(28 އޯގަސްޓް 2018 އާ ގުޅޭ) -- ބަދިގެ ފަރާތުން ނުކުމެގެން އައި ޝަރުމީނަށް އެ މަންޒަރު ފެނި ހުއްޓުން އެރިއެވެ. އޭނާއަށް ވެސް ހިނިތުންވެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. ހިތަށް އިތުރު ފިނިކަމެއް ލިބުނީ ހީނލަހީނލާއިން ބިލާލު ފެނުމުންނެވެ. ދުވަހަކު ވެސް ފެންނާނޭކަމަށް ހީނުކެރުވުނު މަންޒަރެއް ކުރިމަތިން ފެންނަމުންދިޔައީތީ އެސްފިޔަޖާހާލަން ވެސް ޝަރުމީނު ބޭނުންނުވިއެވެ.
"އާދެބަލަ ދެ ކުދީން އިށީންނަން، ބައްޕަ ވެސް އެބައޮތޭ ވާހަކައެއް ދައްކަން" އަރްސަލްއާއި ރާދިންއަށް ގޮވާލައިފައި ބިލާލު ސޯފާއަށް އިޝާރާތްކޮށްލިއެވެ. ސޯފާގެ ދެ ފަރާތުގައި ތިބި އަރްސަލްއާއި ރާދިން ވަގުތުން ސަކަރާތްހުއްޓާލިއެވެ. އަދި އައިސް ސޯފާގައި އިށީނދެއްޖެއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ބިލާލު ވާހަކަދައްކަން ފެށިއެވެ.
"ދަރިފުޅުމެން ދެ ކުދީން ދޮށްޓަށް ތި ތިބީ، މުއްޠަލިބަކީ ދެވަނަ ބައްޕައެއްހާ ހެޔޮލަފާ މީހެއް، އޭނާގެ އަމިއްލަ ދަރީންދެކެ ވާ ފަދަ ލޯތްބެއް ތި ކުދީންދެކެ ވެސް ވޭ، ބައްޕަ ބޭނުމެއްނޫން ބައްޕަމެންނާ ހަމައިން މި އެކުވެރިކަން ނިމިގެންދާކަށް، އެ ޢާއިލާގައި ދަރިފުޅުމެންނާ ބޮޑަށް ގުޅުން އޮތީ އާނާއާ... ބައްޕަ ބޭނުންވަނީ ހުރިހާ ކުދީންގެ މެދުގައި ވެސް އެކުވެރިކަން އޮންނަން، މުއްޠަލިބުގެ ޝިފާޒަކީ ހުރިހާ ކުދީންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ، މުއްޠަލިބުގެ މަސައްކަތުގައި މިހާރު އެންމެ ބޮޑު އެހީއެއްވަނީ އޭނާ، ބައްޕަ ވެސް ބޭނުންވަނީ ތި ދެ ކުދީންގެ ތެރެއިން ކުއްޖަކު ބައްޕަގެ މަސައްކަތުގައި އެހީތެރިވެދޭން، މުސްތަޤުބަލުގައި އަހަންނާއި މުއްޠަލިބު ކުންފުނި ހިންގި ގޮތަށް ހިންގަން ތިބިބަޔަކީ ޝިފާޒާއި ތި ކުދީން، ހަލަފްގެ ވިސްނުން އަދި ވަރަށް ޅަ، އޭނާއަށް ހަރުދަނާ މަގު ކޮށައިދޭން ތިބީ ވެސް ތި ދެބެން، ވިޔަފާރީގެ ތެރެއަށް އޭނާ ޝައުގުވެރިކުރުވެނީ ވެސް ހަމަ ތި ދެ ކުދީންނަށް، ބައްޕަ ނުބުނަން ދަރިފުޅުމެންގެ އަމިއްލަ މަސައްކަތުން އުފެއްދި ކުންފިނި ދޫކޮށްލާފައި ބައްޕަ ގާތަށް މަސައްކަތް ކުރަން އަންނާކަށް، އެކަމަކު ކޮންމެވެސް އެއްކަޖު މިކޮޅުގެ ކަންކަން ބަލާލަން ހުންނަން ބައްޕަ އެދެނީ، ކަމެއް ދިމާވާނީ އެނގިފައެއްނޫން، އެހެންވީމަ ބައްޕައާއި މުއްޠަލިބުގެ މި ޕާޓްނާޝިޕްގެ ދަށުން ކުރެވެމުން އަންނަ މަސައްކަތްތައް ތި ކުދީންނަށް އެނގިފައި އޮތުން މުހިންމު ކަމަށް ބައްޕަ ދުށީ... މުއްޠަލިބު ވެސް ވިސްނަނީ އޭނާގެ ޒިންމާތައް ދަރިފުޅު ޝިފާޒާ ހަވާލުކުރަން، ބައްޕަގެ މި ތިބީ ހުސް ފިރިހެން ދަރީން... އެކުދީންގެ ތެރެއިން ބައްޕަ ވެސް އެދެނީ ކޮންމެވެސް ކުއްޖަކު ކުންފުނީގެ މަސްއޫލިއްޔަތުތަކާ ހަވާލުވާން... މިކަމާ ދަރިފުޅުމެން ދެ ކުދީން އަޅެ ވިސްނާލަބަލަ އިނގޭ" ބިލާލު ދެއްކި ވާހަކަތައް ރާދިންއާއި އަރްސަލް ތިބީ ފަރުވާތެރިކަމާއެކު އަޑުއަހާށެވެ.
"އޯކޭ ބައްޕާ" ރާދިން އިނދެފައި ބުނެލިއެވެ.
އިތުރު ވާހަކައެއް ދައްކަން ނެތުމުން އަރްސަލްއާއި ރާދިން ދިއުމުގެ ހުއްދަ ބިލާލު ދިނެވެ. އެއާއެކު ދެ ޒުވާނުން ވެސް ގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ބޮޑު ބެލްކަންޏަށް އައެވެ. އެތަނުގައި މަޑުކޮށްލީ ދެ މީހުން ކުރެ އެކަކު ވެސް އެހާ އަވަހަށް ނިދަން ދާން ގަސްދުނުކުރާތީއެވެ.
"އަރްސަލް، ބައްޕަގެ ކުންފުނި ހިންގަން އަރްސަލް ހަވާލުވާންވީނު، އަހަންނަށްވުރެ އަރްސަލް ކުރިއްޔާ ބައްޕަ އުފާވާނެ" ބެލްކަނީ ފާރުބުރީގައި ލެނގިލައިގެން ހުރެ ރާދިން ބުންޏެވެ.
"ތީ ވެސް ބައްޕަގެ ދަރިއެކޭ، ރާދު ހަވާލު ވިޔަސް ބައްޕަ އުފާވާނެ" އަރިއަކަށް ރާދިންއާ ކުރިމަތިލައިގެން ހުރި އަރްސަލް ބުނެލިއެވެ.
"އަހަރެމެންގެ ކުންފުނީގެ ހުރިހާ ކަމެއް އަހަރެން ބަލަހައްޓާނަން، އަރްސަލް އެހީވާންވީ ބައްޕައަށް، ނޫނީ ބައްޕަގެ ކުންފުންޏާ އަހަރެމެން މާޖްކޮށްލަންވީނު" ރާދިން ޚިޔާލު ފާޅުކުރިއެވެ.
"މާޖް ކުރާކަށް އަހަރެން ބޭނުމެއްނޫން، ބައްޕަގެ ބިޒްނަސްއަކީ ޕާޓްނާޝިޕް ބިޒްނަސްއެއް، އަހަރެމެން ދެ މީހުންގެ ބުރަ މަސައްކަތް އެއީ އަހަރެމެންގެ ކޮމްޕެނީ، ބައްޕަގެ ބޭނުމަކީ މިހާރު އޮތް ގޮތަށް ކޮމްޕެނީ ޕާޓްނާޝިޕް ބިޒްނެސްއެއްގެ ގޮތުގައި ފިއުޗާގަ ވެސް އޮތުން، މުއްތުބެގެ ޝިޔާޒު ހަވާލުވާއިރު ބައްޕަގެ ސައިޑުން އަހަރެމެން ދެ މީހުންކުރެ މީހަކު ހާވާލުވާން ހުރުން، އެހެންނޫނީ ބިޒްނަސް އޮންނާނީ އެއްކޮޅަށް ބުރަވެފައި... އީކުއަލް ޝެއާރ ހޯލްޑާސް އެއީ، ބައްޕަ ރެޕްރެޒެންޓް ކުރަން ތިބީ އަހަރެމެން، ރާދު... ލެޓްސް ފްލިޕް އަ ކޮއިން، އިފް ހެޑްސް، އައި ވިލް ޓޭކް ބައްޕަގެ ޕޮޒިޝަން، ޓެއިލް ދެން އިޓްސް ޔޫ" އަރްސަލް ހިނިއައިސްފައި ބުނެލިއެވެ. އަދި ޖީބުގައި އޮތް ވޮލެޓު ނެގިއެވެ.
"މިހާރަކު ނޫން... އަދި ވިސްނާލަން އަހަރެން ބޭނުން، ކޮންއިރަކުން ނިދަން ދަނީ، ނިމް ގެންނަން ގަސްދުކުރަނީ ކޮންދުވަހަކުން" ރާދިން މައުޟޫޢު ބަދަލުކޮށްލިއެވެ.
"އަދި ދުވަހެއް ނުނިންމޭ، ރާދު... ވާހަކައެއް އަހާލަންތަ؟" އަރްސަލް ވިސްނުމެއްގައި ހުރި ކަހަލައެވެ.
"އަހާބަލަ" ރާދިން ބުނެލިއެވެ.
"އިޓްސް އޯކޭ ނެވާ މައިންޑް" އިރުކޮޅަކު ހުރެފައި އަރްސަލް ބުނެލިއެވެ. އަދި ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"ތި ބޮލުގައި އެނބުރޭ ކަމެއް އޮތިއްޔާ ބުނެބަލަ، އޭރުން ދޯ މަށަށް ޚިޔާލެއް ދެވޭނީ" އަރްސަލްގެ ސިކުނޑީގައި އޭނާއަށް އުނދަގޫކުރާ ޚިޔާލެއް އުޅެނީކަން ރާދިންއަށް ނަގައިގަނެވުނެވެ.
"ދެން އެހެން ފަހަރަކުން... މިރޭ އާނާއަށް ނުގުޅަންތަ؟ ތި ދެ މީހުން މާފޮޅުވަން ނުދާ ރެއެއްތަ އަނެއްކާ" ދިމާކޮށްލާ ފަދަ ގޮތަކަށް އަރްސަލް ބުނެލިއެވެ.
"އާނާ ޑިއުޓީގަ ހުރީ، ބުނި ފްރީވީމަ ގުޅާނަމޯ، އަހަރެން މިދަނީ ކޮޓަރިއަށް" ރާދިން ބުންޏެވެ.
"އޯކޭ ބްރޯ... ގުޑްނައިޓް" އަރްސަލް ބުނެލިއެވެ. ރާދިން ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދާށެވެ. އަރްސަލް ގަސްދުކުރީ އިރުކޮޅަކު މަޑުކޮށްލާށެވެ.
"ސްކާލެޓް ކީއްވެ ދޮގު ހެދީ... ކޮންތާކަށްތަ ދިޔައީ، ޔޯ ހެއާ ވޯޒް އަ މެސް ވެން ޔޫ ކޭމް ބެކް ޓު ހޮޓެލް، ވެއާ ވާ ޔޫ، އަހަންނަށް ކަމެއް ފޮރުވަނީތަ؟ ޔޫ ނޯ އައި ޑޯންޓް ލައިކް ސީކްރެޓްސް، އަހަންނަށް އެނގެންނުޖެހޭ ކަމެއް މިހާރު އޮވެގެންނުވާނެ، މެރީކުރާ ވާހަކަ ދެއްކި ދުވަހު ފެނުނު އުފާވެރިކަން މިއަދު ސްކާލެޓްގެ މޫނުން ނުފެނުނު، އަހަރެންދެކެ ލޯބިވެޔޭ ބުނެފައި ބަދަލުނުވައްޗޭ" ނިމްރާގެ ޚިޔާލަށް ގެއްލިފައި އަރްސަލްއަށް ހުރެވުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. ކޮޅަށް ހުރެ ހުރެ ފައިވާޅުވެގެން ފައިގައި ރިއްސަން ފެށުމުން އަރްސަލް އެނބުރިލީ އޭނާގެ ކޮޓަރިއަށް ދާށެވެ.
* * * * *
ދެ ދުވަސް ފަހެވެ.
ފިކުރަކަށް ގެއްލިފައި އިން އަރްސަލްއަށް އަނެއްކާ ވެސް ފޯނަށް ބަލާލެވުނެވެ. ދެބުމަ ގޮށްޖަހާލުމާއެކު ދަތްކުނޑިވިކާލިއެވެ. ދެ ދުވަސް ކުރީން އޭނާގެ ފޯނަށް އައި ފޮޓޯ ފެނުނީއްސުރެން އަރްސަލްގެ ޠަބީޢަތްވަނީ ގޯސްވެފައެވެ.
"އިންނާނަން، ވީ އެންމެ އަވަހަކަށް އިނދެފައި ހުއްޓާލާނީ" އަމިއްލަ ނަފްސަށް އަރްސަލް ބުނެލިއެވެ.
"އަރްސަލް" ކުއްލިއަކަށް މޭޒުގައި ދެއަތުން ޖެހި އަޑަށް ރާދިންގެ ނަޒަރު އަރްސަލްއަށް ހުއްޓުނެވެ.
"އެބަ އަންނަން، އެއްކަލަ ޑޮކިއުމެންޓުގައި ސޮއެކުރުވާފައި" ކޮޅަށް ތެދުވި އަރްސަލް ބުނެލިއެވެ. އަދި ވަތްގަނޑު ހުޅުވާލައި އޭގައި އޮތް އޭފޯ ސިޓީއުރަ އަރްސަލް ނަގައިގެން ކެބިންއިން ނުކުތެވެ.
"ނިންމާލާފައި ދާންވީނު، ދެން ނެތޭ ގިނައިރެއް، މަވެސް ދާނަމޭ" ރާދިން ބުނެލިއެވެ.
"އަހަރެން އެކަނި ދާނީ" އަރްސަލް ބުނެލިއެވެ. އޭނާއަށް ވެފައި ހުރި ގޮތެއް ދެނެގަންނަން ރާދިންއަށް ނޭނގުނަސް ކޮންމެވެސް ކަމެއްވެއްޖެހެން ރާދިންއަށް ހީވިއެވެ. އަރްސަލް ނުކުމެގެން ދިޔަތަން ބަލަން އިރުކޮޅަކު ރާދިން އިނެވެ.
* * * * *
ނިމްރާގެ ކެބިންގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން އަރްސަލް ފެނުމުން އީވާ ސަލާމް ގޮވާލިއެވެ. އޭނާއަށް ޖަވާބު ދިނުމަށްފަހު އަރްސަލްގެ ސަމާލުކަން ނިމްރާއަށް ހުއްޓާލިއެވެ. ނިމްރާގެ މޭޒު ކައިރިއަށް އައިސް އަތުގައި އޮތް ސިޓީއުރައިގައިވި ކަރުދާސްތަކުގެ އެއްބައި ފެންނަ ވަރަށް ނެރިލައި ނިމްރާގެ ކުރިމަތީ ބޭއްވިއެވެ. އަދި އޭގައި ހިފަހައްޓައިގެން ހުރެ ކަރުދާހުގައި ސޮއެ ކުރަންވީ ތަން ނިމްރާއަށް އަރްސަލް ދައްކާލިއެވެ.
"ހުރިހާ ގަނޑެއްގެ މި ތަނުގައި ސޮއިކޮށްލާ، ފަހަތު ގަނޑުގައި ސޮއިކޮށް ނިންމާފައި ފިންގާ ޕްރިންޓް ޖަހާ" އަރްސަލްގެ އަޑުގައި ހުރީ އަމުރުކުރުމެވެ.
"މީ ކޯޗެއް؟ ލިޔެފައި އޮތް އެއްޗެއް ނުކިޔާ ސޮއިކުރާނީ ކިހިނެއް؟" ނިމްރާ ހާސްވިއެވެ.
"ތީ ކައިވެނިކުރާ ފޯމު" އަރްސަލް ބުނެލިއެވެ.
"މީ އެ ފޯމެއްނޫން، އަހަންނަށް ވެސް އެވަރު އެނގެޔޭ" ނިމްރާ ބުނެލިއެވެ.
"ޔޫ ޑޯންޓް ވޯންޓް ޓު މެރީ މީ" އަރްސަލް ބުނެލިއެވެ.
"ތިކަހަލަ ވާހަކަދައްކަން މީ އެންމެ އެކަށީގެންވާ ތަނެއްނޫން" އީވާއަށް ބަލާލުމަށްފަހު އަރްސަލްއާ ނަޒަރު ސީދާކޮށްލަމުން ނިމްރާ ބުންޏެވެ.
"މީގައި ސޮއި ކުރޭ، ވަރަށް އަވަހަށް މީ ކޯޗެއްކަން ވެސް އެނގޭނެ" އަރްސަލް ބުނެލިއެވެ. އެހިނދު ނިމްރާގެ ހަނދާނަށް އައީ ކީފާގެ ވާހަކަތަކެވެ. އަރްސަލް އޭނާ ލައްވައި އެއްޗެއްގައި ސޮއިކުރާނޭކަން ކީފާ އޮތީ ބުނެފައެވެ. އިސްއޮބައިލައި ނިތްކުރީގައި މަޑުމަޑުން ފިރުމާލަމުން ފިނިނޭވާއެއް ނިމްރާއަށް ދޫކޮށްލެވުނެވެ. އޭނާ ސޮއިކުރަން ގަލަން ނަގާފައި އަދި އެއްފަހަރު އަރްސަލްއަށް ބަލާލިއެވެ. އެއާއެކު އަރްސަލް ލޮލުން އިޝާރާތްކޮށްލީ ކަރުދާހަށެވެ. އަވަހަށް ސޮއިކުރާށޭ ބުނާ ފަދައިންނެވެ. ނިމްރާ އިތުރަށް އެއްޗެއް ނުބުނެ އަރްސަލް އެދުނު ފަދައިން ކަންތައްކުރިއެވެ. އެ ކަރުދާސްތައް ބެލުމުގެ ބޭނުމެއް އޮތްކަމަކަށް ނިމްރާއަށް ނުފެނުނީ ކީފާގެ ފަރާތުން އެކަމުގެ ޚަބަރު ލިބިފައި އޮތީމައެވެ.
"އީވާ، މީ ސިއްރު ލިޔުމެއް، މިހާރު މިވަގުތު މި ގެން ގޮސް ރާދިންއާ ހަވާލުކުރޭ، ބުނޭ އަހަރެންނޭ ދިނީ" އަރްސަލް ހުރި ފިޔަވަޅު މަތީ ހުރެ އީވާއަށް ސިޓީއުރަ ދިއްކޮށްލިއެވެ. ހަލުވިކޮށް މޭޒު ކައިރީން ތެދުވެގެން އައިސް އެ ސިޓީއުރަ ހިފައިގެން އީވާ ކެބިންއިން ނުކުތެވެ.
"ހިނގާ އަހަންނާއެކު" ނިމްރާއަށް ނަޒަރު ހުއްޓާލަމުން އަރްސަލް ބުންޏެވެ.
"ކޮންތާކަށް" ނިމްރާ ސުވާލުކުރިއެވެ.
"އަދިވެސް އަހަންނަށް އިތުބާރު ނުކެރެވެނީތަ؟" އަރްސަލް ބުނެލިއެވެ. ނިމްރާ އެއްޗެކޭ ނުބުނުމުން އަރްސަލް ކުރިއަށް ޖެހިލައި ނިމްރާގެ މުލައްދަނޑީގައި ހިފިއެވެ.
"ކޮން ސަކަރާތެއްތަ އަރްސަލް ތި ޖަހަނީ" ނިމްރާ މަޑުމަޑުން ބުނެލިއެވެ. އަރްސަލް ވާހަކަދެއްކުމުގެ ބަދަލުގައި ނިމްރާގެ އަތަށް ދަމާލިއެވެ. ނިމްރާ މޭޒުދޮށުން ތެދުވުމާއެކު އަރްސަލް އޭނާގެ ލެޕްޓޮޕް ލައްޕާލައިފިއެވެ. ނިމްރާ އަތްދަބަސް ނެގުމުން އިތުރަށް އަރްސަލް މަޑެއް ނުކުރިއެވެ. ނިމްރާގެ އަތުގައި ހިފައިގެން ކެބިންއިން ނުކުތީއެވެ.
"ޕްލީޒް އަރްސަލް، އަތުގައި ހިފައި ދަމާފައި ގެންދާހެން އަހަރެން ނުގެންދިޔަޔަސް އަރްސަލްއާއެއްކޮށް ހިނގައިދާނަމޭ، ސްޓާފުންގެ ކުރިމަތީ އަހަރެން ލަދުގަންނަވާލަން ބޭނުންވަނީތަ؟ އެހެންވިއްޔާ އަހަރެން ބުނާނޭ އެއްޗެއްނެތް" ނިމްރާގެ ވާހަކައިން އަރްސަލް މަޑުޖެހިލިއެވެ. އޮފީސްތެރެއަށް ނަޒަރު ހިންގާލެވުމާއެކު ނިމްރާއަށް އަރްސަލް ބަލާލިއެވެ. އަދި ނިމްރާގެ އަތުން ދޫކޮށްލައި ފަޓުލޫނުގެ ޖީބަށް ދެއަތްތިލަ ކޮށްޕާލިއެވެ.
އެޕާޓްމެންޓަށް ވަދެވުމާއެކު އަރްސަލް ވަގުތުން ދޮރުލައްޕާލިއެވެ. ތަނެއްގައި އިށީންނަން ވެސް ނޫޅެ އޭނާ ނިމްރާގެ ކުރިމަތީ ހުއްޓުނެވެ.
"އާ ޔޫ ހެވިންގް އެން އެފެއާ" އަރްސަލް އެހިއެވެ.
"ވަޓް" ނިމްރާއަށް ލިބުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. އަރްސަލްއަށް ވެސް އެ އަސަރުތައް ސިއްރެއްނުވިއެވެ.
"އެހެންވީރު ކުރީގެ ލޯބިވެރިޔާއާ ގުޅެން ބޭނުންވަނީތަ؟ ދެ ދުވަސްވަންދެން އަހަރެންގެ ޚަބަރެއްނުވީމަ ސްކާލެޓް އަޅާ ވެސް ނުލި، ކީއްވެތޯ އަހަރެންގެ ޚަބަރެއްނުވީ އަހާ ވެސް ނުލި، ލޯބިވާ މީހުން ކަންތައްކުރަނީ އެހެންތަ؟ ކައިވެނިކުރަން ބޭނުންނުވަނީތަ؟" އަރްސަލް ހުރީ ނުރުހިފައިކަން ނިމްރާއަށް އެނގުނެވެ.
"މިޢުވާނުގެ ވާހަކަ ނުދައްކަފާނަންތަ؟ ދުވަހަކު އިންނާނޭ މީހަކު ނުވިޔަސް އިރާދަކުރެއްވިއްޔާ ދެން އޭނާގެ ގާތަކަށް ނުދާނަން، އަރްސަލް އެއްފަހަރު ވެސް އަހަންނަށް އިތުބާރުކުރީންތަ؟ ކައިވެނިކުރަން ބޭނުންނޫނޭ އަހަރެން އެއްފަހަރު ވެސް ނުބުނަން، އަހަންނަށް ލޯބިވެވުނީ އަރްސަލްގެ ސަބަބުން، ހުރިހާ އިމެއް ފަހަނައަޅައިދިޔައީ ވެސް ވެވުނު ލޯބީގެ ސަބަބުން، އަހަންނަކީ ފެންނަހާ ފިރިހެނަކަށް ދަޢުވަތު..."ނިމްރާއަށް ޖުމްލަ ފުރިހަމަނުކުރެވި ރޮވުނީއެވެ. އަރްސަލްގެ ނުރުހުން ވަގުތުން ފިލައިގެން ހިނގައްޖެއެވެ. ކުރިއަށް ޖެހިލައި ނިމްރާގެ ކޮނޑުގައި ހިފާ ގެނެސް މޭގައި ފޮރުވާލިއެވެ. އޯގާތެރިކަމާއެކު ނިމްރާގެ ބޮލުގައި އަރްސަލް ފިރުމަންފެށިއެވެ.
"ސޮރީ... ސްކާލެޓް ރޯތަން ދުށުމަށް އަހަންނަކަށް ކެތެއްނުވާނެކަން އެނގެއެއްނު، ދެން އެކަހަލަ ވާހަކައެއް ނުދައްކާނަން" އަރްސަލް މަޑުމަޑުން ވާހަކަދެއްކިއެވެ. އެހެންވިޔަސް ނިމްރާގެ ހިތުގައި ހިނގަމުންދިޔަ އޮއިވަރުގެ ހިލަމެއް އަރްސަލްއާ ހަމައަކަށް ނުފޯރިއެވެ.
"އައި މިސްޑް ޔޫ ސޯ މަޗް، އަހަންނާ މާދުރުން މިހާރު ތިއުޅެނީ، އަހަރެން ގާތްވާކަށް ވެސް ފުރުޞަތެއް ނުދޭ، ސްކާލެޓް ބަދަލުވެއްޖެހެން ހީވީ އެހެންވެ، އަހަރެންގެ ކަމުނުދާކަމެއް ހުރިއްޔާ ބުނީމަ އެނގޭނީ، ރަނގަޅުކުރެވޭވަރު ކަމެއްނަމަ އަހަރެން އެކަން ރަނގަޅުކުރާނަން... އަހަންނާ ދުރަށްދާކަށް ފުރުޞަތެއްނުދެވޭނެ" އަރްސަލް ބުނެލިއެވެ. އަދި ނިމްރާގެ ލޯކައިރިއާއި ކޯތާފަތް ދެއަތުން ފުހެލައިފައި ނިތްކުރީގައި ބޮސްދީފިއެވެ. ނިމްރާ ގޮވައިގެން އައިސް ސޯފާގައި އަރްސަލް އިށީނެވެ. ނިމްރާއާ ދިމާއަށް އެނބުރިލައިގެން އެއްފައި ސޯފާއަށް އަރުވާލައިގެން އަރްސަލް އިނެވެ. ނިމްރާގެ ދެއަތުގައި ހިފާ ބާރުކޮށްލަމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.
"ބައްޕަ ހުރީ ސްކާލެޓްއާ މީޓުކުރަން ބޭނުންވެފައި، އަހަރެމެންގެ ކައިވެންޏަށް ބައްޕަގެ ރުހުން ދީފި، ބައްޕަ އެދުނީ ފެމެލީއަށް އިންޓްރޮޑިއުސްކޮށްދޭން ސްކާލެޓް ގެންނަން، މިރޭ އަހަންނާއެކު ދާންވީނު ގެއަށް" އަރްސަލް ބުނެލިއެވެ.
"އަހަރެންގެ ހުރިހާ ވާހަކައެއް ބައްޕައަށް ކިޔައިދިނިންތަ؟ އަރްސަލް... ކައިވެންޏަކީ ކުރާ ސާމާސާއެއްނޫން" ނިމްރާއަށް އަރްސަލްގެ ވާހަކަތައް ޤަބޫލުކުރަން އުނދަގުވީއެވެ.
"އެކަންކަން ބައްޕައަށް އެނގުން މުހިންމެއްނޫން، އަހަރެން ސްކާލެޓްއަށް އިތުބާރުކުރަން އިނގޭ، ސޯ އަހަންނަށް ވެސް އިތުބާރުކުރޭ، ކައިވެނި ކުރެވުނީމަ ހުރިހާކަމެއް ހަމައަކަށް އެޅިދާނެ، އެއްވެސްކަމަކާ ސްކާލެޓް ވޮރީކުރާކަށް އަހަރެން ނޭދެން، އަހަރެން ހުރިހާކަމެއް ހަމަޖައްސާނަން، ޓްރަސްޓް މީ، ދެން ބުނެބަލަ... އަހަންނާއެކު ބައްޕައާ މީޓުކުރަން ދާނަންތަ؟" އަރްސަލް ހިނިތުންވެލިއެވެ.
"އަރްސަލް ބޭނުންވަނީ އެގޮތްތަ" ނިމްރާ އަހާލީ އަރްސަލްއާ ނަޒަރު ސީދާކޮށްލައިގެން އިނދެއެވެ.
"ޔެސް މައި ބިއުޓިފުލް ސްކާލެޓް" ނިމްރާގެ ކޮލުގައި އަރްސަލް ހިފާލައި ތަޅުވާލިއެވެ.
"އައި ވިލް ގޯ، ޓައިމް ބުނޭ... ރެޑީވެގެން ހުންނާނީ..." ނިމްރާ ޖެހިލުންވެ ޔަގީންނުވެފައި އިނދެ ބުނެލިއެވެ.
ނިމްރާއާ ވަކިވެގެން އެޕާޓްމެންޓުން އަރްސަލް ނުކުތް އިރު ހުރީ ހިތްހަމަޖެހިފައެވެ. އެހެންނަމަވެސް އޭނާ ގެއަށްދާން ރާދިންއަށް ގުޅުމުގެ ކުރީން މިޢުވާނަށް ގުޅިއެވެ.
"އަހަންނަށް އެނގޭ އެއީ ކަލޭގެ ކަމެއްކަން، ދެ މީދާ ފަހާ ދުވި ބުޅަލަށްވީވަރު ވެސް ކަލެއަށް ނުވާނެ، ބަލަން ހުންނާތި، ނިމްރާ މިހާރު އެ ހުރީ އަހަރެންގެ ބެލުމުގެ ދަށުގައި، އޭނާއަށް ކަލޭ ބޭނުންހާ ގޮތެއް ނުހެދޭނެ، މައިންޑް ގޭމް ކުޅެން ކަމަށްތަ ތި އުޅެނީ، އައި ޑޫ ޓްރަސްޓް ހާ، އަހަރެމެން ދެ މީހުންގެ ދެމެދަށް ވަންނަން މަސައްކަތްކުރަންޏާ ދެން އިންޒާރެއް ވެސް ނުދޭނަން، އަހަންނަށް އެނގޭ ކަލޭ ހޭންޑްލް ކުރެވޭނީ ކިހިނެއްކަން، ކީފާ ވެސް ކަލެއާ ދުރުކުރާނަން" މިޢުވާނު ފޯނު ނުނެގުމުން އަރްސަލް ޗޮއްކަނޑާލާފައި އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.
* * * * *
ރޭގަނޑު ހަތްގަނޑިބައިވެ ބޮޑުވި ފަހުން ނިމްރާ ބަލާ ހޮޓެލަށް އަރްސަލް އައީ ކާރުގައެވެ. އެޕާޓްމެންޓާ ހަމައަށް ދިއުމުގެ ކުރީން ނިމްރާއަށް ގުޅާފައި ތައްޔާރުވެވިއްޖެތޯ އަރްސަލް އެހިއެވެ. އޭނާ ހުރީ ހޮޓެލްގައި ކަމެއް ނުބުނެއެވެ. އެޕާޓްމެންޓުގެ އެތެރެއަށް އަރްސަލް ވަނުމުން ސޯފާގައި އިނދެފައި ނިމްރާ ތެދުވިއެވެ.
"ޔޫ ލުކް ބިއުޓިފުލް" ނިމްރާ ފެނި އަރްސަލްއަށް ވަގުތުން ހިނިތުންވެވުނެވެ. ކަކުލުން ތިރިއަށް ހުރި ޝިފޯން ފޮތީގެ ހެދުމުގައި ނިމްރާ ފެންނަލެއް ވަރަށް ޗާލެވެ. ތުނި ކަޅުފޮތީގައި ހުރި ދިގު އަތުގެތެރެއިން ނިމްރާގެ ހަމުގެކުލަ ފާޅުވާންހުއްޓެވެ. ހެދުމުގެ އުނަގަނޑުން މައްޗަށް ވާގޮތަށް އަޅި ކުލައެއްގެ ޑިޒައިނެއް ފޮތީގައި ހުރިއިރު ތިރިއަށް ފިތްފިތަށް ހުރީ ރަންކުލައިގެ ޝޭޑްތަކުގެ ޑިޒައިނެއް އަޅާފައެވެ. ނިމްރާގެ އަތުގައި އޮތް ކްލަޗްއާއި އަރާފައި ހުރި އުސް ފައިވާން ވެސް ހުރީ ކަޅުކުލައިގައެވެ. އެންމެ ސަމާލުކަން ލިބޭ ރަތްކުލައިގެ އިސްތަށިގަނޑު ހުރީ އެއްފަރާތަށް ވާގޮތަށް އޮމާންކޮށްލެވިއެވެ.
"އެލިގެންޓް އެންޑް ބިއުޓިފުލް... ސޯ ޕާފެކްޓް" ނިމްރާގެ ކޯތާފަތުގައި ފިރުމާލާފައި އަދިވެސް އެއްފަހަރު އަރްސަލް ތަޢުރީފުކޮށްލިއެވެ. އެހެންނަމަވެސް ނިމްރާ ހުރީ ހަމަޖެހިފައެއްނޫނެވެ. އޭނާ ހުރީ ދުވަހަކުވެސް ހާސްނުވާވަރަށް ހާސްވެފައެވެ. އިތުބާރުކުރާށޭ އަރްސަލް ބުންޏަސް އެކަން ކުރުން ނިމްރާއަށް ފަސޭހައެއްނޫނެވެ. ހިތުގައިވަނީ ވަހުމްތަކެވެ. އަރްސަލްގެ ބެލުމުގައިވަނީ ކީކޭކަމެއް އޭނާ ދައްކާވާހަކައިން ދެނެގަންނަންވީ ކޮންކަމެއްކަން ނިމްރާއަށް ވަނީ އޮޅިފައެވެ.
* * * * *
ހ.ޕްރިމްރޯސްގެ ބޮޑުކޮޓަރީގެ ސޯފާތަކުގައި ބިލާލުއާއި ޝަރުމީނުގެ އިތުރުން ރާދިންއާއި ހަލަފް ވެސް އިނެވެ. އަރްސަލް އިންނަން ގަސްދުކުރާ ކުއްޖާއާ ޢާއިލާއާ ބައްދަލުކޮށްދޭން ބޭނުންވާތީ ހުރިހާ މެންބަރުން އެވަގުތު ތިބެންޖެހޭނެކަން އެންގީ ބިލާލެވެ. އެކަމާ އެންމެ ބޮޑު ދެކޮޅެއް ހެދީ ޝަރުމީނެވެ. އޭނާ އިނުމުން އަރްސަލް ހިތްހަމަނުޖެހޭނޭ ހީވާތީއެވެ.
"ދޭ އާ ހިއާ ޑޭޑް" ހަލަފް އިނދެފައި ކުއްލިއަކަށް ސޯފާއިން ތެދުވިއެވެ. ހަލުވިކޮށް ބޮޑުކޮޓަރީގެ ދޮރުކައިރިއަށް އޭނާ އައެވެ.
"ވެލްކަމް ރެޑް... ވެލްކަމް ޓު ދި ފެމެލީ އެންޑް ކޮންގްރެޗުލޭޝަން އަގައިން... އޯ ގޯޑް، އައި ލަވް ޔޫ... އައި އޭމް ސޯ ހެޕީ" ހަލަފް އުފަލުން ގޮސް ނިމްރާގެ އަތުގައި ހިފާ ގާތްކޮށްލަން އުޅުނު ވަގުތު އެ ދެމެދަށް އަރްސަލް ހުރަސް އެޅިއެވެ.
"ސްޓޮޕް ސެއިން އައި ލަވް ޔޫ ޓު ހާ، ޝީ އިޒް މައި ފިއުޗަރ ބްރައިޑް... ގެޓް ލޮސްޓް އިޑިއަޓް" ނިމްރާގެ އުނަގަނޑުގައި ހިފާ ގާތްކޮށްލުމާއެކު އަރްސަލް އެއްބުމަ އަރުވާލައި ހަލަފްއަށް ބުނެލިއެވެ.
"އައި ޑޯންޓް ކެއާ ޑެވިލް... ރެޑް ދެން ހުންނާނީ އަބަދު އަހަންނަށް ފެންނަ ހިސާބުގައެއްނު" ހަލަފް ނިކަން ބޮޑަށް ހީނލާފައި ވައްތަރުޖައްސާލިއެވެ.
"އަރްސަލް" ރާދިން ގޮވާލިއެވެ. އެއާއެކު ނިމްރާ ގޮވައިގެން ބިލާލުމެން ގާތަށް އަރްސަލް އައެވެ. ނިމްރާ ފެނުމުން ބިލާލަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. ނިމްރާގެ ސަބަބުން އޭނާގެ ތިން ފިރިހެން ދަރީންގެ މޫނުމަތިން ފާޅުވަމުންދިޔަ އުފާވެރި ހިނިތުންވުން ނިމްރާއަކީ ކޮންކަހަލަ ކުއްޖެއްކަން ބިލާލަށް ބުނެދީފިއެވެ.
"އިށީންނަންވީނު" ބިލާލު ހުރިހާ ކުދީންނަށް ބުނެލިއެވެ.
"ޑޭޑް... މީ ރެޑް އިނގޭ، ޝީ އިޒް ދި ބެސްޓް" ހިނިއައިސްފައި އިން ހަލަފް އަނގަގަދަވެގެން ބުނެލިއެވެ. އަރްސަލް ކަޅިއަޅާލިއެވެ.
"ޝަޓްއަޕް ބްރޯ" ހަލަފްގެ ފުއްކިބައިގައި ރާދިން ޖަހާލިއެވެ.
"މީ ހުރިހާ ކުދީންގެ ބައްޕަ އިނގޭ، އަހަރެމެން ކުރީން ވަނީ ދިމާވެފައެއްނު ދޯ... ދެން މިއިނީ ޝަރުމީނު، ހަލަފްގެ މަންމަގެ އިތުރުން ހުރިހާ ކުދީންގެ ވެސް މަންމަގެ މަޤާމުގައި ހުރި މީހަކީ މީ، އައި ނޯ މައި ސަން އިޒް އަ ކޮމްޕްލިކޭޓެޑް ޔަންގްމޭން، އެކަން ނިމްރާއަށް އެނގޭނެހެން ހީވަނީ، އެކަމަކު ބުނަން، އަރްސަލްއަކީ ގޯސްކުއްޖެއްނޫން، ބައެއްފަހަރު އޭނާ އެ ގެންގުޅޭ ރުޅިގަނޑުގެ ސަބަބުން ކަންކަން ވިސްނޭލެއް ލަސްވަނީ... އެހެންނު އަރްސަލް" ބިލާލުގެ ވާހަކައަށް އެންމެން ހޭންފެށިއެވެ.
"އޯލްވޭސް" އެންމެނަށްވުރެ ބާރަށް ހަލަފް ހީނގަތެވެ. އަރްސަލް ބަލާލީ ނިމްރާއަށެވެ. އޭރު ނިމްރާގެ ނަޒަރު ހުރީ އަރްސަލްއަށް ހުއްޓިފައެވެ.
"ހުވަފެނެއްތަ މީ... އަރްސަލް މީ ކޮންކަހަލަ ސަކަރާތެއް؟ އަރްސަލް ކައިވެނިކުރަން ބޭނުންނުވާއިރު ބައްޕައާ ހަމައަށް ކައިވެނީގެ ޚަބަރު ގެނައުން މުހިންމުތަ؟ އެއްމަސް ފަހުން އެހެން އަންހެންކުއްޖެއް ޢާއިލާއާ ބައްދަލުކުރަން ގެންނަން ނިންމާފައި އޮތްއިރު ބައްޕަގެ ކުރިމަތީ ކުޑަ ވެސް ލަދެއްނެތީތަ؟" އަރްސަލްއަށް ބަލަން އިން ނިމްރާގެ ހިތުގައިވިއެވެ. (ނުނިމޭ)