ފިނިޕޭޖް

ވަރުން އެނބުރި ބައްޕަގެ ފިލްމަކަށް

ކަރަން ޖޯހަރްގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ތައާރަފުވި، ވަރުން ދާވަންއަކީ މިހާރު ކާމިޔާބު އެކްޓަރެކެވެ. ތަފާތު ރަހަތަކުގެ ފިލްމުތައް ކުޅެ އޭނާގެ ހުރި ކުޅަދާނަކަން އެންމެނަށް ދައްކާލާފަ އެވެ.

އެ މޮޅު ހުނަރު އޭނާއަށް ލިބިފައި ވަނީ އޭނާގެ ބައްޕަ، މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ވަރުންގެ ފަރާތުން ކަމާއިމެދުގައި ޝައްކެތްވެސް ނެތެވެ. ބައްޕަގެ ދެ ފިލްމެއްގައި މީގެ ކުރިން ވަރުން ވަނީ މަސައްކަތްކޮށްފަ އެވެ. އެއީ 2014 ގައި ނިކުތް "މެއި ތެރަ ހީރޯ" އާއި މިދިޔަ އަހަރު ނިކުތް "ޖުޑްވާ 2" އެވެ.

އަނެއްކާވެސް ވަރުން ވަނީ ބައްޕަގެ އިތުރު ފިލްމެއް ކުޅުމަށް އެއްބަސްވެފަ އެވެ. މުމްބައި މިރާގައި ބުނެފައިވާ ގޮތުގައި ވަރުން ދެން ފެނިގެންދާނީ އޭނާގެ ބައްޕަ ފިލްމު ސީރީޒް "ނަންބަރު ވަން" ގެ ފިލްމަކުންނެވެ. އަަދި މިހާރު އެ ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައިވެ އެވެ.

"މެއި ތެރަ ހީރޯ" ޓްރެއިލާ.

ޑޭވިޑްގެ "ނަންބަރް ވަން" ފިލްމު ސީރީޒްތަކުގެ ދަށުން ނިކުތް ފިލްމުތަކުގެ ތެރޭގައި "ކޫލީ ނަންބަރު ވަން"، "ހީރޯ ނަންބަރު ވަން"، "ބީވީ ނަންބަރު ވަން"، "ޖޯޑީ ނަންބަރް ވަން" އަދި "ޝާދީ ނަންބަރް ވަން" ހިމެނެ އެވެ. ބޮކްސް އޮފީހުގައި ހިޓުވި މި ފިލްމުތަކުގައި ލީޑު ކުޅުނީ ކުރީގެ މަޝްހޫރު އެކްޓަރު ގޯވިންދާ އެވެ.