ކުޅިވަރު

ގްރީންގެ މުހިންމު ދެ ކުޅުންތެރިންނަށް ފުރުސަތެއް ނުލިބުނު

މިއަދު ފަށާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ވާދަ ކުރާ، ކުލަބު ގްރީން ސްޓްރީޓްގެ މުހިންމު ދެ ކުޅުންތެރިންނަށް ނުކުޅެވޭ ގޮތް ވުމުން އެ މައްސަލަ ހައްލުކޮށްދިނުމަށް އެދި އެފްއޭއެމްއަށް ހުށަހެޅި ނަމަވެސް އެ ދެ ކުޅުންތެރިންނަށް މުބާރާތުން ފުރުސަތެއް ނުލިބުނެވެ.

ގްރީން ސްޓްރީޓްގެ މުހައްމަދު ދައިޝަމް އަބްދުﷲ އާއި އަހްމަދު ޝަމާލްއަށް ނުކުޅެވޭނެ ގޮތަށް މައްސަލަ ދިމާވީ، އެ ދެ ކުޅުންތެރިން އެހެން ޓީމެއްގައި ރަޖިސްޓްރީ ކޮށްފައި ވުމުންނެވެ. ދައިޝަމް،18 ވަނީ މި އަހަރުގެ މާލޭ ލީގްގައި، ޔުނައިޓަޑް ވިކްޓަރީގެ ޓީމުގައި ލިސްޓް ކޮށްފަ އެވެ. ޝަމާލް،18 ވަނީ މިނިވަން ޗެމްޕިއަންޝިޕްގައި އޭނާގެ އުފަން ރަށް ށ. ފޯކައިދޫ ޓީމުގައި ރަޖިސްޓްރީ ކޮށްފަ އެވެ.

ގްރީން ސްޓްރީޓްގެ ބޯޑު މެންބަރު މީކާއީލް ބުނީ، އެފްއޭއެމްއަށް މައްސަލަ ހުށަހަޅާފައި ވަނީ ކުރިން ގަވާއިދުގައި އޮތް ކަމަށް ހިމެނިފައި ނުވާ މާއްދާއެއް، މުބާރާތަށް ތައްޔާރުވާން ފެށިފަހުން ގަވާއިދުގައި އޮތްކަމަށް އަންގާފައި ވުމުން ކަމަށެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް މި އެންގަނީ 1999 ވަނަ އަހަރުފެށިގެން އުފަންވެފައިވާ ކޮންމެ ކުޅުންތެރިޔަކަށް ކުޅެވޭނެ ކަމަށް، އެހެންވެ އަޅުގަނޑުމެން ހަރަދުކޮށްގެން ކުޅުންތެރިން އައްޑޫއިންނާއި، ށ އަތޮޅުން އަދި ބ. އޮތޮޅުންވެސް ގެނައިން އެ ކުޅުންތެރިންނަށް ޓިކެޓް ދީގެން، އެކުޅުންތެރިން ގެނެސް މުބާރަތަށް ތައްޔާރުވާން ފަށައި އެކުވެރިކަމުގެ މެޗުތައް ކުޅެން ފެށިފަހުން މި މައްސަލަ ފެންމަތި ކުރީ،" މީކާއީލް ބުންޏެވެ.

"އޭގެ ފަހުން އެފްއޭއެމުން އަންގާފައި ވަނީ މި އަހަރުގެ މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕުގެ އިތުރު ޓީމެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކުޅުންތެރިޔަކަށް ނުކުޅެވޭނެ ކަމަށް، އަޅުގަނޑުމެން އެހާ ބޮޑު ހަރަދެއް އެކުޅުންތެރިންނަށް ކޮށްފައި މުބާރާތަށް ތައްޔާރުވާން ފެށިފަހުން މިހެން ހެދީމާ މީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް އެހެންވެ އެ މައްސަލަ ހައްލުކޮށްދިނުމަށް އަޅުގަނޑުމެން އެދުނީ."

މީކާއިލް ވަނީ އެ މައްސަލައާ ގުޅިގެން އެހެން ކުލަބުތަކަށް ތުހުމަތު ތަކެއް ކޮށްފަ އެވެ. އޭނާ ތުހުމަތު ކުރާ ގޮތުގައި އެ ކަން އެފްއޭއެމްއާ ހަމަޔަށް ގެންގޮސް މައްސަލަ އުފެއްދީ އެހެން ކުލަބަކުންނެވެ.

"އެކުވެރި ކަމުގެ މެޗުތަކުން އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާތަކެއް ލިބުނު، އެ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް ކުޅެފަ، އޭގެ ފަހުން އެ ކުލަބުތަކުން އެ ކުޅުންތެރިންނަށް ހުށަހެޅުން އައި އެކުލަބުތަކަށް ކުޅެން، ނަމަވެސް އެ ކުޅުންތެރިން ދާކަށް ބޭނުމެއް ނުވި އެ ކުލަބުތަކުން އެ ކުޅުންތެރިން ގާތު ބުނެފަ އެބަހުރި އެ ޓީމުތަކަށް ކުޅެންވީނޫންހޭ އޭރުން މުބާރާތުގައި ކުޅެވޭނެޔޭ، އެހެންވެ އަޅުގަނޑު މި ބުނަނީ މިކަމުގައި އެހެން ކުލަބެއްގެ އަތެއް ވެޔޭ." ކުލަބުގެ ނަން ހިއްސާ ނުކޮށް މީކާއީލް ތުހުމަތު ކުރި އެވެ.

އޭނާ ބުނީ، އެ ދެ ކުޅުންތެރިންނަށް ނުކުޅެވުނަސް ގްރީންގެ ޓީމު ބަލިކަށި ނުވާނެ ކަމަށެވެ.

"ފަހުން އައްޑޫއިން ވެސް ގެނައިން ވަރަށް ރަނގަޅު ކުޅުންތެރިޔެއް، އެހެންވީމަ އަޅުގަނޑުމެން ޓީމު ވަކި ބައްޔެއް ނުވާނެ، ދައިޝަމް އާއި ޝަމާލްއަށް ފުރުސަތު ލިބޭނެ ނަމަ ޓީމު މިއަށްވުރެ ބޮޑަށް ވަރުގަދަ ވާނެ."

މި އަހަރުން ފެށިގެން ޔޫތު ޗެމްޕިއަންޝިޕްގައި ވާދަ ކުރުމުގެ އުމުރުފުރާއަކީ 19 އަހަރުން ދަށެވެ. މީގެ ކުރިން މުބާރާތް ހާއްސަކޮށްައި ވަނީ 21 އަހަރުން ދަށުގެ ކެޓަގަރީ އަށެވެ. މިދިޔަ ތިން އަހަރު މުބާރާތް ކާމިޔާބު ކުރީ ކުލަބު އީގަލްސްއިންނެވެ. މިރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ އީގަލްސް އާއި ނިއު ރޭޑިއަންޓެވެ.