ހަބަރު

އިދިކޮޅުން ކުރާހާވެސް ކަމަކީ ވަގަށް ގޮވުން: ނިހާން

އިދިކޮޅު ފަރާތްތަކުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމާއި އެމަނިކުފާނުގެ ސަރުކާރުގެ ބޭފުޅުންނާއި ދިމާލަށް ވަގަށް ގޮވުން ނޫން އިތުރު ކަމެއް މި ކެމްޕޭނުގައި ކުރެވެންނެތް ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ނިހާން މިގޮތަށް ވިދާޅުވީ، ރައީސް ޔާމީން މިފަހުން ދުވާފަރުގައި ބޭއްވި ޖަލްސާއެއްގައި ތަރައްގީ ގެނައުމަށް އެޑްވާންސްކޮށް ކުރުމަކުން މައްސަލައެއްނެއް ކަމަށް ވިދާޅުވުމާއި ގުޅިގެން އިދިކޮޅުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫއާ ރަނިންމޭޓް ފައިސަލް ނަސީމާއި އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަރަށް ބޮޑަށް ފާޑުވިދާޅުވުމާއި ގުޅިގެންނެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމާއި ޕީޕީއެމްގެ އިސްވެރިންނަށާއި ސަރުކާރުގެ އިސްވެރިންގެ އަބުރު ކަތިލުމުގެ ގޮތުން ދޮގު ތުހުމަތުތައް ކުރަމުންދާ ކަމަށެވެ. އެގޮތުން އެބޭފުޅުންނާއި ދިމާލަށް ވަގަށް ގޮވަމުންދަނީ ސާބިތުހިފޭ އެއްވެސް ހެއްކެއް ނެތި ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

"މި ކެމްޕޭނުގައި އެމްޑީޕީން ރައްޔިތުންނަށް ދޭނެ، ރައްޔިތުންނަށް ކިޔައިދޭނެ ރައްޔިތުންނަށް ބުނެދޭނެ އެއްވެސް އެއްޗެއް ނެތޭ، ވައުދެއް ގޮތުގައި ކޮށްދެވޭނެ ކަމެއްވެސް ނެތް، ހަމައެކަނި އެމްޑީޕީއަތުގައި މިއޮތީ އެންމެ އެއްޗެއް، އެއީ ވަގަށް ގޮވުން، ދެން އަނިޔާވެރިކަމުގެ ވާހަކަ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، އެވާހަކަތައް ފިޔަވާ އެހެން ވާހަކައެއް އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށާއި ރަނިންމޭޓް ފައިސަލް ނަސީމަށް ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ދެއްކިފަނުވާ ކަމަށެވެ. އަދި އެބޭފުޅުން ރައީސް ޔާމީނަށް ވަގަށް ގޮވަނީ ސާބިތު ހެއްކެއްނެތި ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

"ރައްޔިތުން ނިންމާފައިވާ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނެއް އެބައޮތް، ރައީސް ވިދާޅުވީ އޭގެއިން އެއްވެސް ބޭފުޅަކަށް ދައުވާ ކުރާކަށް ބޭނުން ނުވާ ކަމަށް، ނަމަވެސް ޕީޕީއެމުން މިދަނީ މި ހުރިހާ މައުލޫމާތެއް އެއްކުރަމުން، މުސްތަޝާރާއި ޕާޓީގެ ވެރިންނާއި ޕާޓީގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި އަދި މަޖިލީހުގެ މެންބަރުންވެސް ހިމެނޭހެން ޖުމްލަ ގޮތެއްގައި މި ސަރުކާރާއި މި ސަރުކާރުގެ ބޭފުޅުން ހިމެނޭހެން އަބުރު ކަތިލުމަށްޓަކައި އެއްވެސް ސާބިތު ހެއްކެއްނެތި ވަގަށް ގޮވާމީހުން ވަގަށް ގޮވި ގަޑިއާ ވަގުތާ ސިކުންތު ރިކޯޑް ކޮށް އަޅުގަނޑުމެން ތައްޔާރުވެ މިތިބީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ބަޖެޓަށް ވޯޓް ނުދީ ރައީސް ޔާމީން މަސައްކަތް ކުރައްވާގޮތް އެނގިވަޑައިނުގަންނަވާ ނިކުމެވަޑައިގެން އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކުމަކީ ރައްޔިތުންނަށްވެވޭ ހިޔާނާތެއް ކަމަށެވެ.

"ފައިސަލް ނަސީމަކީ ރައްޔިތުން މަޖިލީހުގެ މެންބަރެއް، އިބޫ އަކީ މަޖިލީހުގެ މެންބަރެއް، ވޭތުވެދިޔަ ހަތަރު އަހަރު ބަޖެޓަށް ވޯޓެއް ނުދެއްވާ، ރައީސް ޔާމީން މަސައްކަތް ކުރައްވާގޮތް އެނގިވަޑައިނުގަންނަވާ އެބޭފުޅުން ހަޖޫ ޖަހާ ވަގަށް ގޮވާ ކަމުގައިވާނަމަ ރައީސް ޔާމީނަށް ވިދާޅުވެވޭނެ އެންމެ ރީތިކޮށް އެވިދާޅުވެދެއްވީ، ތިމަންނާއަށް މައްސަލައެއްނެތޭ މިގައުމު ތަރައްގީ ކުރުމަށްޓަކައި ކުރެވެންހުރި ކޮންމެ ކަމެއްވެސް ތިމަން މަނިކުފާނު މިގެންދަވަނީ ކުރަމުންނޭ،" ނިހާން ވިދާޅުވި އެވެ.

އެއްވެސް ހެއްކެއްނެތި، ޑޮކިއުމަންޓެއް ރައްޔިތުންނަށް ދެއްކުމެއްނެތި 2008 ވަނަ އަހަރު ރައީސް މައުމޫންގެ ބޮލުގައި އެޅުވިފަދަ އިލްޒާމްތަކެއް އަޅުވައިގެން ޒުވާނުންގެ ވިސްނުން ބަދަލުކޮށް ވޯޓް ބަދަލު ކުރެވޭނެ ކަމަށް ގަބޫލު ކުރުމަކީ އެބޭފުޅުން ކުރާ ކުށް ހީއެއް ކަމަށްވެސް ނިހާން ވިދާޅުވި އެވެ.

"އެޒަމާނެއްނޫން މިއީކީ، ދިވެހި ރައްޔިތުންނަކީ ތިމަންނާމެން ބުނާ ކޮންމެ އެއްޗެއް ގަބޫލުކޮށްގެން ގޮސް ގުނބޯ ހެދިގެން ތިބެދާނެ ކަމަށް ނަޝީދާއި އޭނާގެ ޓީމް ދެކޭކަމުގައިވާނަމަ އެޒަމާނަށް އެނބުރި ވަޑައިގަންނަވާ، އެއީ އެހެން ޒަމާނެއް، ރައީސް ޔާމީން ފެންނަ ފަށުގައި އެއަށްވުރެ ސާބިތުކޮށް ތަރައްގީ ގެންނަވާފަ އެތަރައްގީ އެއަށްވުރެ މައްޗަށް ގެނެސްދެއްވުމަށް އިތުރު ފަސް އަހަރެއް ދެއްވުމަށް އެދިވަޑައިގެން ރައްޔިތުން އަރިހަށް ވަޑައިގެންނެވީ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދަޅުވީ، އިދިކޮޅު ފަރާތްތަކުން ސާބިތު ނުހިފޭ ވާހަކަ ދައްކާނަމަ އެކަމަށް ދޭނެ ރައްދުވެސް އެބަހުރި ކަމަށެވެ. އަދި ސަރުކާރުގެ އިސް ބޭފުޅުންނާއި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ދެކޮޅަށް ވަގަށް ގޮވާނަމަ، އެ ބޭފުޅުންނާ ޗެލެންޖު ކުރައްވަން ތައްޔާރަށް ތިއްބެވި ބޭފުޅުން ޕީޕީއެމްގައި މިއަދު މަދު ނޫން ކަމަށްވެސް ނިހާން ވިދާޅުވި އެވެ.