ހަބަރު

ބްރިޖް ހުޅުވަން ޗައިނާ ސަރުކާރުގެ އިސްބޭފުޅުން ވަޑައިގަންނަވަން ފައްޓަވައިފި

Aug 29, 2018
1

ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް، ޗައިނާ ސަރުކާރުގެ ސީނިއަ އޮފިޝަލުން ރާއްޖެ ވަޑައިގަންނަވަން ފައްޓަވައިފި އެވެ.

ޗައިނާ ސަރުކާރުގެ ލޯނާއި ހިލޭ އެހީ އަދި ދިވެހި ސަރުކާރުން ހޭދަކޮށްގެން އަޅާ ހުޅުލެ- މާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިރޭ ރާއްޖެ ވަޑައިގެންފައިވަނީ ޗައިނާގެ އިންވެސްޓްމަންޓް ޑިވިޝަންގެ ކުރީގެ ޑިރެކްޓަރު ވަންގް ޒިއާތުތާއޯ އެވެ.

ބްރިޖު ހުޅުވުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވަން ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން، ބަޑިބޭހުގެ ކުޅިވަރުތަކާއި ބްރިޖް މަތީގައި ކައިވެންޏާއި ބްރިޖްމަތީގައި ބައިސްކަލް ދުއްވުމުގެ ފުރުސަތު ވަނީ ހުޅުވާލަން ނިންމައިފަ އެވެ. ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖް އެޅުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.

ބްރިޖްގައި ރަނގަޅު ފެންވަރަކަށް ތާރުއަޅައިގެން ޖުމްލަ ހަތަރު ލޭން ހަދާނެ އެވެ. އެގޭ ތެރެއިން ދެ ލޭނެއްގެ ފުޅާ މިނަކީ 3.25 މީޓަރެވެ. އަނެއް ދެ ލޭންގެ ފުޅާ މިނަކީ 3.5 މީޓަރެވެ. އޭގެ އިތުރަށް ވަރަށް ހަނި ދެ ލޭން ބްރިޖްގެ ދެ ފަރާތުގައި ހަދަ އެވެ. އެއީ ޕޭމަންޓް ވޯކެކެވެ. ނަމަވެސް ސެކިއުރިޓީ އަދި ސޭފްޓީއަށް ބަލާފައި އެ ލޭން ހިނގަން ހުޅުވާނެކަން އަދި ކަށަވަރެއް ނޫނެވެ.

ބްރިޖްގެ މަސައްކަތުގައި އުޅޭ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި ބްރިޖް ޑިޒައިންކުރީ އެންމެ ބާރަށް ވެސް 60 ކިލޯމީޓަރު ޕާއަވާގައި ދުއްވާ ގޮތަށެވެ. ބްރިޖްގައި ދުއްވާނެ އާންމު ސްޕީޑަކީ 50 ކިލޯ މީޓަރުޕާ އަވާ އެވެ. އެ ސްޕީޑްގައި ދުއްވައިފިނަމަ ތިން މިނެޓުން ބްރިޖްގެ އެއްކޮޅުން އަނެއް ކޮޅަށް ދަތުރު ކުރެވޭނެ އެވެ.

"ސިނަމާލެ" ގެ ނަން ދީފައިވާ ބްރިޖު ހެދުމުގެ މަސައްކަތް ފަށާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. މި މަސައްކަތް ކުރަނީ ބްރިޖުގެ މަސައްކަތް ކުރަން ދުނިޔޭގައި ވެސް އެންމެ ފާހަގަ ކުރެވޭ އެއް ކުންފުނި ކަމަށްވާ، ޗައިނާގެ ސީސީސީ ކުންފުނިންނެވެ.