ކުޅިވަރު

ރިޝްވަތު ކުށުގައި ފީފާގެ ކުރީގެ ނައިބު ރައީސް ޖަލަށް

ފީފާއާ ގުޅުން ހުރި ރިޝްވަތުގެ މައްސަލަތަކުގައި ބައިވެރިވުން އޮތް ކަން ސާބިތުވުމުން، ފީފާގެ ކުރީގެ ނައިބު ރައީސް ޕެރަގުއޭގެ ހުއާން އެންހަލް ނަޕޫޓް ނުވަ އަހަރަށް ޖަލަށް ލާން ކޯޓުން ހުކުމް ކޮށްފި އެވެ.

ދެކުނު އެމެރިކާ ފުޓްބޯޅް ކޮންފެޑްރޭޝަންގެ ރައީސްކަންވެސް ކުރިން ކުރި، ނަޕޫޓްގެ މައްޗަށް މިދިޔަ އަހަރު ޑިސެމްބަރު މަހު ނިއުޔޯކުގެ ބްރޫކްލިން ކޯޓްގައި ވަނީ ނަޕޫޓްގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމް ކަނޑައޅާފައެވެ. ނުވަ އަހަރަށް އޭނާ ޖަލަށް ލާން ހުކުމް ކުރީ އިއްޔަ އެވެ.

ކޯޓަށް ސާބިތު ވެފައި ވަނީ، ރިޝްވަތުގެ ގޮތުގައި 3.4 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އިތުރަށް 25 މިލިއަން ޑޮލަރު ރީޝްވަތުގެ ގޮތުގައި ހޯދުމަށްވެސް އޭނާ މަސައްކަތް ކުރިކަން ވަނީ ސާބިތު ވެފަ އެވެ.

ނަޕޫޓް،60 އާއެކު ބްރެޒިލް ފުޓްބޯލް ކޮންފެޑްރޭޝަންގެ ކުރީގެ ރައީސް ހޯސޭ މާރިއާ މާރިންގެ މައްޗަށްވެސް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަލާފަ އެވެ.

ފީފާގެ ކުރީގެ ރައީސް ސެފް ބްލެޓާގެ 18 އަހަރުވީ ދައުރުގައި، ފީފާގެ އެތެރެއިން ކޮރަޕްޝަނާ ރިޝްވަތު މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. މިހާރު ވެސް އޭނާ ހުރީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.