ފިނިޕޭޖް

މިހާރު އެންމެ އިންތިޒާރުކުރެވޭ ފިލްމުތައް

މި ފެށުނީ ހޮލީވުޑަށް ވަރަށް ފަޅު މަހެކޭ ވެސް ބުނެވިދާނެ އެވެ. މި މަހު ނުކުންނަނީ ހޮލީވުޑްގެ ބޮޑު ދެތިން ފިލްމެކެވެ. އެކަމަކު ބޮލީވުޑަށް ބަލާނަމަ ވަރަށް ބާރު ބޮޑެވެ. ވަރުގަދަ ގިނަ ބޮޑު ފިލްމުތަކެއް ސިނަމާއަށް ގެނައުމަށް އޮތީ ތާވަލުކޮށްފަ އެވެ. މި މަހަށް ތަވާލުކުރި ބައެއް ފިލްމުތައްވަނީ ބާރު ބޮޑުވެގެން ފަސް ވެސް ކޮށްފަ އެވެ.

ދި ނަން

ބިރުވެރި ފިލްމުތަކަށް ލޯބިކުރާ މީހުން މިހާރު އެންމެ ކެތްމަދުވެފައި ތިބޭނީ މި ފިލްމު ބަލާލުމަށެވެ. މިއީ އެމެރިކާގެ ބިރުވެރި ފިލްމު ސީރީޒް "ދި ކޮންޖުއަރިން" ގެ ފަސް ވަނަ ފިލްމެވެ. އަދި 2016 ގައި ނިކުތް "ދި ކޮންޖުއަރިން 2" ގެ ސްޕިން އޮފް ފިލްމެވެ.

"ދި ނަން" ޓްރެއިލާ.

ވޯނާ ބްރަދާސްއާއި ނިއު ލައިން ސިނަމާ ގުޅިގެން ގެނެސްދޭ މި ފިލްމު ރިލީޒް ކުރާނީ މި މަހު ހައެއްގަ އެވެ. ރާއްޖޭގައި ޕްރިމިއާ ކުރާނީ މި މަހު ހަތެއްގަ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ ގެރީ ޑޫބަމަން އެވެ. ޑައިރެކްޓުކުރީ ކޯރިން ހާޑީ އެވެ.

ދި ޕްރީޑޭޓާ

ސައިންސް ފިކްޝަން އެކްޝަން މި ފިލްމަކީ "ޕްރިޑޭޓާ" ފިލްމު ސީރީޒްގެ ހަތަރު ވަނަ ފިލްމެވެ. މުހިންމު ރޯލުތަކުން ކުޅަދާނަ އެކްޓަރުން ކަމުގައިވާ އޮލިވިއާ މުން، ބޯއިޑް ހޮލްބްރޫކް، ކީގަން ކީ، ސްޓާލިން ކޭ ބްރައުން އަދި ތޯމަސް ޖޭންފަދަ އެކްޓަރުން ފެނިގެންދާނެ އެވެ.

"ދި ޕްރީޑޭޓާ" ޓްރެއިލާ.

ޓުވެންޓިއެތު ސެންޗުރީ ފޮކްސްއާއި ޑާވިސް އެންޓަޓެއިންމަންޓް ގުޅިގެން، މި މަހު 13 ގައި ރިލީޒްކުރާ މި ފިލްމު ޑައިރެކްޓުކުރީ ޝޭން ބްލެކް އެވެ.

ލައިލާ މަޖްނޫ

ބޮލީވުޑްގެ އެންމެފަހުގެ އަސަރުގަދަ ލޯބީގެ ފިލްމުތަކުގެ ފަހަތުގައިވާ މޭސްތިރިއަކީ އިމްތިޔާޒް އަލީ އެވެ. އަނެއްކާވެސް އިމްތިޔާޒު މި ވަނީ ލޯބީގެ ފުން އަސަރުތައް ކުރުވާނެ ފިލްމެއް ގެނެސްދިނުމަށް ތައްޔާރުވެފަ އެވެ. މިފަހަރު މި ގެނެސްދެނީ "މުސްކުޅި" ލޯބީގެ ވާހަކައެއް ކަމުގައިވާ "ލައިލާ މަޖްނޫ" ގެ ޒަމާނީ ފިލްމެކެވެ.

"ލައިލާ މަޖްނޫ" ޓްރެއިލާ.

ލޯބި ހާސިލު ކުރަން ހުރިހާ ހައްދެއް ގިރާގުރާ ދެ ލޯބިވެރިންގެ ވާހަކަ ގެނެސްދޭ މި ފިލްމުގައި ލީޑު ރޯލުން ފެނިގެންދާނީ އަވީނާޝް ތިވާރީ އަދި ތުރިޕްތީ ދިރްމީ އެވެ. އެކްތާގެ ބަލާޖީ މޯޝަންސް ޕިކްޗާސްއިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓުކުރީ ސާޖިދު އަލީ އެވެ. މި ފިލްމު ރިލީޒްކުރަނީ މި މަހު ހަތެއްގަ އެވެ.

ޕަލްޓަން

ހަމަ މި މަހު ހަތެއްގައި ރިލީޒްކުރާ މި ފިލްމަކީ ހަނގުރާމަ މަތީ ފިލްމުތައް ގެނެސްދިނުމަށް ކުޅަދާނަ ޑައިރެކްޓަރު ޖޭޕީ ދަތު، 12 އަހަރު ފަހުން އަނބުރާ ޑައިރެކްޝަންގެ ދާއިރާއަށް އަންނަ ފިލްމެވެ. މި ފިލްމުގައި މުހިންމު ރޯލުތަކުން ޖެކީ ޝްރޮފް އާއި އަރްޖުން ރާމްޕާލް، ސޯނޫ ސޫދް، ކުނާލް ކަޕޫރް އަދި ގްރުމީތު ޗައުދަރީ ފެނިގެންދާނެ އެވެ.

"ޕަލްޓަން" ގެ ޓްރެއިލާ.

އިންޑިއާ އާއި ޗައިނާގެ ދެމެދުގައި 1962 ވަނަ އަހަރު ހިނގި ހަނގުރާމައިގެ ފަހުން ވީ ކަންތައްތައް ދައްކުވައިދޭ މި ފިލްމުގައި ގެނެސްދޭނީ 1967 ގައި އިންޑިއާއާއި ޗައިނާ ގުޅޭ ބޯޑަރު ކަމުގައިވާ ނަތުލާ ޕާސްގައި އިންޑިއާގެ ސިފައިންނާއި ޗައިނާގެ ސިފައިންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކެވެ.

ބައްޓީ ގުލް މީޓަރު ޗާލޫ

ޝާހިދު ކަޕޫރް އަދި ޝްރައްދާ ކަޕޫރް ލީޑުން ފެނިގެންދާ ކޮމެޑީ ޑްރާމާ މި ފިލްމު ރިލީޒްކުރަނީ މި މަހު 14 ގަ އެވެ. ޝްރީ ނާރާޔަން ސިންހު ޑައިރެކްޓުކުރާ މި ފިލްމަކީ ކަރަންޓު ލިބުމުގައި އިންޑިއާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަރަންޓު ބިލުގައި މަކަރުހެދެމުގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ގެނެސްދޭ ފިލްމެކެވެ.

"ބައްޓީ ގުލް މީޓަރު ޗާލޫ" ޓްރެއިލާ.

ޝާހިދު އާއި ޝްރައްދާގެ އިތުރުން މުހިންމު ރޯލަކުން މި ފިލްމުގައި ޔަމީ ގޯތަމްވެސް ފެނިގެންދާނެ އެވެ.

މަންމަރްޒިޔާން

އަނޫރާޖް ކަޝްޔަޕް ޑައިރެކްޓުކުރާ މި ފިލްމުވެސް ރިލީޒްކުރަނީ މި މަހު 14 ގަ އެވެ. އަބީޝޭކް ބައްޗަން، ވިކީ ކޯޝަލް އަދި ތާޕްސީ ޕަންނޫ ލީޑުން ފެނިގެންދާ މި ފިލްމީ މި އަހަރު އެންމެ އިންތިޒާރުކުރެވޭ ފިލްމުތަކުގެ ލިސްޓުގެ ކުރީގައި އޮތް ފިލްމެކެވެ. މި ފިލްމު ސިނަމާތަކާއި ހަމައަށް މި އަންނަނީވެސް ގިނަ މައްސަލަތަކެއް ޖެހުމަށްފަހު އެވެ.

"މަންމަރްޒިޔާން" ޓްރެއިލާ.

ސުއި ދާގާ

އަނުޝްކާ ޝަރްމާ އާއި ވަރުން ދާވަން ލީޑުން ފެނިގެންދާ މި ފިލްމަކީ މި މަހު ނިކުންނާނެ އެންމެ ފޯރިގަދަވާނެ ފިލްމަށް ވާނެ އެވެ. މި ފިލްމުގެ ޓްރެއިލާ އާންމުކުރުމާއެކު އަނުޝްކާގެ އެކްޓިންނަށް ޖޯކު ޖަހާއި ސޯޝަލް މީޑިއާގައި އެކަން ބޮޑު މަޖާގަނޑަކަށް ހަދާލި އެވެ.

"ސުއި ދާގާ" ޓްރެއިލާ.

އިންޑިއާގެ ރަށްފުށު ހިސާބުގައި ދިރިއުޅެމުން އަންނަ މީހާކާއި އޭނާގެ އަންހެނުން، އަންނައުނު ތައްޔާރުކުރުމަށް އަމިއްލަ ވިޔަފާރީއެއް ފެށުމަށް އުފުލާ ތަކުލީފުތައް ގެނެސްދޭ މި ފިލްމު ރިލީޒްކުރަނީ މި މަހު 28 ގަ އެވެ.