ހަބަރު

"ހިޔާ" ފްލެޓަށް 15،000، ދަފްތަރުގައި ޖެހުމަށް 1800 ފޯމް ހުށަހަޅައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅައި 7000 ފްލެޓަށް ކުރިމަތިލުމަށް 15،000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށާއި ދަފްތަރުގައި ޖެހުމަށް 1800 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ހަސަން ޒަރީރް ވިދާޅުވީ، މިހާތަނަށް ހިޔާ މަޝްރޫއަށް ކުރިމަތި ލުމަށް 15،000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި 45 ދުވަހުގެ ތެރޭގައި ދަތްފަރުގައި ޖެހުމަށް 1800 އަށްވުރެ ގިނަ ފަރާތް ހުށަހަޅާފައިވާ ކަމަށްވެސް ހަސަން ޒަރީރް ވިދާޅުވި އެވެ.

"ހިޔާ ކެޓަގަރީ މިހާރު އޮތް ގޮތުން ވަރަށް ބޮޑަށް އިސްކަމެއް އެބަދެވޭ ޒުވާނުންނަށް، ވަރަށް ގިނަ ޒުވާނުން އެބަ ކުރިމަލާ ވަރަށް ގިނަ ޒުވާނުން،" ހަސަން ޒަރީރް ވިދާޅުވި އެވެ.

ޒަރީރް ވިދާޅުވީ، މި މަޝްރޫއަކީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއަކަށްވާތީ، ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އަންނަ މަހުގެ 30 ގެ ނިޔަލަށް މުއްދަތު އިތުރުކުރަން ނިންމީ ކަމަށެވެ.

"ހިޔާ މަޝްރޫއަށް ރައްޔިތުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދޭ، މީގެ ތެރޭގައި ބަންދު ދުވަސްތަކަކެއް އައުމުން ވަރަށް ގިނަ ބަޔަކަށް އުނދަގޫވި އޮގަސްޓްމަހުގެ ނިޔަލަށް ފޯމްތައް ލައްވަން، ރައީސްގެ އިރުޝާދާއެކީގައި ހައުސިން މިނިސްޓަރު ވަނީ އެގޮތަށް ހަމަޖައްސަވާފަ، އަދި މި މުއްދަތުގެ ތެރޭގައި ދަފްތަރުގައި ޖެހުންވެސް ވަނީ ހަމަޖައްސައިދީފަ،" ޒަރީރް ވިދާޅުވި އެވެ.

ޒަރީރް ވިދާޅުވީ، ރާއްޖެއިން ބޭރުގައި އުޅުއްވާ ވަރަށް ގިނަ ރައްޔިތުންނަށްވެސް ފޯމް ހުށަހެޅުމުގެ ފުރުސަތު ލިބިގެންނުދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި މި ފުރުސަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކަށްވެސް ފުރުސަތު ލިބޭނެފަދަ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށެވެ.

"ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް ދަފްތަރުގައި ޖެހެން ބޭނުންވާ ފަރާތްތަކަށް ފުރުސަތުތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާނަން، އެކޮޅުގައި ހުންނަ އެމްބަސީއާވެސް މިހާރު ވަނީ ވާހަކަ ދެކެވިފަ، އެމްބަސީއާ ގުޅިގެން މަސަައްކަތް ކުރުމަށް މިދަނީ ވާހަކަ ދެކެވެމުން،" ޒަރީރް ވިދާޅުވި އެވެ.

މުއްދަތު އިތުރު ކޮށް އެކަން ހާމަ ކުރެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއްދަތު އިތުރު ކުރުމަށް އާންމުންގެ ފަރާތުން އެތަށް ބަޔަކު އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން ހިޔާއަށް ފޯމް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާ ގޮތަށް ނިންމީ ކަމަށްފަ މުއިއްޒު ވިދާޅުވި އެވެ.

މަޝްރޫއުގެ ތެރެއިން އަމަލީ މަސައްކަތް ފެށިފައި ވަނީ 9000 އަކަށް ފްލެޓު ކަމަށާއި ނަމަވެސް މުޅި މަޝްރޫއުގައި ދޭނެ ފްލެޓުތަކުގެ އަދަދު 11،000 އަށް ވުރެ ގިނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.