އެތައް ދިވެހިންނެއްގެ ފޮނި އުއްމީދުތަކާއި ގުޅިފައިވާ މާލެ އާއި ހުޅުމާލެ ދެމެދުގައި ދަމާލި "ސިނަމާލެ" ބްރިޖު މިއަދު ހުޅުވިގެންދާއިރު، ބްރިޖާއި ގުޅުވައިގެން އެންމެ ގަދައަށް ދެކެވެނީ ބްރިޖުގެ މަތީގައި ކުރާނެ ކައިވެނިތަކުގެ ވާހަކަ އެވެ. ހައުސިން މިނިސްޓްރީން ވަނީ ބްރިޖުމަތީގައި ކައިވެނިކުރުމުގެ ފުރުސަތު ފަސް ޖޯޑަކަށް ދީފަ އެވެ. މި ފަސް ކައިވެނިވެސް އޮންނަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
އަލަތު ކައިވެނި ކުރާ މީހުނަށް އެ ފުރުސަތު ދިންއިރުގައި، ކައިވެނީގެ ފޮޓޯ ނަގައިދިނުމާއި ޑެކޮރޭޝަންފަދަ ހުރިހާ ހަރަދެއްވެސް ކޮށްދެނީ ސަރުކާރުންނެވެ. ސިނަމާލެ ބްރިޖު މަތީގައި ކައިވެނި ކުރުމަށް ވަކި ފަސް ތީމެއްވެސް ކަނޑައެޅި އެވެ. އޭގެ ތެރޭގައި މޯލްޑިވިއަން، ޗައިނީސް، ފްލޯރަލް، ސަންސެޓް އަދި ވިންޓޭޖް ތީމް ހިމެނެ އެވެ. މިތަނުން އެއް ތީމްއަކަށް ކައިވެނީގެ ހަފްލާ
މިނިސްޓްރީ ބާއްވަދޭނެ އެވެ.
މިއީ ސިނަމާލެ ބްރިޖުގައި ކައިވެނީގެ އިންތިޒާމުތައް ހަމަޖެހިފައި އޮތް ގޮތެވެ. ދުނިޔޭގެ މަޝްހޫރު އެކި ބްރިޖުތަކުގައިވެސް ވަރަށް ފުރިހަމަ އިންތިޒާމުތަކާއެކު ކައިވެނީގެ ކުލަގަދަ ހަފްލާތައް ބާއްވާ އުޅެ އެވެ. އެގޮތުން ކައިވެނިކުރަން އެންމެ ސަޅި އަދި އިންތިޒާމުތައް ރަނގަޅު ބްރިޖުތަކަށް ބަލައިލަމާ ހިނގާށެވެ.
ލަންޑަން ޓަވާ ބްރިޖު
އެންމެ ގިނަ ބަޔަކު ކައިވެނިކުރަން ހިޔާރުކުރާ ބްރިޖަކަށް ވާނީ އިނގެރޭސިވިލާތުގެ ލަންޑަންގައި ހުންނަ ޓަވާ ބްރިޖު އެވެ. ތޭމްސް ކޯރުގެ ދެކޮޅަށް ދަމާލާފައި އޮންނަ މި ބްރިޖަކީ ލަންޑަންގެ ރަމްޒީ ބިނާ އެވެ. މި ބްރިޖު އެޅީ 1886 ވަނަ އަހަރާއި 1894 ވަނަ އަހަރާއި ދެމެދުގަ އެވެ. ދެ ޓަވަރު ހުންނަ މި ބްރިޖުގައި ކައިވެނީގެ ހަފްލާތަކާއި ތާފާތު މުނާސަބަތުތައް ފާހަގަކުރުމަށް ދެ ތަނެއްވެސް ހާއްސަކޮށްފައި އޮވެ އެވެ. އެއީ މި ބްރިޖުގައި ހިނގާ މީހުނަށް ހާއްސަކޮށް އިންނަ ދެ ވޯކަވޭޒް އާއި މި ޓަވަރުގެ އުތުރު ފަރާތުގައި ހުންނަ ޓަވާ ލައުންޖެވެ.
ތޭމްސް ކޯރުގެ 42 މީޓަރު މަތީގައި ހުންނަ މި ދެ ވޯކަވޭޒްއިން ހިތްހުއްޓޭފަދަ ލަންޑަންގެ ރީތި ހިތްގައިމު މަންޒަރުތައް ފެންނާނެ އެވެ. އަދި މި ވޯކަވޭޒްތަކުގެ ތަޅުން ހުންނަނީ ބިއްލޫރިން ޖަރީކޮށްފަ އެވެ. ބްރިޖުގެ އަޑިން ދާ ދޯނި ފަހަރުވެސް މި ތަނުގައި ހުންނައިރު ފެންނާނެ އެވެ. ދެ ވޯކަވޭޒްގައި ޖާގަވެސް ބޮޑެވެ. ވޯކަވޭޒްތަކުގައި ބާއްވާ ކައިވެނީގެ ހަފްލާތަކަށް 70 ގެސްޓުންނަށާއި ކައިވެނި ޕާޓީއަށް 120 ގެސްޓުންނަށް އަދި ރޭގަނޑު ކެއުމަށް 250 ގެސްޓުންނަށް ޖާގަ އޮވެ އެވެ.
އެމީހަކު ބޭނުން ތީމްއަކަށް ކައިވެނީގެ ހަފްލާ ބޭއްވޭއިރު، ވޯކަވޭޒް އާއި ޓަވާ ލައުންޖުގެ ތެރެއިން އެއް ތަނެއް ޖެހޭނީ ހިޔާރުކުރާށެވެ. ޓަވާ ލައުންޖުގައި ޖާގަ ކުޑަ އެވެ. ކައިވެނީގެ ހަފްލާއަށާއި ކައިވެނި ޕާޓީއަށް ޓާވާ ލައުންޖުން ޖާގަ ދެނީ އެންމެ 50 ގެސްޓުންނަށެވެ. އަދި ރޭގަނޑުގެ ކެއުމެއްވެސް ނީނދެ އެވެ. އަގުތައް ކަނޑައަޅަނީ އަންނަ ގެސްޓުންނާއި ހިޔާރުކުރާ ތީމްގެ މައްޗަށެވެ.
ގޯލްޑެން ގޭޓް ބްރިޖު
އެމެރިކާގެ ސެން ފްރެންސިސްކޯގެ ގޯލްޑެން ގޭޓް ބްރިޖްއަކީ އަދުގެ ދުނިޔޭގެ އަޖައިބުތަކުގެ ގޮތުގައި ލިސްޓުކުރެވިފައިވާ ބްރިޖެކެވެ. ޕެސިފިކް ކަނޑުގައި އޮންނަ މި ބްރިޖުގެ ދިގުމިނުގައި 2.7 ކިލޯ މީޓަރު ހުރެ އެވެ. މި ބްރިޖު ހުޅުވީ 1937 ވަނަ އަހަރު އެވެ. ދުނިޔޭގައި އެންމެ ގިނަ ބަޔަކު ފޮޓޯ ނަގާފައިވާ ކަމަށް ބުނާ މި ބްރިޖުގައި ކައިވެނީގެ ފޮޓޯއެއް ނެގުމަކީ މީހުން މަރުދޭ ކަމެކެވެ.
ގިނަ މީހުން މި ބްރިޖަށް ދަނީ ކައިވެނިކުރުމަށްފަހު ފޮޓޯ ނަގާށެވެ. މި ބްރިޖު ހިމެނޭ ސަރަހައްދުގައި ވަށައިގެން އެކި ހިސާބުތަކުގައި ކައިވެނީގެ ހަފްލާތައް ބާއްވައިދޭ ހޮޓާ ރެސްޓޯރެންޓުތަކާއި ގެތަށް ހުރެ އެވެ. އަދި މި ތަންތަނުގައި ތިބޭ އިރު ގޯލްޑެން ބްރިޖުގެ ހިތްގައިމު މަންޒަރުތައް ފެނެ އެވެ. ވިލާ ބޯވާ ދުވަސްވަރު ވިލާތަކުން މި ބްރިޖު ފޮރުވާވެސްލަ އެވެ. އެވެސް ހިތްހުއްޓޭފަދަ މަންޒަރެކެވެ.
ސިޑްނީ ހާބާ ބްރިޖު
ގޯލްޑެން ގޭޓް ބްރިޖެކޭ އެއްގޮތަށް އޮސްޓްރޭލިއާގެ ސިޓީއެއް ކަމުގައިވާ ސިޑްނީގައި އިންނަ ސިޑްނީ ހާބާ ބްރިޖުގެ ވަށައިގެންވެސް އެކި ސަހަރައްދުތަކުގައި ކައިވެނީގެ ހަފްލާތައް ބާއްވައިދޭ ހޮޓާ ރެސްޓޯރެންޓުތައް ހުރެ އެވެ. ތަފާތު އެކި އަގުތަކަށް އެންމެ އާދައިގެ މީހާއަށްވެސް ކައިވެނީގެ ހަފްލާއެއް ބޭއްވިދާނެ އަގުތަކަށް އެކި ތަންތަނުން ޕެކޭޖުތައް ހަދާފައި ހުރެ އެވެ.
މި ބްރިޖު މަތިން ސިޑްނީގެ ހިތްގައިމު މަންޒަރުތައް ފެންނާނެއިރު، އެންމެ ހާއްސަ ތަނަކަށް ފެންނާނީ ސިޑްނީ އޮޕޭރާ ހައުސް އެވެ. ވިހި ވަނަ ގަރުނުގައި ބިނާކުރި އެންމެ މަޝްހޫރު އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އޮޕޭރާ ހައުސްއަކީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ލިސްޓުކޮށްފައިވާ އިމާރާތެކެވެ. ދިގު މިނުގައި 1.1 ކިލޯމީޓަރު ހުންނަ މި ބްރިޖު ހުޅުވީ 1932 ގަ އެވެ.