ބޮލީވުޑް

ބޮލީވުޑްގެ ތަރިއެއް އަނެއްކާވެސް ހޮލީވުޑަށް

ބޮލީވުޑްގެ ތަރިންނަށް ހޮލީވުޑް ފިލްމުތަކުން ލިބޭ ފުރުސަތުތައް އިތުރުވަމުން އަންނައިރު، އަނެއްކާވެސް ބޮލީވުޑްގެ ތަރިއަކަށް ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

"ރިޗީ ޑައިރީޒް" އިން ބޮލީވުޑަށް މިދިޔަ އަހަރު ތައާރަފުވި އެކްޓްރެސް ސޯންދަރްޔާ ޝަރްމާ އަށެވެ. އެއީ އޭނާގެ ފުރަތަމަ އަދި ހަމައެކަނި ކުޅުނު ފިލްމުވެސްމެ އެވެ.

ސޯންދަރްޔާއަށް ފުރުސަތު ލިބިފައި ވަނީ ހޮލީވުޑްގެ ސުޕަހީރޯ ފިލްމު "ވޮންޑާ ވުމަން" ގެ ސީކުއެލް ފިލްމު "ވޮންޑަ ވުމަން 1984" އިންނެވެ. މި ފިލްމުން ފުރުސަތު ލިބުނު ކަމަށް ދި ހިންދޫއަށް ދިން އިންޓަވިއުއެއްގައި ސޯންދަރްޔާ ވަނީ ބުނެފަ އެވެ. ނަމަވެސް އެ ފިލްމުގައި އޭނާ ކުޅޭނެ ރޯލު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ސޯންދަރްޔާ ކުޅުނު ފުރަތަމަ ފިލްމުގެ ލަވައެއް.

ޕެޓީ ޖެންކިންސް ޑައިރެކްޓުކުރާ މި ފިލްމުގައި ލީޑުން ފެނިގެންދާނީ ފުރަތަމަ ފިލްމުންވެސް ފެނިގެންދިޔަ ގަލް ގެޓޮޓް އެވެ. މީގެ އިތުރުން މުހިންމު ރޯލުތަކުން ކްރިސް ޕައިން، ޕެޓްރޯ ޕާސްކަލް އަދި ކްރިސްޓެން ވިގް ފެނިގެންދާނެ އެވެ.

މި ފިލްމަށް ސޯންދަރްޔާ ޝޫޓުކުރަން ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. ފިލްމު ރިލީޒްކުރާ ގޮތަށް އޮތީ އަންނަ އަހަރު ނޮވެމްބަރު އެކެއްގަ އެވެ.