ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް 46 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަމަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ. އިދކޮޅު ކޯލިޝަން މިހެން ބުނި ނަމަވެސް އެކަމަށް ހަރަދުވާ އަދަދު ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ބްރިޖު ހުޅުވުމަށް ކުރަނީ ކިހާވަރެއްގެ ހަރަދެއްތޯ ނޫސްވެރިން ސުވާލު ކުރުމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެކަމާ ގުޅޭ ގޮތުން ޖަވާބުދެއްވަން ކުރިވަޑައިނުގެންނެވި ކަމަށެވެ.
"ނުރަސްމީ ގޮތެއްގައި ހަވާ އެރުވުމަށާއި ލޭޒަރުގެ އަލިތަކުގެ ކުޅިތަކަށް އެހެން ގޮތަކުން ދަންނަވަނީނަމަ ރައީސް ޔާމީންގެ ކެމްޕެއިނުގެ މަޖަލަށް އަޅުގަނޑުމެންނަށް ނުރަސްމީ ގޮތުން އިވޭ ގޮތުގައި ވަނީނަމަ އެކަމަށް ތިން މިލިއަން ޑޮލަރ އެބަ ހަރަދު ކުރައްވާ، ހަމަ ދުމަށް އަރައިގެންދާ ރައްޔިތުންގެ ފައިސާމީ، ތިން މިލިއަން ޑޮލަރަކީ ރައްޔިތުންގެ އަތުންދާ 46 މިލިއަން ރުފިޔާ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، އިސްރާފުވެގެން ދަނީ 150 އަށްވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ދިނުމަށް ހަރަދުކުރެވޭނެ ފައިސާ ކަމަށާއި ބޮޑު ދެ ރަށެއްގައި ނަރުދަމާ އެޅޭނެ ފައިސާގެ އަދަދު ކަމަށެވެ. އަދި އިސްރާފުވެގެން އެދަނީ 80 އަށްވުރެ ގިނަ ސްކޮލާޝިޕް ދެވޭނެ އަދަދުގެ ފައިސާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
"ހަމައެކަނި ހަވަޔާ ލޭޒަރުގެ ކަންތައްތަކަށް، ގިނިސް ބުކްގެ ފެންވަރުގައި މިތަން ހުޅުވާލަނީއޭ ކިޔާފަ އަޅުގަނޑުމެން މިއަދު އާންމު ރައްޔިތުން މިތިބީ ދުނިޔޭގެ ފެންވަރުގައި ހަމައެކަނި ބްރިޖެއް ހުޅުވާލަނީއޭ ކިޔާފަ މިހެން ތިން މިލިއަން ޑޮލަރު ނުވަތަ 46 މިލިއަން ރުފިޔާ ހަރަދުކޮށްލެވޭ ގޮތަށްތޯ އެއީ އަޅުގަނޑުމެންނަށް ހަމަ ސުވާލު އުފެދޭ ކަމެއް،" މާރިޔާ ވިދާޅުވި އެވެ.
ބްރިޖް ހުޅުވުގެ ހަރަކާތްތަކާއި ގުޅޭ ގޮތުން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖު ހުޅުވުމުގެ ގޮތުން އެންމެ ބޮޑު އެއް ކަމަކަށް ކުރިޔަށް ދާނީ ހަވާ އެރުވުން ކަމަށާއި ރާއްޖޭގައި މިހަތަނަށް އަރުވާފައިވާ ހަވާތަކާ ހިލާފަށް މިރޭ ހަވާ އަރުވާނީ އެކަމުގައި ދުނިޔޭގެ އެންމެ މޮޅު އެއް ކުންފުނިން ކަމަށެވެ. އަދި މި ސަރަހައްދުގައި މިހާތަނަށް ނާރުވާ ފަދަ ކުލަ ގަދަކޮށް މާދަމާ ހަވާ އެރުވުމާއި ލޭޒާ ޝޯ އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ބްރިޖު ހުޅުވުމަށް ފަހު ބަހުގައި ހުޅުލެއަށް ވަކި އަދަދަކަށް މީހުންނަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިރޭގެ ހަރަކާތްތައް ފަހު ކުރިޔަށް އޮތް ހަތް ދުވަހުގައި ވެސް ބްރިޖު ހުޅުވުމުގެ އުފާ އެކި ހަރަކާތްތަކާއެކު ފާހަގަ ކުރުން އޮންނާނެ ކަމަށެވެ. އެގޮތުން މާދަމާ ބްރިޖު މަތީ ކައިވެނި ކުރުން އޮޮންނަ އިރު އަންނަ މަހު އެކަކުން ފެށިގެން ފަހަކާ ހަމަޔަށް ކޮންމެ ދުވަހަކުވެސް ބްރިޖަށް އަރާ ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ ދުވަސްތަކުގެ ތެރޭގައި ތަފާތު އެކި ހަރަކާތްތައް އޮންނާނެ ކަަމަށާއި އެގޮތުން ބައިސްކަލު ބުރު ޖެހުމާއި ރޯޑް ޝޯތަކާއި ޕެރޭޑު އަދި އެފަދަ އެހެނިހެން ހަރަކާތްތައް އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.