މަޝްހޫރު މިއުޒިކް ރިއަލިޓީ ޝޯ އިންޑިއަން އައިޑޮލް 12 އިގެ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވީ ކުރީގެ މަޝްހޫރު ބަތަލާ ރޭކާ އެވެ. ރޭކާ މި ޝޯގައި ބައިވެރިވެ އޭނާގެ ފަރި އަދާތަކުން އެންމެން އާސޯހު ކޮށްލި އެވެ.
އުމުރުން މިހާރު 66 އަހަރު ފުރިފައިވާ ރޭކާ ވަނީ ސްޓޭޖްގައި ވަރަށް ފަރި ނެށުމެއް ނަށައި އުމުރަކީ ހަމައެކަނި ނަމްބަރެއްކަން ސާބިތު ކޮށްދީފަ އެވެ. މި އެޕިސޯޑު ހޯސްޓް ކޮށްދިނީ ޖޭ ބާނޫޝާލީ އެވެ. އެއީ މި ޝޯގެ އަސްލު ހޯސްޓް އަދިތުޔާ ނާރަޔަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކަރަންޓީނުގައި ހުންނަން ޖެހުމުންނެވެ.
ޖޭ ވަނީ ޝޯގެ ވަކި ހިސާބަކުން ރޭކާ އާއި ނެހާ ކައްކަރް އަށް ވަރުގަދަ ސުވާލެއް ހުށަހަޅާފަ އެވެ.
"ރޭކާޖީ، ނޭހޫ، އަންހެނަކު ފިރިހެނަކު ދެކެ މޮޔަވާ ވަރަށް ލޯބިވެ ގެން އުޅޭތަން ތި މީހުން ދުށިންތަ؟ އަދި އެވެސް މީހެއްގެ ފިރިއަކާ ހެދި،" ރޭކާ އާއި ނެހާ އާ މުހާތަބުކޮށް ޖޭ ސުވާލު ކުރި އެވެ.
ޖޭގެ މި ސުވާލަށް ރޭކާ ވަރަށް އަވަހަށް ޖަވާބު ދިނެވެ. އޭނާ ބުނީ އެކަމާ ގުޅޭ ގޮތުން އޭނާ އާ ސުވާލު ކޮށްބަލާށޭ އެވެ.
"އަހަރެން އެކައްޗެކޭ ވެސް ނުބުނަން،" ރޭކާ މިހެން ބުނުމުން ޖޭއަށް ކުޑަކޮށް ވާނުވާ ނޭނގިގެން އުޅޭހެން ހީވުމުން އަނެއްކާ ވެސް ރޭކާ ބުންޏެވެ.
ރޭކާގެ މި ޖަވާބުން އޯޑިއަންސްގައި ތިބި އެންމެންގެ ހިނި ފަޅައިގެން ދިޔަ އެވެ. ސަބަބަކީ ރޭކާ އާއި އަމީތާބު ބައްޗަންގެ ލޯބީގެ ވާހަކައަކީ އިންޑިޔާގެ ގިނަ ބަޔަކަށް އެނގޭ މަޝްހޫރު ވާހަކައަކަށް ވާތީ އެވެ. އަމީތާބާއި ރޭކާގެ ލޯބީގެ ގުޅުން ފެށި އަދި ވަކި ހިސާބުން އެ ގުޅުމަށް ނިމުމެއް އައިއިރު ވެސް އަމިތާބު އުޅެނީ ޖާޔާ ބައްޗަން އާ ކައިވެނި ކޮށްގެނެވެ.
ރޭކާ އާއި އަމީތާބު ސިއްރުން ކައިވެނި ކުރި ވާހަކަތަކެއް ވެސް ވަރަށް ކުރިން ފެތުރުނެވެ. ނަމަވެސް މި ވާހަކަތަކުގެ ހަގީގަތެއް މިހާތަނަށް ވެސް އެއްވެސް މީހަކަށް އެނގިފައެއް ނެތެވެ. ޔަގީންކުރެވޭ ކަމަކީ ހިންދޫ އަންހެނުން ކައިވެނި ކޮށްގެން އުޅޭކަން ދައްކަން ނިއްކުރީގައި ޖަހާ ސިންދޫރަ ރޭކާގެ ނިއްކުރީގައި އަބަދު ވެސް ޖަހާފައި ހުންނަ ކަމެވެ.