މިޔަންމާގެ ރާޚައިން ސްޓޭޓުގައި ހަނގުރާމަވެރިންނާ ދެކޮޅަށް ކަމަށް ބުނެ އެގައުމުގެ ސިފައިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށި އޮޕަރޭޝަނުގައި ހިންގި ގަތުލު އާންމުގައި މިޔަންމާގެ ލީޑަރު އަންސަން ސޫޗީ އިސްތިއުފާ ދެއްވަންޖެހޭކަމަށް އދގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވެއްޖެ އެވެ.
ހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓް އާއްމުންނާއި އެގައުމުގެ ސިފައިން ދަނީ 2012 ވަނަ އަަހަރުން ފެށިގެން ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުންް މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް ހިންގާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފައެވެ.
ރަކީން ސްޓޭޓްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތައް ފެށުނީ ރޯހިންޔާ ދަރިކޮޅުގެ ހަނގުރާމަވެރިންގެ ބަޔަކު މިޔަންމާ ސިފައިންނާ ދެކޮޅަށް ދިން ހަަމަލާތަކަކާ ގުޅިގެންނެވެ. އެހަމަލާތަކާ ގުޅިގެން މިޔަންމާ ސިފައިން ވަނީ ރޯހިންޔާ ދަރިކޮޅުގެ އާއްމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ. އެގޮތުން އާއްމުންގެ އެތައް ބަޔަކު މަރާލައި އެތައް އަވަށެއް ވަނީ އަންދާލާފައެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޒައިދު ވިދާޅުވީ، ރޯހިންޔާ މައްސަލަ 1991 ވަނަ އަހަރު ނޮބެލް ޕީސް ޕްރައިޒް ލިބިވަޑައިގެންނެވި ސޫޗީ ދިފާއުކުރެއްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
މިޔަންމާ ސިފައިން ރޯހިންޔާ މުސްލިމުންނާއި ދެކޮޅަށް ބޮޑެތި ގަތުލުއާންމު ހިންގާ ކަމަށް އދ. އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، މިޔަންމާ ސިފައިންގެ އިތުރުން ސީދާ ސޫޗީ ވެސް ވަނީ އެ ރިޕޯޓު ދޮގުކޮށް ސިފައިންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފަ އެވެ.
"އޭނާ [ސޫޗީ] ހުންނެވީ ކަމެއް ކުރެއްވޭނެ ފަދަ މަގާމެއްގައި، އޭނާއަށް [ދިފާއުގައި] އެއްޗެއް ވިދާޅުނުވެ ހުންނެވުނީސް، ނޫނީ އެއަށްވުރެ ބޮޑަށް އޭނާއަށް އިސްތިއުފާވެސް ދެއްވުނީސް،" ޒައިދު ބީބީސީއަށް ވިދާޅުވި އެވެ.