ އެއްޗެއް ނުބުނީ... ކޮންކަމަކާ ތި ވިސްނަނީ" ނިމްރާ ބަލަން ހުރުމުން އަރްސަލް އަހާލިއެވެ.
"ވައި އާ ޔޫ ޑުއިން ދިސް" ނިމްރާ މަޑުމަޑުން އަހާލިއިރު އެ އަޑުގައި ރިހުންވިއެވެ.
"އަހަރެން ހީކުރީ މިހާރު އެނގޭނެކަމަށް، ވަޓް ޑޫ ޔޫ ތިންކް" ލުއި ހީނލުމަކާއެކު އަރްސަލް ބުނެލިއެވެ. އެހިނދު ނިމްރާއަށް ތުންފިއްތާލެވުނެވެ. އޭނާއަށް މާނަކުރެވުނީ އަރްސަލްގެ ހިތުގައިވާ ގޮތާ ދިމާ އިދިކޮޅަށެވެ. ސިކުނޑީގައިވީ ކީފާގެ ވިހަގަދަ ބަސްތަކެވެ. އެ ވާހަކަތަކަށް ނުބައި ޒަހަރެއްގެ ވިހަ ފަދައިން ނިމްރާގެ ސިކުނޑިއާއި ހިތް ހިސާރުކޮށް ނިމެނީއެވެ.
"އެނގިއްޖެ... މިހާރު އެނގިއްޖެ، އިޓް އިޒް ކްރިސްޓަލް ކްލިއާ" އިސްޖަހާލަމުން ނިމްރާ ބުނެލިއެވެ.
"އެހެންވީމަ ޑޭޓެއް ފިކްސް ކުރަމާ" އަރްސަލް ބުނެލިއެވެ.
"ހިތަށް އަރާ ހުރިހާކަމެއް ނިމޭނީ ކޮންދުވަހަކުންބާއޭ" ނިމްރާގެ އަޑު މަޑުކަމުން އަރްސަލްއަށް އޭނާ ބުނި އެއްޗެއް ސާފެއްނުވިއެވެ. އެހެންވިޔަސް އޭނާ ނިމްރާ ގާތަށް ދަމާލައި އަރްސަލް ދެން ކުރިކަމަކުން ނިމްރާގެ އަތުގައި އޮތް ބުރުސް ތަޅުންމައްޗަށް ވެއްޓުނެވެ.
"ވަޓްސް ރޯންގް... އައި ރިއަލީ މިސްޑް ޔޫ" ނިމްރާ ނިކަން އަވަހަށް ދުރަށްޖެހިލިގޮތް ފެނި އަރްސަލް ބުނެލިއެވެ.
"ޕްލީޒް... މިއަދު އަހަރެން އެކަނިވެލަން ފުރުޞަތު ދީ، އައި... އައި ހޭވް އަ ޓެރިބަލް ހެޑޭކް" ނިމްރާ ބުނެލިއެވެ. އެހެންނަމަވެސް އެކަން އަރްސަލް ޤަބޫލެއްނުކުރިއެވެ.
"މިހާރަކަށް އައިސް ސްކާލެޓް ހާދަ ގިނައިން ބޮލުގައި ރިއްސާތީ ތިއުޅެނީ، ޑަކްޓަރަށް ދައްކަންވީނު، ހިނގާ އަހަންނާއެކު މިއަދު ޑަކްޓަރަށްދާން" އަރްސަލް އެދުނެވެ. ނިމްރާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އޭނާގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހިއެވެ. ދެ ޒުވާނުންނަށް ދޮރާ ދިމާއަށް ބަލާލެވުނީ އެއްކޮށެވެ.
"ރާދުއަށް އެވާނީ" އަރްސަލް ބުނެލިއެވެ. ރާދިންއައިކަން ނަސީބެކޭ ނިމްރާގެ ހިތަށް އެވަގުތު އެރިއެވެ.
"އަހަންނަށް ހީވިޔޭ ނުކުމެގެން ދިޔަ ގޮތުން ވެސް ނިމް ގާތަށޭ އައީ" ނިމްރާގެ ކޮޓަރީގެ ދޮރު އަރްސަލް ހުޅުވާލުމުން ރާދިން ބުނެލިއެވެ.
ނިމްރާއާއެކު ރާދިންއާއި އަރްސަލް ވާހަކައިގައި ތިބިއިރު ކައިވެންޏާ މެދު ރާދިން ވާހަކަދެއްކިއެވެ. ޝިހާނާއާއި އިންނަން ތާރީޚެއް ކަނޑައަޅަން ބިލާލު ބުނެފައި އޮތްކަމާއި އަރްސަލް މީހަކާ އިންނަން އުޅޭ ޚަބަރު ލިބުމުން އިތުރަށް ބިލާލު އުފާވާނޭކަމެވެ. ރާދިން ޚިޔާލު ފާޅުކުރީ ދެ މީހުންގެ ކައިވެނި އެކުގައި ބޭއްވުމަށެވެ. ނަމަވެސް އަރްސަލް އެގޮތާ އެއްބަހެއްނުވިއެވެ. އޭނާ ބުނީ އެގޮތަށް ކައިވެނި ކުރުމުގައި އެއްވެސް މަޖަލެއްނެތްކަމުގައެވެ. ރާދިން ކައިވެނި ކުރާއިރު އޭނާގެ އެންމެ ގާތުގައި އަރްސަލް ހުންނަން ބޭނުންވެއެވެ. އަދި އަރްސަލްގެ ކައިވެނި ކުރެވޭއިރު ހަމައެފަދައިން އޭނާގެ ގާތުގައި ރާދިން ހުރުން އަރްސަލް އެދެއެވެ. ދެކެވެމުންދިޔަ ވާހަކަގައި އެއްވެސް އެއްޗެއް ނުބުނެ އިނީ ނިމްރާއެވެ. ރާދިން އެކަމާ ސުވާލުކުރުމުން ނިމްރާ ހިނިތުންވެލިއެވެ.
"އާނާ ވަރަށް ނަސީބު ގަދަ، ރާދު ކަހަލަ ރަނގަޅު ޒުވާނަކު އޭނާގެ ދިރިއުޅުމަށް އައީތީ، އާނާ ހުރީ ވަރަށް އުފަލުންކަން އެނގޭ، ކައިވެނިކުރަން އޭނާ ވެސް ހުރީ ކެތްމަދުވެފައި، ޔަގީނުން ވެސް ތި ދެ މީހުންގެ ކައިވެނި އިރާދަކުރެއްވިއްޔާ ކުރެވޭނެ" އަމިއްލަ ނަސީބާމެދު ޝަކުވާކުރަމުން ނިމްރާ ބުނެލިއެވެ. އޭނާއަށް ވިސްނުނު ގޮތުގައި އަރްސަލްގެ ކައިވެނި ރާދިންއަށްވުރެ ފަސްކުރަން ގަސްދުކުރަނީ އެއީ ކުރެވޭނޭ ކައިވެންޏަކަށް ނުވާތީއެވެ. ނިމްރާއާ ކައިވެނި ކުރަން އަރްސަލްގެ ގަސްދެއް ނެތީމައެވެ.
ރޭގައި ނިމްރާ ވަރަށް ވިސްނިއެވެ. ކަރުނައަކީ ހުސްވާނޭ އެއްޗެއްނޫންކަން އޭނާއަށް އެނގެއެވެ. ހަމައެކަނި ލިބެން އޮތް ހިތްހަމަޖެހުމަކީ ވެސް އެއީއެވެ. ނަސީބާމެދު ރޯލައިގެން ހިތްހަމަޖައްސާލުން ނޫން ގޮތެއް ނެތޭ ނިމްރާގެ ޟަމީރު އެއްބަސްވިއެވެ. ލޫންގެ މަރުގެ ބަދަލު ދެވޭނޭގޮތެއްނެތެވެ. އަރްސަލްގެ ބަދަލުހިފުން ފުރިހަމަވަންދެން އޭނާއާއެކު މަޑުކުރަން ނިމްރާ ނިންމީ އެހެންވެއެވެ. ފަހަރެއްގައި އޭރުން އަރްސަލްގެ ހިލަވެފައި އޮތް ހިތަށް ދިރުން ލިބިދާނޭކަމުގެ އުންމީދުގައެވެ. ދުނިޔެ ދައްކާ ހުރިހާ މަންޒަރަކަށް ކެތްކުރަން ނިމްރާ ނިންމީއެވެ. ދެން ދުވަހަކުވެސް އޭނާ މީހަކުދެކެ ލޯތްބެއްނުވާނެއެވެ. ނޭނގިހުރެ ވިޔަސް އަރްސަލްގެ ފަރާތުން ލިބުނު އޯގާތެރިކަމާއި ރައްކާތެރިކަމުގެ އިތުރުން އޭނަދެކެ ވެވުނު ލޯބި ނިމްރާ ދުވަހަކުވެސް ހަނދާނެއްނުނެތޭނެއެވެ. އަރްސަލްއާ ވަކިވާންޖެހޭ ދުވަސް އައުމުން އޭނާ އަރްސަލްއާ ދުރުގައި އުޅޭނީ އެ ހަނދާންތަކުގެ އެހީގައެވެ. މިހާރުއްސުރެ އެ ދުވަސް އަންނާނޭކަން އެނގޭތީ ނިމްރާ ބޭނުންވަނީ ނަފްސު ތައްޔާރުކުރާށެވެ. އެހެންވިޔަސް ހިތަށް ވިސްނައިދޭނޭ ގޮތެއް ނޭނގެއެވެ.
* * * * *
ރޭގަނޑުގެ ކެއުމަށްފަހު ބޮޑުކޮޓަރީގެ ސޯފާގައި ބިލާލު ހަމަޖެހިލީ ޓީވީ ބަލާލާށެވެ. އެހެން ރޭ ރެއަށްވުރެ އަރްސަލް އޭނާއާ ގާތުގައި އުޅޭކަން ބިލާލަށް ފާހަގަވިއެވެ. ދަރިފުޅު ކަމެއް ބޭނުންވީއޭ ބިލާލުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް މަޑުކޮށްލައިގެން އިނީ އަރްސަލް އިސްވެ ބުނާނޭ އިރެއްގެ އިންތިޒާރުގައެވެ. ސޯފާގައި އަރްސަލްއާއެކު ރާދިން ވެސް އިނެވެ. އިރުކޮޅަކު އިނުމަށްފަހު އަރްސަލްގެ ގައިގާ ރާދިން ކޮއްޓާލިތަން ބިލާލު ދުށްޓެވެ. ރާދިން ކޮންމެވެސް ކަމަކަށް އަރްސަލްއަށް އިޝާރާތްކުރަނީއެވެ. އެއިން އެއްވެސް ކަމެއް ނުފެންނަ ކަމަށް ހަދައިގެން ބިލާލު އިނެވެ. ނަމަވެސް ގިނައިރަކު ނީނދެވުނެވެ. ހިނިއައިސްފައި އޭނާގެ ދަރީންނާ ދިމާއަށް ބިލާލު އެނބުރިލިއެވެ.
"ހޫން ދެން ބުނެބަލަ... ބައްޕަ އަޑުއަހާށޭ މި އިނީ" ބިލާލު ބުނެލިއެވެ. އެހިނދު ރާދިންގެ ކޮނޑުން އަރްސަލްގެ ކޮނޑުގައި ޖެހިލިއެވެ.
"މީ.... އަރްސަލް... އަރްސަލް ވާހަކައެއް ދައްކަންވެގެން" ރާދިން ވާހަކަފެށުމާއެކު ބިލާލު އަތުން އިޝާރާތްކޮށްލީ ހުއްޓާލުމަށެވެ. އެހިނދު އަރްސަލްއާއި ރާދިން އެކަކުއަނެކަކަށް ބަލާލާފައި ބިލާލުއަށް ބަލާލީ ހައިރާންވެ ތިބެއެވެ.
"ބައްޕަ ގާތު އަރްސަލް ވާހަކައެއް ބުނަންބޭނުންވާނަމަ އަރްސަލް ބުނާނީ، ރާދިންއެއްނޫން... އަރްސަލް ބުންޏަސް ބައްޕަ އަޑުއަހާނަމޭ، ހީވަނީ ވަރަށް ބޮޑު ވާހަކައެއް ބުނަންހެން ތިއުޅެނީ، އަރްސަލް! ތިހެން ނީނދެ ބުނެބަލަ" ބިލާލު އެއްފައި މައްޗަށް އަނެއްފައި އަރުވާލައި ސޯފާގެ ލެނގޭ ބައިގައި ކަނާއަތް އަޅުވާލައި ހަމަޖެހިލިއެވެ. މީގެ ކުރީން ވެސް ބިލާލު އެފަދައިން ބުނިކަން ރާދިން ހަނދާންވުމުން ހިނިތުންވެލިއެވެ.
"މެރީކުރަން" ނޭވާނުލާ އިންހެން އަރްސަލް ބުނެލިއެވެ. މި ނޫނީ ބިލާލު ކުރިމަތީ އަރްސަލް ފިނިވެ ފަސްޖެހޭގޮތެއްނުވެއެވެ. އޭނާ ކުރީން ވެސް ކައިވެންޏެއް ކޮށްފިއެވެ. ބިލާލުގެ ހުއްދައަކަށް ނޭދެއެވެ. އެކަން އޭރު މުހިންމެ ވެސް ނޫނެވެ. އެކަމަކު ހުރިހާކަމެއް މިހާރު ބަދަލުވެއްޖެއެވެ. އަރްސަލްގެ ދިރިއުޅުމަށް ނިމްރާ އައި ހިނދުން ފެށިގެން ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. އޭނާއަށް ނިމްރާ ޚާއްޞަވަނީ އެހެންވެއެވެ.
"ކައިވެނިކުރަންވީތަ؟ އަރްސަލްތަ؟" ބިލާލު މިހެންބުނެ ސުވާލުގެ ނަޒަރަކުން ރާދިންއަށް ބަލާލިއެވެ. އެހިނދު ރާދިން ބޯޖަހާލީ އަރްސަލް ބުނިއެއްޗެއް ޤަބޫލުކުރާށޭ ބިލާލު ގާތު ބުނާ ފަދައިންނެވެ. ހަމައެއާއެކު އަރްސަލްއަށް ވެފައި އިން ގޮތުން ބިލާލު ގާތަށް ހިނިއަންނަ ގޮތްވިއެވެ. ލޫން ވަކިވެގެން ދިޔަތާ ދެއަހަރުވީއެވެ. އެ މުއްދަތުގެ ތެރޭގައި އަރްސަލްއަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެކަން ޚުދު ބިލާލު ވެސް ޤަބޫލުކުރެއެވެ.
"ރަތް އިސްތަށުގަނޑު ލީ އަންހެންކުއްޖާއާތަ؟" މާނަވީ ގޮތަކަށް އަރްސަލްއަށް ބަލަން އިނދެފައި ބިލާލު އަހާލިއެވެ.
"ބައްޕައަށް ކިހިނެއް އެނގުނީ" ރާދިން އިނދެފައި ސުވާލުކުރިއެވެ.
"އަރްސަލް، ޖަވާބުދީބަލަ، އެކުއްޖާއާތަ އިންނަން ތިއުޅެނީ" ބިލާލު އަނެއްކާ ވެސް އަހާލިއެވެ. އެހިނދު އަރްސަލް ބޯޖަހާލިއެވެ.
"ބައްޕަ... ބުނީމެއްނު... އަލުން މެރީ ކުރުން އެއީ ރަނގަޅުކަމެކޭ، ކަމުދާ ކުއްޖަކު ހުރިއްޔާ މެރީ ކުރާށޭ" އަރްސަލް ހާސްވެފައި އިނދެ ވެސް ބުނެލިއެވެ. އެއާއެކު ބިލާލު ޖަހާލީ ހިނިގަނޑެކެވެ.
"ބައްޕަ ބުނީތީ ބައްޕައަށް ޓަކައިތަ ތި ކައިވެނިކުރަނީ؟" ހިނިއައިސްފައި އިނދެ ބިލާލު ބުނެލިއެވެ. ހަލަފްއަށް ލިބިފައި އެ ހުރި ސަކަ މިޒާޖަކީ ބިލާލުގެ ފަރާތުން ވާރުތަކޮށްފައިވާ ކަމެއްކަން އަރްސަލްއަށް ޤަބޫލުކުރެވެނީ މިފަދަ ވަގުތު ތަކުގައެވެ. ބިލާލުއަކީ ދަރީންނާ ސަމާސާ ކުރާހިތްވާ ބައްޕައެކެވެ.
"ބައްޕާ!... އަޅުގަނޑު ބޭނުންވެގެން މެރީ ކުރަން ނިންމީ، ބައްޕަގެ ޚިޔާލެއް އެނގެން ބޭނުންވީ" އަރްސަލް ބުނެލިއެވެ.
"ބައްޕަ ބުނިން ދޯ ފާޑެއް ނުކިޔާނަމޭ، އެކަމަކު ބައްޕައާ ބައްދަލުކޮށްދޭކަށް ނުގެންނާނަންތަ؟ ބައްޕައަށް ހީވަނީ ހުރިހާ ކުދީންނަށް އެއީ ކާކުކަން އެނގިފަހެން މިހާރު އޮތީ، ބައްޕައާއި މަންމަ ވެސް ބޭނުން ހުރިހާ ކުދީންގެ ރުހުން ލިބިފައިވާ އަހަރެމެންގެ ވާންއުޅޭ ޅީދަރިފުޅާ ބައްދަލުކުރަން، ވަރަށް އުފާވެއްޖެ ބައްޕަގެ ޚިޔާލަކަށް އަރްސަލް އެހީތީ، އެހެންވީމަ ލަހެއްނުވެ މިގެއަށް ދެ ޅީދަރީން އަންނާނެ ދޯ... ކޮންއިރަކުން އެކުއްޖާ ގެންނާނީ" ބިލާލު ހިނިތުންވެލައިގެން އިން ގޮތުން އޭނާ އެ އިނީ ވަރަށް އުފަލުންކަން ހާމަވެއެވެ.
"ބައްޕައަށް ވަގުތުވާނޭ ދުވަހެއް ބުނީމަ" އަރްސަލް ބުނެލިއެވެ.
"މަދަމާ ވެސް ގެންނަންވީ، ދަރިފުޅު ދުވަހެއްބުނީމާ ބައްޕަ އެ ދުވަސް ދަރިފުޅަށް ޓަކައި ހުސްކުރާނަން، ކޮންނަމެކޭތަ ބުނީ ކިޔަނީ... އެ އަންހެންކުއްޖާއަށް" ބިލާލު ބުނެލިއެވެ.
"ނިމްރާ... ނިމްރާ ނައުފަލް" އަރްސަލް ބުނެލިއެވެ.
"ސްކާލެޓް ކިޔަނީ" ރާދިން އިނދެފައި ބުނެލިއެވެ. ސިއްސައިގެން ދިޔަ އަރްސަލް ކަޅިއަޅާލީ ރާދިންއަށެވެ. އެއާއެކު އޭނާގެ ގައިގާ އަރްސަލް ބޮނޑިއެއް ވެސް އެޅިއެވެ. ބިލާލުގެ ހުނުން ގަދަވިއެވެ.
"ސްކާލެޓް ގޮމާ" ހެމުންހެމުން ބިލާލު ބުނެލިއެވެ. އަރްސަލް ރަކިވިކަން ފޮރުވާލީ ރާދިންގެ ގައިގާ ތަޅައިގަންނަމުންނެވެ. ސޯފާއިން ތެދުވި ގޮތަށް އަރްސަލްއާ ދުރަށް ދާން ރާދިން ދުއްވައިގަތެވެ. ކުޑަކުދީން ފަދައިން އެކަކުއަނެކަކުގެ އަތުގައި ނުޖެހެން ސޯފާތަކުގެ ވަށައިގެން ދުވަމުންދިޔައެވެ.
ބަދިގެ ފަރާތުން ނުކުމެގެން އައި ޝަރުމީނަށް އެ މަންޒަރު ފެނި ހުއްޓުން އެރިއެވެ. އޭނާއަށް ވެސް ހިނިތުންވެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ހިތަށް އިތުރު ފިނިކަމެއް ލިބުނީ ހީނލަހީނލާއިން ބިލާލު ފެނުމުންނެވެ. ދުވަހަކު ވެސް ފެންނާނޭކަމަށް ހީނުކެރުވުނު މަންޒަރެއް ކުރިމަތިން ފެންނަމުންދިޔައީތީ އެސްފިޔަޖާހާލަން ވެސް ޝަރުމީނު ބޭނުންނުވިއެވެ. (ނުނިމޭ)