ސާފް ޗެމްޕިއަންޝިޕް

ބަންގާޅު ބަލިކޮށް ލަންކާއަށް ބޮޑު އުއްމީދެއް

އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ، ސާފް ޗެމްޕިއަންޝިޕްގެ ކުރިން، މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޝްރީލަންކާއިން ބޮޑު އުއްމީދެއް ހޯދައިފި އެވެ.

ބަންގުލަދޭޝްގެ ނިލްފާމަރީގެ ޝައިހް ކަމާލް ފުޓްބޯޅަ ދަނޑުގައި، ކުޅުނު މެޗުގައި، ލަންކާގެ ލަނޑު މެޗުގެ 10 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފައިޒަލް އެވެ. ޕެނަލްޓީ އޭރިއާ ބޭރުން 40 ޔާޑު ދުރުން ވަޒަނެއްހެން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ދާގަނޑަށެވެ. އޭނާ ބޯޅަ ފޮނުވާލިއިރު ބަންގުލަދޭޝްގެ ގޯލްކީޕަރު ސޯހެލް ހުރީ ކުރިއަށް ނިކުމެއެވެ.

ލީޑް ނެގުމަށް ފަހު ލަންކާގެ ކުޅުންތެރިން ޑިފެންސިވް ގޭމަކަށް ފޯމޭޝަން ބަދަލުކޮށްލި އެވެ. ދެ ވަނަ ހާފުގައި ބަންގުލަދޭޝްގެ ކޯޗް ޖެމީ ޑޭ ވަނީ ސީނިއާ ބައެއް ކުޅުންތެރިން މެޗަށް ނެރެފަ އެވެ. އޭޝިއަން ގޭމްސްގައި ގަތަރު ކޮޅަށް ލަނޑު ޖެހި ޖަމާލް ބުއްޔާން ކުޅެން ނިކުމެ ޓީމުގެ އެޓޭކަށް އާ ރޫހެއް ގެނައިނަމަވެސް، އޭނާއަށް ވެސް ލަންކާގެ ގޯލް ފޫއަޅުވާލެވިފައެއް ނުވެއެވެ.

ކުރިން ރާއްޖޭގެ ކުލަބުތަކަށް ކުޅުނު، ލަންކާގެ މިހާރުގެ ކޯޗް އެމްޑީ ފަކީރޫ އަލީގެ ކޯޗު ކަމުގެ ދަށުން ކުޅުނު ލަންކާ ޓީމުން ވަނީ، މެޗުގެ އެންމެ ފަހު ކަށިގަނޑާ ހަމަޔަށް ޑިފެންސިވް ގޭމްގައި ހިފަހައްޓާލާފަ އެވެ.

ސާފް ސުޒުކީ ކަޕުގައި ލަންކާ ހިމެނެނީ، ރާއްޖެ އާއި އިންޑިއާ އާއެކު ގުރޫޕް ބީ ގަ އެވެ. ލަންކާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު އެ ޓީމު ނިކުންނާނީ އިންޑިއާ ދެކޮޅަށެވެ. ރާއްޖެއާ ދެކޮޅަށް ކުޅޭނީ އަންނަ މަހު ނުވަ ވަނަ ދުވަހު އެވެ. ބަންގުލަދޭޝް ހިމެނެނީ، ޕާކިސްތާނާއި ނޭޕާލް އަދި ބޫޓާނާއެކު ގުރޫޕް އޭ ގައެވެ. ބަންގުލަދޭޝް ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު އެ ޓީމު ނިކުންނާނީ ބޫޓާންއާ ދެކޮޅަށެވެ. ހަމަ އެދުވަހު މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ނޭޕާލް ވާދަ ކުރާނެ އެވެ.