ބޮލީވުޑް

ވިޝާލް ބާދްވާޖްގެ ފިލްމަށް ޕްރިޔަންކާ

ޑައިރެކްޓަރު ވިޝާލް ބާދްވާޖްގެ ފިލްމަކަށް ޕްރިޔަންކާ ޗޯޕްރާ ނަގާފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އެ ފިލްމު ވެގެންދަނީ އެ ދެމީހުން އެކުގައި މަސައްކަތްކުރާނެ ތިން ވަނަ ފިލްމަށެވެ. މީގެ ކުރިން ޕްރިޔަންކާ ފެނިގެންދިޔަ ވިޝާލްގެ ދެ ފިލްމަކީ "ސާތް ކޫން މާފް" އާއި "ކަމީނޭ" އެވެ.

ޕްރިޔަންކާއާއެކު އަނެއްކާވެސް ފިލްމެއްގައި މަސައްކަތްކުރަން ބޭނުންވާކަމަށް މީގެ ކުރިންވެސް ވިޝާލް ވަނީ ބުނެފަ އެވެ. އެ ފަހަރު ވާހަކަ ދެއްކީ މަޝްހޫރު އިނގެރޭސި ޅެންވެރިޔާ ވިލިއަމް ޝެކްސްޕިއާގެ ސްޓޭޖު ތަމްސީލު "ޓުވެލްފްތު ނައިޓް" ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެއްގެ ވާހަކަ އެވެ.

ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ވިޝާލް ބުނީ ފިލްމާއި ގުޅޭ މަޝްވަރާތައް ހަތަރު ފަހަރެއްގެ މަތިން ޕްރިޔަންކާއާއެކު ކޮށްފައިވާ ކަމަށެވެ. އަދި މި ފިލްމު ކުޅުމަށް ޕްރިޔަންކާ އެއްބަސްވެފައިވާ ކަމަށާއި އަންނަ އަހަރު ފިލްމުގެ މަސައްކަތްތައް ރަސްމީކޮށް ފަށާނެ ކަމަށެވެ.

ވިޝާލް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރާ އެނާގެ ފިލްމު "ޕަޓާކާ" އަށެވެ.