ސާފް ޗެމްޕިއަންޝިޕް

ޓީމަށް ގިނަ ފިލާވަޅުތަކެއް ދަސްވެއްޖެ: އިންޑިއާ ކޯޗް

ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ އިންޑިއާގެ ޓީމު، އޮސްޓްރޭލިއާގެ ސިޑްނީ އެފްސީ އަތުން ބަލިވި ނަމަވެސް، އިންޑިއާގެ ޓީމަށް ގިނަ ފިޅާވަޅުތަކެއް ދަސްވެއްޖެ ކަމަށް އިންޑިއާގެ ގައުމީ ޓީމުގެ ކޯޗް ސްޓެފަން ކޮންސްޓަންޓީން ބުނެފި އެވެ.

އަންނަ އަންގާރަ ދުވަހުގައި ފަށާ ސާފް ސުޒުކީ ކަޕުގައި، އިންޑިއާއިން ވާދަ ކުރާނީ 23 އަހަރުން ދަށުގެ ޓީމެވެ. އޮސްޓްރޭލިއާގެ "އޭ ލީގް" ގެ ޗެމްޕިއަން، ސިޑްނީ އަތުން އިންޑިއާގެ ބަލިވީ 3-0 ންނެވެ.

ބައިކޮޅަށް ލަނޑެއް ވަނަ ނުދީ އިންޑިއާއިން ވަނީ 37 މިނެޓް ހިފަހައްޓާލާފަ އެވެ. ސިޑްނީ އެފްސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ބްރޮސްކިޔުއޭ އެވެ. އޭގެ ހަ މިނެޓް ފަހުން އެޑަމް ލީ ފްރޮންޑޭ ވަނީ ސިޑްނީ އެފްސީއަށް ނަތީޖާގެ ފަރަގު ފުޅާ ކޮށްދީފަ އެވެ. ސިޑްނީގެ ތިން ވަނަ ލަނޑު 86 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓްރެންޓް އެވެ.

މިދިޔަ ހަފުތާގައި، އިންޑިއާއިން ވަނީ އޮސްޓްރޭލިއާގެ ސެމީ ޕްރޮފިޝަނަލް ކުލަބަކާ ދެކޮޅަށް ވެސް ކުޅެފަ އެވެ. އެ މެޗުގެ ފުރަތަމަ 11 އަށް ނެރުނު ޓީމަށް، ކޮންސްޓަންޓީން ވަނީ ސިޑްނީ އެފްސީއާ ދެކޮޅަށް ފަސް ބަދަލު ގެނެސްފަ އެވެ.

"އަހަރެމެންނަށް އެނގޭ، (ސިޑްނީ އެފްސީ) ދެކޮޅަށް އަހަރެމެންނަށް އުނދަގޫ ކުރިމަތި ވާނެ ކަން، އަހަރެމެންގެ ކުޅުންތެރިން ކޮންމެވެސް ވަރަކަށް ހައިރާންވި އެ ޓީމު ކުޅުންތެރިންގެ ހަލުވި ސްޕީޑާއި އެމީހުންގެ އަވަސް މޫވްމެންޓް ފެނިފައި، ނަމަވެސް ޖުމުލަކޮށް އެކަމުން އަހަރެމެންނަށް ރަނގަޅު ފިލާވަޅެއް ލިބުނު،" ކޮންސްޓަންޓީން ބުންޏެވެ.

"މެޗު ކުރިއަށް ދިޔަ ވަރަކަށް އަހަރެމެންނަށްވެސް ރަނގަޅު ފުރުސަތުތައް ތަނަވަސް ކުރެވުނު، އަހަރެމެންވެސް ބޭނުންވީ ވަރުގަދަ މެޗެއް ކުޅެން، މިހާރު އަހަރެމެންނަށް އެނގިއްޖެ ޓީމެއްގެ ގޮތުގައި އަހަރެމެންގެ ހުރި ފެންވަރު، ހަމައެޔާއެކު ވަކިވަކި ކުޅުންތެރިންގެ ހުރި ފެންވަރުވެސް އަހަންނަށް އެނގިއްޖެ."

އޮސްޓްރޭލިއާގައި އިންޑިއާ ކުޅޭ، ތިން ވަނަ މެޗުގައި ހުކުރު ދުވަހު އެ ޓީމު ނިކުންނާނީ އޮސްޓްރޭލިއާގެ ސަރަހައްދީ ލީގްގައި ރައިޑަލް މިއާ އެފްސީއާ ދެކޮޅަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ހިމެނެނީ ރާއްޖެ އާއި ލަންކާ އާއެކު ގުރޫޕް "ބީ" ގަ އެވެ. އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު އެ ޓީމު ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ. ރާއްޖެއާ ދެކޮޅަށް ކުޅުމުގެ ކުރިން އިންޑިއާއަށް ތިން ދުވަހުގެ ރެސްޓެއް ލިބެނޭ އެވެ. ރާއްޖެއަށް ލިބޭނީ އެއް ދުވަހެވެ. އިންޑިއާ އާއި ރާއްޖެ ކުޅޭނީ އަންނަ މަހު ނުވަ ވަނަ ދުވަހު އެވެ.