ހަބަރު

އެންމެ ބޮޑު ހިޔާނާތަކީ ޕާޓީ ބަދަލުކުރުން: ރައީސް

އެންމެ ބޮޑު އެއް ހިޔާނާތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އެމެންބަރުން ތަމްސީލުކުރާ ޕާޓީ ބަދަލުކުރުން ކަމަށާއި އެފަދަ މެންބަރުންނަށް މައާފެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރ މީދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، މި ފަސް އަރުގެ ތެރޭގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތަކީ ރައްޔިތުންގެ ވޯޓުން މަޖިލީހަށް ހޮވާފައި ތިބި މެންބަރުންތަކެއް އެބޭފުޅުން ތަމްސީލުކުރަންޖެހޭ ޕާޓީ ދޫކޮށް އިދިކޮޅަށް ވަޑައިގަތުން ކަމަށެވެ. އެ މެންބަރުން ވަނީ ރައްޔިތުންނަށް ފުރަގަސްދީ ރައްޔިތުންގެ މަޖިލީހުގެ ކަރާމާތަށް އުނިކަން ގެނެސްދީފައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ ވިސްނުމުގައި މަސައްކަތްކުރަން ހޮވާފައި ތިބި މެންބަރުންތަކެއް ގައުމު އޮޔާ ދާނެ ދިމާލަކަށް ދާން ދޫކޮށްލައި ރައްޔިތުން ބިކަކޮށް އެއްލާ ނުލިނަމަ މިއަދު ކުރަންޖެހޭ މަސައްކަތް ތަންކޮޅެއް ލުއިވީސް ކަމަށެވެ. އެހެންކަމުން ޕާޓީ ދޫކޮށް ދިޔަ މެންބަރުންތައް އިދިކޮޅަށް ދިޔައީ، ރައްޔިތުންގެ މަޖިލީހުގެ ކަރާމާތާއި އެ މެންބަރުންނާ މެދު ރައްޔިތުން ދެކޭ ގޮތް ކިލަނބުކޮށް ރައްޔިތުން ނިކަމެތިކޮށްލުމަށްފަހު ކަމަށްވާތީ ގޮނޑި ބަދަލު ކުރުމަކީ އެންމެ ބޮޑު ހިޔާނާތުގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.

"ރައްޔިތުންގެ ގޮނޑިއަށް މި އަންނަނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި، މި އަންނަނީ ހާދަހާ ވާހަކައެއް ރައްޔިތުން ކައިރީގައި ދައްކާފައޭ.. މިވަރުގެ ވާހަކަ ދައްކަވާފަ މި ބޭފުޅުން ވަޑައިގަތީ، ދާންވީ ހިސާބަށް ދެވުނީމަ މިބޭފުޅުން ހަނދާނެއް ނެތް.. އެހެންވީމަ އަޅުގަނޑުމެންގެ ތެރޭގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތަކީ ރައްޔިތުންނަށް ފުރަގަސްދީފައި ނިކުމެ ދިޔަ ބަޔަކު ދިއުން،" ރައީސް ވިދާޅުވި އެވެ.

ގޮނޑި ބަދަލުކުރުމަކީ ކުށަކަށް ހަދައި، ތަމްސީލުކުރާ ޕާޓީ ނޫން ޕާޓީއަކަށް ބަދަލުވާނަމަ ގޮނޑި ގެއްލޭގޮތަށް ގާނޫނެއް ފާސްކުރީވެސް އެ ސަބަބުތަކަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ. ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވަޑައިގަތް މެންބަރުންތަކެއް ގޮނޑި ބަދަލުކުރުމުގެ ސަބަބުން އެ ޕާޓީއަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދިޔަ ކަމަށް މިއަދުވެސް ރައީސް ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިވެގެންދިޔަ މެންބަރުންތައް ރައީސް ސިފަކުރެއްވީ ހުސް ބިމެއްގައި ފެޅި ބޭކާރު "ވިނަތަކެއް"ގެ ގޮތުގަ އެވެ. އެހެންކަމުން ރީތި "މާބަގީޗާ"އެއް ހައްދަން ވިނަތަކުގެ ތެރެއިން ރީތި ވިނަ ހޮވަން ޖެހޭ ކަމަށާއި މިހާރު ތިއްބެވި މެންބަރުންނަކީ އެފަދަ ބޭފުޅުން ކަމަށް ރައީސް ސިފަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ޕީޕީއެމްގެ ދޫކޮށް ދިޔަ 12 މެމްބަރުން އިދިކޮޅުގައި ވިޔަސް، އެމީހުންގެ ބަސް އެ ފަރާތްތަކުގެ މެދުގައި ނުވިކޭނެ ކަމަށެވެ.

"ރައްޔިތުންނަށް ގަބޫލުކުރޭ އެކަން. ރައްޔިތުން ބޭނުންވަނީ އަންހެން ބޭފުޅެއް ކަމަށް ވަންޏާ ފިޔާތޮށި ބުރުގާއެއް އަޅަން. ފިރިހެން ބޭފުޅެއް ކަމަށް ވަންޏާ ފިޔާތޮށި ޓީޝާޓެއް ލާން. އަދި ބޮލުގަ އަޅާތޮތްޕަކީ ފިޔާތޮށި ތޮތްޕަށް ވާން. އެހެންވީމަ މި ތޮފި ހެޔޮވަރު ނުވެގެން އަޅުގަނދުމެންގެ ތެރެއިން ނިކުތް ބައެއް ނިކުތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހާރު ރ އަދި ނ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ އަތޮޅުގެ ގިނަ ރަށްތަކަކަށް ވަޑައިގަންނަވާނެ އެވެ. މިއަދުވެސް ރ އަތޮޅުގެ ތިން ރަށަކަށް ވަނީ ވަޑައިގަންނަވާފަ އެވެ. އެ ރަށްތަކަށް ވަޑައިގެން ރައީސް ގެންދަވަނީ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.