ބޭރު ކުޅިވަރު

ބާސާ ފަސް ވަނަ ފަހަރަށް ޔޫޫރަޕްގެ ޗެމްޕިއަންކަން ހޯޯދައިފި

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ ޔުވެންޓަސްގެ މައްޗަށް 3-1 އިން ކުރި ހޯދައި، ބާސެލޯނާ ފަސް ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފި އެވެ. މިއީ ހަ އަހަރުގެ ތެރޭގައި ބާސާ އިން ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް މުބާރާތް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ.

ބާސާ އާއި ޔުވެންޓަސް ވެސް މި ސީޒަންގައި ތިން ތަށި ހަމަކުރުމަށް ބާލިންގައި މިރޭ ކުޅުނު ފައިނަލަށް ނިކުތް ނަމަވެސް، އެ އުންމީދު ފުރިހަމަކުރީ ޔުވެންޓަސް އިންނެވެ. ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ބާސާ އިން ވަނީ މީގެ ކުރިން މި ސީޒަންގެ ސްޕެއިން ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކޮށްފަ އެވެ. މިއީ ހަ އަހަރުގެ ތެރޭގައި އެއް ސީޒަނެއްގައި ތިން ތަށި ބާސާ އިން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ބާސާ އަންދްރެސް އިނިއެސްޓާ ޕެނަލްޓީ އޭރިޔާ ތެރެއިން ދިން ބޯޅަ ގޯލަށް އަމާޒުކޮށްލައި، މެޗުގެ ހަތަރު ވަނަ މިނިޓުގައި ބާސާ އަށް ލީޑު ހޯދައިދިނީ ކްރޮއޭޝިއާގެ މިޑްފީލްޑަރު އީވާން ރަކިޓިޗް އެވެ.

އެކަމަކު މެޗުގެ 55 ވަނަ މިނިޓުގައި ޔުވެންޓަސް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ރެއާލް މެޑްރިޑްގެ ކުރީގެ ފޯވަޑް އަލްވާރޯ މޮރާޓާ އެެވެ. ޔުވެންޓަސްގެ އާޖެންޓީނާ ފޯވަޑް ކާލޮސް ޓެވޭޒް ފޮނުވާލި ޝޮޓް ބާސާގެ ގޯލްކީޕަރު މާކް އެންޑަ ޓެސްޓާގަން ދިފާއުކުރި ނަމަވެސް، ޓެސްޓާގަންގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ މޮރާޓާ ވަނީ ގޯލަށް އަމާޒުކޮށްލައިފަ އެވެ.

އެކަމަކު ބާސާ އިން އަލުން ލީޑު ނެގީ 68 ވަނަ މިނިޓުގައި ލުއިސް ސުއަރޭޒް ޖެހި ލަނޑުންނެވެ. ބާސާގެ ލިއޮނެލް މެސީ ފޮނުވާލި ބާރު ޝޮޓެއް ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއީޖީ ބުފޯން ދިފާއުކުރި ނަމަވެސް، ބުފޯންގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ ސުއަރޭޒް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ބާސާ އިން އުފެއްދި ކައުންޓާ އެޓޭކަކުން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ބްރެޒިލްގެ ފޯވަޑް ނޭމާ އެވެ.

ބާސާގެ މި ކާމިޔާބީ އެންމެ ހާއްސަވާނީ އެ ޓީމުގެ ކެޕްޓަން ޒަވީއަށެވެ. މިއީ ފައިނަލް މެޗުގެ ދެވަނަ ހާފުގައި ކުޅެންއެރި ޒަވީ ،35، ބާސާ އަށް ކުޅޭ ފަހު މެޗެވެ. މި ސީޒަނަށް ފަހު ބާސާ ދޫކޮށް ގަތަރު އަލް ސާދު އަށް ބަދަލުވާން ޒަވީ ނިންމާފައިވާއިރު، ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމަށް ފަހު އެ ޓީމަށް އަލްވަދާއު ކިއުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.