ބޭރު ކުޅިވަރު

ފަލްކާއޯ ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ބޭނުންވާ ކަމަށް މެންޗެސްޓާ ޔުނައިޓެޑް އިން ދޫކޮށްލާފައިވާ ކޮލަމްބިއާގެ ފޯވަޑް ރަޑަމެލް ފަލްކާއޯ ބުނެފި އެވެ.

މޮނާކޯ އިން ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަންގައި ޔުނައިޓެޑަށް ފަލްކާއޯ ،29، ކުޅުނު ނަމަވެސް، ޔުނައިޓެޑްގައި ފަލްކާއޯ އަށް ފޯމަކަށް އެޅޭ ގޮތެއްނުވި އެވެ. ޔުނައިޓެޑްގައި ފަލްކާއޯ ޖަހާފައިވަނީ ހަތަރު ލަނޑެވެ. ފަލްކާއޯ ބަހައްޓަން ޔުަނއިޓެޑަށް ފުރުސަތު އޮތް ނަމަވެސް، އެ ކްލަބުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ފަލްކާއޯ ބުނީ އޭނާ ބޭނުންވަނީ އިންގްލެންޑްގައި މަޑުކުރާށެވެ. އަދި އަންނަ ސީޒަންގައި ކުޅޭނެ ޓީމެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.

"އަހަރެން ބޭނުންވަނީ ޕްރިމިއާ ލީގުގައި ކުޅެން. ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި ކުޅޭނެ ޓީމެއް ނިންމާނަން،" ފަލްކާއޯ ބުންޏެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ފަލްކާއޯ ވަނީ ޗެލްސީއާއެކު މަޝްވަރާތައް ފަށައިފަ އެވެ. މުސާރަ ކުޑަކޮށްގެންވިޔަސް، ޗެލްސީ އަށް ބަދަލުވާން ފަލްކާއޯ ބޭނުންވެ އެވެ.

ފަލްކާއޯ ވަނީ ޕޯޓޯ އާއި އެތުލެޓިކޯ މެޑްރިޑްގައި ވިދާލައި، ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ސަމާލުަކަން ހޯދައިފަ އެވެ. އެކަމަކު މޮނާކޯ އަށް ކުޅެނިކޮށް ކަކުލަށް ލިބުނު ސީރިއަސް އަނިޔާ އަކަށް ފަހު، ފަލްކާއޯ އަށް ވަނީ ކުރީގެ ފޯމު ދެއްކޭ ގޮތް ނުވެފަ އެވެ.