ކުޅިވަރު

މާޒިޔާ އާއި ގްރީންއަށް ފެށުން ހަމަހަމަ

އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ހުޅުވި މެޗުގައި، މާޒިޔާ އާއި ގްރީން ސްޓްރީޓްގެ މެޗު 1-1 އެއްވަރު ވެގެން ނިމިއްޖެ އެވެ.

މި އަހަރު ފެށިގެން ޔޫތު ޗެމްޕިއަންޝިޕް ހާއްސަ ވާނީ 19 އަހަރުން ދަށުގެ ކެޓަގަރީއަށެވެ. ހަތަރު ޓީމު ވާދަ ކުރާ މުބާރާތުގައި ދެން ހިމެނެނީ ކުލަބު އީގަލްސް އާއި ނިއުރޭޑިއަންޓެވެ. ކުރިން މުބާރާތް ހާއްސަ ކޮށްފައި ވަނީ 21 އަހަރުން ދަށުގެ ކެޓަގަރީ އަށެވެ. އެ ކެޓަގަރީގައި އީގަލްސްއިން ވަނީ މިދިޔަ ތިން އަހަރު ޗެމްޕިއަންކަން ހޯދާފަ އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނެގީ ގްރީން ސްޓްރީޓުންނެވެ. އެ ޓީމުގެ ލަނޑު 17 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުސާ އަޒީމް ހަސަން އެވެ.

މެޗުގެ ވަރަށް ފަހު ކޮޅާ ޖެހެންދެން ގްރީންއިން ލީޑްގައި ހިފެހެއްޓިއެވެ. މެޗުގެ 72 ވަނަ މިނެޓްގައި މާޒިޔާގެ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ޝަޒާން އެވެ. ދެ ވަނަ ހާފުގައި، މާޒިޔާއިން ފޮނުވާލި ނުރައްކާތެރި ދެ ބޯޅައެއް ގްރީންގެ ކީޕަރު މުހައްމަދު ޒަޔާން ދިފާއު ކުރި އެވެ.

މާޒިޔާއިން ނަތީޖާ ހަމަހަމަ ކުރި ފަހުން، މެޗުގެ އެންމެ ފަހު ވަގުތުގައި ގްރީންއިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ގޯލްތެރެއަށް ބޯޅަ ވަނުމުގެ ކުރިން، މާޒިޔާގެ ކުޅުންތެރިން އެ ބޯޅަ ދިފާއު ކުރި އެވެ. އެ ބޯޅަ ގޯލަށް ވަން ކަމަށް ހީކޮށް ގްރީންގެ ބެންޗުން އުފާފާޅުވެސް ކުރި އެވެ.

ގްރީންގެ ޓީމަށް އިރުޝާދު ދިން، ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ހަސަން (އައްޔަ) ބުނީ 1-0 ގެ ލީޑެއް ގައި ގިނައިރު އޮތް ނަމަވެސް އެއީ މެޗުން މޮޅުވުން ކަމަށް ނިންމައިގެން ނުވާނެ ކަމަށެވެ. އޭނާ ބުނީ ގްރީންގެ ކުޅުންތެރިންނަށް އެގޮތަށް ގަބޫލު ކުރެވިގެން ޓީމަށް މައްސަލަ ދިމާވި ކަމަށެވެ.

"އަދިވެސް މި ޓީމު އިތުރަށް ރަނގަޅު ކުރެވޭނެ،" އައްޔަ ބުންޏެވެ. "މެޗު ބެލި މީހަކަށް ވިއްޔާ އެނގިގެންދާނެ އެންމެ ގިނަ ފުރުސަތުތައް އުފެއްދީވެސް ގްރީން އިން، އަނެއްކާ އަޅުގަނޑުމެން މުބާރާތަށް ތައްޔާރު ވަމުން ދިޔައިރު އަޅުގަނޑުމެންގެ ފަސް ކުޅުންތެރިންނަށް މުބާރާތުގައި ޓީމުގައި ޖެހޭގޮތެއް ނުވި އެ ކުޅުންތެރިން އެހެން ޓީމުތަކުގައި ލިސްޓްކޮށްފައިވުމުން."

"ގަވާއިދުގައި އެކަން އޮތްކަން އަޅުގަނޑުމެންނަށް އެނގުނީވެސް މާފަހުން، އެހެންވީމަ ދިމާވި ގޮތެއް އެއީ."

މާޒިޔާގެ ޓީމަށް އިރުޝާދު ދިން، ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝުޒޭރު ބުނީ، އީދު ޗުއްޓިއަށް ދިޔަ މުހިންމު ތިން ކުޅުންތެރިޔަކު ޓީމާ ގުޅުނީ ދާދިފަހުން ކަމަށެވެ. އެ ކުޅުންތެރިންނަށް ދެ ވަނަ ހާފުގައި ފުރުސަތު ނުދިނީ އެންމެ ރަނގަޅު ފިޓްނަސް ނެތުމުން ކަމަށް ޝުޒޭރު ބުންޏެވެ.

މުބާރާޓުގެ މެޗެއް މިރޭވެސް އޮންނާނެ އެވެ. މިރޭ 9:00 ގައި ކުޅޭ މެޗުގައި ވާދަ ކުރާނީ، އީގަލްސް އާއި ނިއު އެވެ.