ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަހަރުގެ މޭޑޭގައި ކުރަން އުޅުނީ އެންމެ ބޮޑު ބަޣާވަތް ކަމަށް އެމަނިކުފާނުގެ މިހާރުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމާ ގުޅިގެން އެކަމަށް އެ މުޒާހަރާގައި އެންމެ އިސްކޮށް އުޅުއްވި އަލީ ވަހީދު ރައްދު ދެއްވައިފި އެވެ.
އަލީ ވަހީދު ވިދާޅުވީ، މޭޑޭއަކީ ރައްޔިތުން ބޮޑު ތަނުން ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނި ދުވަހެއް ކަމަށެވެ. އެއީ ބަޣާވާތެއް ހިންގަން އުޅުނު ދުވަހެއް ނޫން ކަމަށެވެ. އެ މުޒާހަރާއަކީ މިހާތަނަށް ދިވެހިން ކުރި އެންމެ ބޮޑު މުޒާހަރާ ކަމަށް ވެސް ވިދާޅުވި އެވެ.
މޭޑޭގެ ބަޣާވާތަކީ އެންމެ ބޮޑަށް ރާވައިގެން ޣައިރު ގާނޫނީކޮށް ރާއްޖޭގެ ސަރުކާރެއް ވައްޓާލުމަށްޓަކައި ދިވެހި ތާރީހުގައި ހިންގަން އުޅުނު އެންމެ ބޮޑު ބަޣާވާތް ކަމަށް ޝަހީމް ރޭ ވިދާޅުވުމުން ބައެއް އެހެން ފަރާތްތަކުން ވެސް ފާޑުކިޔުން ވަނީ އަމާޒުކޮށްފަ އެވެ.
އެ މުޒަހަރާކުރިއިރު ޝަހީމް ހުންނެވީ ރައީސް ޔާމީންގެ ކެބިނެޓްގަ އެވެ. މުޒާހަރާ އިންތިޒާމްކުރީ އަދާލަތު ޕާޓީންނެވެ. އަދި އެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ޓެރަރިޒަމްގެ ދައުވާކޮށް ވަނީ ޖަލަށްލާފަ އެވެ.