ހަބަރު

ގަދަކަމުން މީހުން ނެރެ ރަސްމީ ސައިޒް ދައްކާކަށް ނުޖެހޭ: މާރިޔާ

Sep 10, 2018
14

ރަސްމީ ސައިޒާއި ނުރަސްމީ ސައިޒް ދައްކަން ގަދަކަމުން މީހުން ނެރެގެން އެކަން ދައްކާކަށް ނުޖެހޭ ކަމަށާއި އެކަން އޮތީފެނިފައި ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
ވިދާޅުވެއްޖެ އެވެ.

މާރިޔާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ، ރަސްމީ ސައިޒާއި ނުރަސްމީ ސައިޒް ބަޔަކު ގަދަކަމުން ނެރެގެން ދައްކަން ނުޖެހޭނެ ކަމަށެވެ. ރައްޔިތުންނަށް ޕީޕިއެމްގެ ސައިޒް އޮޅިގެން ނޫޅޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިގޮތަށް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާ، އަސްލު ސައިޒު ދައްކާލާނެ ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ފިކުރުގައި ދިވެހި ޒުވާނުން ދަތުރު ކުރި ޒަމާން މާޒީވެ ނިމިއްޖެކަން ހަފްތާއެއްގެ ތެރޭގައި ވަރަށް ސާފުކޮށް ސާބިތުކޮށްދޭނެ ކަމަށެވެ. އެގޮތުން 60 - 70 ޕަސަންޓުގެ ޒުވާނުން ބައިވެރިވާނެ ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް
ނިހާން ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ބޭއްވި ޖަލްސާއަކީ އެއްވެސް ރަށަކުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫން ކަމަށާއި ނަމަވެސް މި މަހުގެ 17 ނޫނީ 18 ވަނަ ދުވަހު، ރަށްރަށުން ވެސް މީހުން ގެނެސްގެން މާލޭގައި ޕީޕީއެމްގެ ރަސްމީ ސައިޒު ދައްކާލާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މި ސައިޒުގެ އެންމެ ކުރީގައި ތިބޭނީ ދިވެހި ޒުވާނުން. ހާއްސަކޮށް ފުރަމާލެއާއި މާލޭގެ ސަރަހައްދަށް ނިސްބަތްވާ ޒުވާނުން، ރައީސް ޔާމީންއާ އެކުގައި ބްރިޖު ސަޅިވެފައި ކޮށްދެއްވި ހިދުމަތްތައް ސަޅިވެފައި ފުޓްސަލްދަނޑުތައް ސަޅިވެފައި އެ މީހުންނަށް ދިން ފުރުސަތުތައް ސަޅިވެފައި. އެ ހުރިހާ ސައިޒެއް ދައްކާލުން އޮންނާނީ. ވަރަށް ރަނގަޅަށް ދައްކާލާނަން، އަދަދާއި ސައިޒާ ނަމްބަރާ ކޮލަޓީއާ ކުލަ ވެސް ދައްކާލާނަން،" ނިހާން ވިދާޅުވި އެވެ.

އެމްޑީޕީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އެއްވި މީހުންގެ އަދަދާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވާ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ޕީޕީއެމް އިން ރަސްމީ ޖަލްސާއެއް ބޭއްވުމަށް ފަހު ދެން އިދިކޮޅު ފަރާތްތަކަށް ބުނާނެ އެއްޗެއް ނޯންނާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.