އޮފްބީޓް

މި އަވަށުގެ ގެތަކުގައި ދޮރެއް ނުހުރޭ

މީގެ ޒަމާންތަކެއް ކުރިން ދިވެހިންނަކީވެސް ގޭގައި ބޮޑު ދޮރެއް ހަރުކޮށްގެން ތަޅު އަޅުވައިގެން އުޅުނު ބައެއް ނޫނެވެ. ތަޅު ނުލައި ހުރެއްޖެނަމަ ގެއިން ވައްކަން ކޮށްފާނެ ކަމުގެ ބިރެއް އޭރަކު ނެތެވެ. އެކަމަކު ޒަމާން ބަދަލުވެ މިހާރު ގެ ތަޅުނުލައި ހުރެއްޖެނަމަ އެންމެ ބޮޑު ބިރަކަށް އޮންނާނީ ގޭގައި ހުރި ސާމާނުކޮޅު ވަގަށް ގެންގޮސްފާނެ ކަމެވެ.

ރާއްޖެއިން މި އާދަ ކެނޑިގެންދިޔަ ނަމަވެސް، އަދިވެސް ހަމަ އޭރު ދިވެހިން ގެދޮރު ތަޅުނުލައި އުޅުނު ގޮތަށް، އެކަން މިހާރުވެސް ކުރަމުން އަންނަ ބަޔަކު އެބަ އުޅެވެ. މިއީ އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ މަހަރަސްތުރާގައި އޮންނަ ކުޑަކުޑަ އަވަށެވެ. ޝާނީ ޝިންގްނާޕޫރް ކިޔާ މި ސްޓޭޓުގައި 200 ވަރަކަށް ގެ ހުންނައިރު، އެއިން އެއްވެސް ގެއެއްގައި ދޮރެއް ނުހުރެ އެވެ. ދޮރު ނިވާކުރަން އެމީހުން ބޭނުންކުރަނީ ފަރުދާއެއްގެ ގޮތުގައި ފޮތިގަނޑެކެވެ.

މި އަވަށަކީ އިންޑިއާގެ ހިންދޫ ދީނުގެ މީހުން އަޅުކަން ކުރުމަށް ވަރަށް ގިނައިން ގޮސް އުޅޭ ތަނެކެވެ. ގޭގޭގެ އިތުރުން ހޮޓެލްތަކާއި ޕޮލިސް ސްޓޭޝަނުގައިވެސް ދޮރެއް ނުހުރެ އެވެ. އަދި މި އަވަށުގެ އެއްވެސް ފިހަރާއަކުން ދޮރާއި، ދޮރުގައި ހަރުކުރާ ތަޅު ލިބޭކަަށެއްވެސް ނުހުރެ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ ގެދޮރުގެ ރައްކާތެރިކަން ގުޅިވަފައި ވަނީ އެމީހުންގެ ވަރުގަދަ ދީނީ އަގީދާ އާއި އެވެ.

ބޭންކްވެސް ބަހައްޓަނީ ތަޅު ނުލައި

ޔުނައިޓެޑް ކޮމާޝިއަލް ބޭންކް އިން އެ އަވަށުގައި ފުރަތަމަ ފަހަރަށް ބޭންކް ބްރާންޗެއް ހުޅުވީ ޖެނުއަރީ 2011 ގަ އެވެ. އެ ބޭންކުވެސް ހުންނަނީ ތަޅު ނުލަ އެވެ. ތަޅު ނުލައި ބޭންކު ބަހައްޓަނީ އެ އަވަށުގެ މީހުންގެ ސަގާފަތް ދެމެހެއްޓުމަށްޓަކައި ކަމަށް އެ ބޭންކް ހިންގާ ފަރާތުން ބުންޏެވެ. ނަމަވެސް ބޭންކުގެ މުހިންމު ލިޔެކިޔުންތަކާއި ފައިސާ ހުންނަނީ ރައްކާތެރިކަމާއެކު ފޮރުވާފަ އެވެ.

ތަޅު ނުލައި ބޭންކް ބެހެއްޓިނަމަވެސް ބޭންކުގައި ދޮރެއް ހަރުކޮށްފައިވެ އެވެ. އަދި ސަލަމާތީ ރައްކާތެރިކަމަށްޓަކައި އިލެކްޓްރޯމެގްނެޓިކް ތަޅެއް ހަރުކޮށްފައިވެ އެވެ. މިހެން ހެދީ އެ އަވަށަށް އަންނަ އަވަށުން ބޭރު މީހުންގެ "ހާއްސަ ނަޒަރެއް" ބޭންކަށް ހުއްޓޭތީ އެވެ. މި ބޭންކުގައި އެ އަވަށުގެ 10،000 ވުރެ ގިނަ މީހުންގެ ފައިސާ ރައްކާކޮށްފައިވެ އެވެ.

2010 ގެ ކުރިން ވައްކަމުގެ ރެކޯޑެއް ނެތް

މި އަވަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކުރީ 2015 ވަނަ އަހަރު އެވެ. އެއީ އެ އަވަށަށް އަޅުކަންކުރުމަށް ދާ މީހުންގެ އަދަދު ގިނަވެ، އަވަށުގެ ސެކިއުރީޓީ ބެލެހެއްޓުމަށްޓަކައި އެވެ. ފުލުހުންގެ އިދާރާއިން ބުނާގޮތުގައި 2010 ގެ ކުރިން އެ އަވަށުގައި ވައްކަން ކޮށްގެން އެއްވެސް މައްސަލައެއް ހުށަހަޅާފައި އޮތްކަން އިނގޭކަށް ނެތެވެ.

ނަން ހާމަނުކޮށް މައުލޫމާތުދިން ފުލުހަކު ބުނީ މިފަހުން ކުދި ކުދި ވައްކަމުގެ މައްސަލަތައް ލިބޭ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލަތައް ގިނަ ފަހަރަށް ރިޕޯޓުނުކުރާ ކަމަށެވެ. އެއީ އެ އަވަށުގައި އޮތް މި ސަގާފަތް ގެއްލި އެމީހުނަށް ހުތުރު ނަމެއް ލިބިދާނެތީ ކަމަށްވެ އެވެ. އެފަދަ ކަމެއް ވެއްޖެނަމަ އެ އަވަށަށް އަޅުކަން ކުރަން އަންނަ މީހުންގެ އަދަދު މަދުވެ، އެމީހުންގެ ފަރާތުން އެ އަވަށަށް ވަންނަ އާމްދަނީވެސް ދަށްވެދާނެތީ އެވެ.