ކުޅިވަރު

ލީޑް ހިފަހައްޓާ ނުލެވި އީގަލްސް އަތުން ނިއު ބަލިވެއްޖެ

ޔޫތު ޗެމްޕިއަންޝިޕްގައި، ނިއު ރޭޑިއަންޓަށް ދެ ލަނޑުގެ ލީޑް ލިބުނުނަމަވެސް، ލީޑް ހިފަހައްޓާ ނުލެވި އީގަލްސް އަތުން 4-2 ން ބަލިވެއްޖެ އެވެ.

ރޭ ކުޅުނު މެޗު ފެށިގެން ތިން ވަނަ މިނެޓްގައި ނިއު އިން ވަނީ ލިޑް ނަގާފަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ޔޫސުފް ޖައިޝަމް ނާފިޒެވެ. ނިއުގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ ޖައިޝަމެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 30 ވަނަ މިނެޓްގަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، އީގަލްސް އިން ވަނީ ލަނޑު ޖަހައި ހިތްވަރު ހޯދާފަ އެވެ. އެ ޓީމުގެ ލަނޑު މެޗުގެ 41 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަހްމަދު ސަމާހް އެވެ. އީގަލްސްއިން ނަތީޖާ ހަމަހަމަ ކޮށް ލީޑް ނަގައި ލިޑް ފުޅާ ކުރީވެސް މެޗުގެ އެންމެ ފަހު 15 މިނެޓްގެ ތެރޭގަ އެވެ.

އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، މެޗުގެ 76 ވަނަ މިނެޓްގައި ހުސައިން އަހްޝަމް މޫސާ އެވެ، ލީޑް ނަގައިދިނީ އިބްރާހިމް އިލްހާން އިސްމާއީލެވެ. އެއީ މެޗުގެ 82 ވަނަ މިނެޓްގަ އެވެ. އީގަލްސްގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ލަނޑު ޖެހި އަހްމަދު ސަމާހެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް އޭނާ އެވެ.

މުބާރާޓުގެ މެޗުތައް ދެން އޮންނާނީ މާދާމާ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ވާދަ ކުރާނީ ގްރީން ސްޓްރީޓް އާއި އީގަލްސް އެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ މާޒިޔާ އާއި ނިއު ރޭޑިއަންޓެވެ.