ބޮލީވުޑް

ޚުޝީއާއި އަރްޔަން ބޮލީވުޑަށް ތައާރަފުވަނީ އެކުގައި

ބޮލީވުޑް ސްޓާރުންގެ ދަރިން ފިލްމީ ދާއިރާއަށް ތައާރަފުވުން މި ދުވަސްވަރު އަންނަނީ އިތުރުވަމުންނެވެ. ސުޕަސްޓާރު އެކްޓްރެސް ސްރީދޭވީގެ ދޮށީ ދަރިފުޅު، ޖާންވީ ކަޕޫރް ވަނީ ފިލްމު "ދަޅަކް" އިން މިދިޔަ ޖުލައި މަހު ބޮލީވުޑަށް ތައާރަފުވެފަ އެވެ. އިޝާން ކައްޓަރާއެކު އެ ފިލްމުގައި ޖާންވީ ލީޑުން ފެނިގެންދިޔައިރު، ޖާންވީއަށް ވަނީ ތައުރީފުތައް އޮހިފަ އެވެ.

ޖާންވީއަށްފަހު އޭނާގެ ކޮއްކޮ، ސްރީދޭވީގެ ހަގު ދަރިފުޅު ޚުޝީ ކަޕޫރްވެސް ބޮލީވުޑަށް ތައާރަފުވާން މިހާރު ހުރީ ތައްޔާރަށެވެ. ރިޕޯޓުތައް ބުނާގޮތުން ޚުޝީ ބޮލީވުޑަށް ތައާރަފުވާނީ ސުޕަސްޓާރު އެކްޓަރު ޝާހުރުކް ޚާންގެ ދޮށީ ދަރިފުޅު އަރްޔަން ޚާންއާއި އެކުގަ އެވެ.

ކަޕޫރް އާއިލާގެ އަރިސް މީހަކާއި ހާވާލީދި ޑިކޭން ކްރޮނިކަލް ނޫހުގައި ބުނެފައި ވަނީ އެ ފިލްމަކީ ކަރަން ޖޯހަރްގެ ފިލްމެއް ކަމަށެވެ. ފިލްމުގެ ވާހަކަތައް އަދި އޮތީ ސިއްރުކޮށްފައި ކަމަށާއި މިހާރު ކުރަމުން އަންނަނީ ރަނގަޅު ސްކްރިޕްޓެއް ހޯދުމުގެ މަސައްކަތްކަމަށްވެސް ބުނެފައިވެ އެވެ.

ޝާހުގެ އަންހެން ދަރިފުޅު، ސުހާނާ ޚާން ވަނީ ދާދިފަހުން ވޯގް މެގަޒިންގެ ކަވާއަށްވެސް އަރާފަ އެވެ. އެ މެގަޒިންއަށް ދިން އިންޓަވިއުގައި ސުހާނާ ވަނީ ސްޓާރެއްގެ ދަރިއަކަށްވުމުން އޭނާއަށް ކުރިމަތިވާ ގޮންޖެހުންތައް ކިޔާދީފަ އެވެ. އެ މެގަޒިންއަށް ސުހާނާ އެރުމުން ގިނަ ބައެއް ފާޑުކިޔުންތައްވެސް އަމާޒުވި އެވެ. އެކަމުގައި ޝާހުގެ ނުފޫޒު އޮތް ކަމަށް ބުނެ އެވެ.