ދުނިޔެ

މިޔަންމާ ސިފައިންގެ އިސްވެރިން ފޭސްބުކުން ބޭރުކޮށްފި

މިޔަންމާ ސިފައިންގެ އިސްވެރިންތަކެއް ފޭސްބުކް އެކައުންޓުތައް ފޭސްބުކުން ހިފައްޓާއި ދުއްވާލައިފި އެވެ. މީގެ ތެރޭގައި މިޔަންމާގެ ސިފައިންގެ އެންމެ މަތީ ވެރިޔާގެ އެކައުންޓުވެސް ހިމެނެ އެވެ.

ފޭސްބުކުން އެމީހުންގެ އެކައުންޓުތައް ދުއްވާލީ އެ ގައުމުގައި ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން އެގައުމުގެ އިސްވެރިން ތަހުގީގުކުރުމަށް އދ އިން ގޮވާލާފައިވާ ދަނޑިވަޅެއްގަ އެވެ. އަދި އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ ފޭސްބުކް ބޭނުންކޮށްގެން އެ ގައުމުގައި މީހުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމަށް މީހުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މިއީ ފޭސްބުކް ގައުމެއްގެ ސިފައިންގެ މީހެއް އަދި ސިޔާސީ ލީޑަރެއްގެ ފޭސްބުކް އެކައުންޓް ހިފެހެއްޓި ފުރަތަމަ ފަހަރުވެސްމެ އެވެ. ފޭސްބުކުން ވަނީ މިޔަންމާ އާއި ގުޅުންހުރި 18 މީހެއްގެ އެކައުންޓާއި 52 ފޭސްބުކް ޕޭޖެއް ދުއްވާލާފަ އެވެ. އަދި ފޭސްބުކްގެ ބެލެނިވެރިކަމުގައި އޮންނަ އިންސްޓަގުރާމުން އެއް އެކައުންޓު ދުއްވާލާފައިވެ އެވެ. މި މީހުނަށް ފޮލޯކުރާ މީހުންގެ އަދަދު 12 މިލިއަނަށް އަރަ އެވެ.

ފޭސްބުކްއަކީ މިޔަންމާގައި އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެވެ. ހަމައެކަނި އެ ގައުމުގައި ފޭސްބުކް ބޭނުންކުރާ 18 މިލިއަންވުރެ ގިނަ މީހުން އުޅެ އެވެ.