ސިނަ މާލެ ބްރިޖް

ބްރިޖްގެ މިލްކްވެރިކަން ހޯދަން އެންމެން ދުއްވައިގެންފި

Aug 31, 2018
23

މާލެ އާއި ހުޅުލެ ގުޅާލުމަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ދިވެހިން ދެކެމުން އައި ބޮޑު ހުވަފެނެކެވެ. އޭގެ ފަހުން މިއަދާ ހަމަޔަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ހުރިހާ ރައީސުންގެ ދުލު ކުރީގައި ވެސް އެ ވާހަކައޮތެވެ. ރައްޔިތުން ބްރިޖްގެ އުންމީދު ދެކެން ފެށީ، ސިޔާސީ ފަރާތްތައް އަބަދުވެސް މި ހުވަފެން ދައްކަމުން ދިޔައިމަ އެވެ. އެކަމަކު އެކަން އޮންނަނީ ހަގީގަތެއް ނެތް، ސިޔާސީ މީހުންގެ ސަޅިބައިސާއެއްގެ ގޮތުގަ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ މިދިޔަ ފަސް އަހަރުގެ ތެރޭގައި މިވަނީ އެ އުންމީދުތައް ހަގީގަތަކަށް ހަދައި ދެއްވައިފަ އެވެ. ކުލަގަދަ ހަފްލާއެއްގައި ބުރިޖް ހުޅުވައި، އެއީ ހަގީގަތަކަށް ނުވާނެ ކަމަށް ބުނަމުން ދިޔަ އެތައް ބަޔަކަށް ރައީސް އަބްދުﷲ ޔާމީން މި ވަނީ ރޭ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ.

ރާއްޖޭގެ ތާރީހު ބަދަލުކޮށްލައި، އިގްތިސާދީ އިންގިލާބެއް ރާއްޖެއަށް ގެންނާނެ، މި ފާލަން ރޭ ހުޅުވިއިރު، ދިވެހިންގެ ހޮޅުއަށި، ޓްވިޓާ އާއި ފޭސްބުކްގައި މިވަނީ ތަފާތުބަހުސެއް ފަށައިފަ އެވެ. މިއީ "ތިމަންނާގެ މަސައްކަތޭ" ކިޔާ ބްރިޖްގެ މިލްކުވެރިކަމާ މެދު ހިފައި މި ވަނީ ދަމަން ފަށައިފަ އެވެ. ބްރިޖްގެ އެޅުމުގެ ކްރެޑިޓް ނޫނީ މިލްކްވެރިކަން ލިބިގަތުމުގެ ބަހުސް ފަށައި ގަތީ ނުހަނު އަވަހަށެވެ. އެ ބަހުސް މިއަދުވެސް އެގޮތުގައި އެބަ އޮތެވެ.

ހަގީގަތަކީ ބްރިޖުގެ ވާހަކައިގެ އެންމެ ބޮޑު ކްރެޑިޓެއް އާންމުން ދެނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ލޮލަށް ފެންނަ ވަރު ކޮށްދެއްވި ރައީސް އަބްދުﷲ ޔާމީންއަށެވެ. އެއީ ޕީޕީއެމްއިން ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ވޯޓު ހޯދަން އެންމެ ގަދައަށް ދައްކާ ހުއްޖަތެވެ. ހާއްސަކޮށް ބްރިޖު ހުޅުވާ މި ދުވަސްކޮޅުގައި އެންމެ "އަޑު ގަދަވެފައި" މިވަނީ ބްރިޖާއި ރައީސް ޔާމީންގެ ވާހަކަތަކެވެ. ހަގީގަތުގައި ވެސް ރައީސް ޔާމީންއަށް ބްރިޖް އެޅުމުގެ ކްރިޑިޓް ހައްގެވެ.

"މިވަރުގެ މަސައްކަތެއް ނިންމާލެވުނު ވެރިއަކު ރައީސް ޔާމީން ނޫން ބޭފުޅަކު ނެތް. މީގެ ކުރިން އެންމެން ވެސް ދެއްކީ ވާހަކަ. އެކަން ހަގީގަތަކަށް ނުހެދުނު. އެންމެންނަށް ވެސް ވާހަކަ ދެއްކިދާނެ. އެކަމަކު ރައީސް ޔާމީންގެ މޭސްތިރިކަމުގައި މިކަން ހަގީގަތަކަށް މިވީ. އެހެން، އެއްވެސް މީހަކަށް އޭގެ ކްރިިޑިޓް އަހަންނެއް ނުދޭނަން،" ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި އަބްދުއްރައްޒާގު ބުންޏެވެ.

ބްރިޖްގެ މިލްކްވެރިކަމުގެ ބަހުސް ފެށުމާ އެކު، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވަނީ ހަަޖަމް ވިޔަސް ނުވިޔަސް އެ އޮތީ ބްރިޖް ނިންމައި ރައީސް ޔާމީން ހުޅުއްވާފައި ކަމަށެވެ. ބަޔަކު ހަގީގަތް އޮޅުވާލަން ކިތަންމެ މަސައްކަތެއް
ކުރިޔަސް، އެކަމަށް ފައިސާ ހޯދީ ވެސް، މަސައްކަތް ފެށީ ވެސް އަދި މަސައްކަތް ނިންމީ ވެސް ރައީސް އަބްދުއްﷲ ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއީ ރައީސް ޔާމީންގެ ބުރަ މަސައްކަތް. މި ހަގީގަތް އޮޅުވައެއް ނުލެވޭނެ. ރައީސް ޔާމީން ވަރުގެ ވިޝަނަރީ ލީޑަރެއް ނުދެކެން. މި ހަގީގަތް އޮޅުވާ ނުލެވޭނެ،" އަބްދުއްރަހީމް ހިޔާލުފާޅުކުރެއްވި އެވެ.

ބްރިޖްގެ މިލްކްވެރިކަމުގެ ބަހުސްގެ ހުޅުގަނޑުފަޅައިގެން ދިޔައީ، ރައީސް ވަހީދު ވެސް ބްރިޖްގެ މަސައްކަތުގެ ކްރިޑީޓް ނެންގެވުމުން އަވަސްވެ ގަތުމާ އެކު އެވެ. ރައީސް ވަހީދު އެމަނިކުފާނުގެ ހިޔާލު ސޯޝަލް މީޑިއާއަށް ދޫކޮށްލައްވަމުން، ވިދާޅުވާ ގޮތުން ބްރިޖަކީ ރައީސް ނަޝީދުގެ ތަސައްވަރެކެވެ. ނަމަވެސް ހުރިހާ ތައުރީފު ހައްގީ ރައީސް ޔާމީންއަށް ކަމަށް އެމަނިކުފާނު ވެސް ވިދާޅުވެ އެވެ. އަދި ތާރީހީ ޕްރޮޖެކްޓްގެ ފުރަތަމަ މަތީ ފެންވަރުގެ މަޝްވަރާތައް ޗައިނާގެ ޕްރިމިއާ ވެން ޖިއާބޯއާއެކު ކުރެއްވީ ރައީސް ވަހީދު ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ. އެހެންވީމާ، ރައީސް ވަހީދު ވިދާޅުވާ ގޮތުން، ބްރިޖްގެ ފުރަތަމަ މަޝްވަރާތައް ޗައިނާއާ އެކު ފެއްޓެވީ އެމަނިކުފާނެވެ. އެކަމަކު އެއީ އަދި މުޅިން އާ މީގެ ކުރިން ނީވޭ ވާހަކަ އެކެވެ.

ބްރިޖްގެ ކްރިޑިޓް ނެގުމަށް ދެން އެންމެ އަވަސްވެ ވަޑައިގަތީ، ބޮޑެތި ޖިނާއީ ކުށްތަކެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އެމަނިކުފާނާ އެންމެ އަރިސްކޮށް އުޅުއްވި ރައީސް ޔާމީންގެ ކުރީގެ ނައިބު ރައީސް އަހުމަަދު އަދީބު ގެވަކީލުން މެދުވެރިކޮށް ނެރުނު، ބަޔާނުގައިވާ ގޮތުން ބްރިޖްގެ މަސައްކަތުގެ ހުރިހާ ތައުރީފު ހައްގީ ކުރީގެ ރައިސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމް އާއި މުހައްމަދު ނަޝީދު އަދި ޑރ. މުހައްމަދު ވަަހީދަށެވެ. ރައީސް ޔާމީންއަށް ކްރިޑިޓް ނުދެއްވާ އަދީބު ވިދާޅުވަނީ މި ސަރުކާރުގައި ބްރިޖްގެ މަސައްކަތުގެ މޭސްތިރި އަކީ އޭނާ ކަމަށެވެ.

އެކަމަކު ރައީސް ވަހީދުގެ، ތައުރީފްގެ ލިސްޓްގައި އަދީބުގެ ނަމެއް ނުހިމަނުއްވަ އެވެ. އަދި ރައީސް މައުމޫންގެ ނަމެއް ވެސް ނުހިމަނުއްވަ އެވެ. އެއާ އެކު މައުމޫންގެ ފަރާތްތަކުގެ ރުޅިގަނޑު ފަޅައިގެން ދިޔަ އެވެ. މައުމޫންގެ ސިޔާސީ ހަރަކާތް އެމްއާރުއެމްގައި އިސްކޮށް އުޅުއްވާ، އައިމިނަތު ނާދިރާ ވިދާޅުވަނީ، ރައީސް ވަހީދަށް ބްރިޖްގެ ހިޔާލު އުފެދިގެން އައި ގޮތް އެނގިވަޑައިގެންފައިވެސް ނެތް ކަމަށެވެ. ނާދިރާ ވިދާޅުވާ ގޮތުގައި، 1990 ވަނަ އަހަރުތަކުގެ ތެރޭގައި ހުޅުމާލޭގެ ޕްލޭން ކުރިއިރު ވެސް ހުޅުމާލެ މާލެއާ ގުޅާލައި އެހެން ރަށްތައް ގުޅާލުމުގެ ކުރުހެއް ވެސް ވަނީ ކުރަހާފައި ކަމަށެވެ. ބްރިޖްގެ ހަރަދާއި އެހެންވެސް ދިރާސާތައް ކުރެއްވީ ރައީސް މައުމޫން ކަމަށް ނާދިރާ ވިދާޅުވި އެވެ. ކޮންމެއަސް، އެމްއާރުއެމްގެ ފިކުރާއި އެ ހަރަކާތުގެ ބޭފުޅުންނަށް ބްރިޖްގެ ކްރިޑިޓްގެ ބޮޑު ބައެއް ހާއްސަ ކުރަނީ، ޖަލުގައި އޮންނަވަން ޖެހިވަޑައިގެންފައިވާ ރައީސް މައުމޫންއަށެވެ.

"ޑރ. ވަހީދަށް ނޭންގިދާނެ. ޕީޕީއެމްގެ މެނިފެސްޓީ ހެއްދެވީ ފާރިސް އާއި ރައީސް މައުމޫން. ބްރިޖްގެ ކަންކަން މެނިފެސްޓޯގައި ހިމެނުއްވީ ވެސް އެބޭފުޅުން. ހުޅުމާލެ ތަރައްގީގެ ޕްލޭނާ އެކު ބްރިޖްގެ ތަސައްވަރު ފުރަތަމަ ކުރެއްވީ ރައީސް މައުމޫން،" ނާދިރާ ވިދާޅުވެފައިވެ އެވެ.

ބްރިޖްގެ ވާހަކަތަކުގެ ތާރީހުގެ ތެރެއަށް ވަންނައިރު، އެންމެ ފުރަތަމަ ވެސް ރިޔާސީ މެނިފެސްޓޯއެއްގައި ބްރިޖްގެ ވާހަކަ ހިމެނުއްވީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން އެވެ. އެމަނިކުފާނުގެ މެނިފެސްޓޯގައި ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ ޑިޒައިނެއް ވެސް ހިމެނުއްވި އެވެ. ނަމަވެސް އެ، "ސައިންސަކީ ކޮންތަނަކުން ހޯދާއެއްޗެއްތޯއޭ؟" ވިދާޅުވެ އެކަމަށް އޭރު ރައީސް ނަޝީދު މައުމޫންއަށް ގޮންޖެއްސެވި އެވެ. ނަމަވެސް، ވެރިކަމަށް ވަޑައިގެން 2011 ވަނަ އަހަރު ރައީސް ނަޝީދު ވަނީ ބްރިޖެއް ގާއިމް ކުރުމުގެ ތަސައްވަރެއް ގެންގުޅުއްވައިފަ އެވެ. ކަރުދާހުގައި ކަންތައްތަކެއް ލިޔުމުގެ އިތުރަށް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނެތެވެ.

މިއީ ރައީސް ޔާމީންގެ ބުރަ މަސައްކަތް. މި ހަގީގަތް އޮޅުވައެއް ނުލެވޭނެ. ރައީސް ޔާމީން ވަރުގެ ވިޝަނަރީ ލީޑަރެއް ނުދެކެން
އަބްދުއްރަހީމް އަބްދުﷲ - ޕީޕީއެމްގެ ނައިބު ރައީސް

ހަގީގަތަކީ، ބްރިޖްގެ މުޅިން އާ ޑިޒައިން އާއި ކޮންސެޕްޓުގެ މަސައްކަތް ފަށައި ނިންމާލީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. ބޮޑެތި ރާޅުތައް ނަގަމުން އައި ރާޅުގަނޑުގައި ސާވޭތައް ހަދައި ބްރިޖާ ގުޅޭ ބިޑިން އާއި އެއްބަސްވުންތައް ހަދާފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. ރައީސް ޔާމީންއަށް ވެރިކަން ލިބިވަޑައިގަތް ހިސާބުން، 2015 ވަނަ އަހަރުން ފެށިގެން ޗައިނާގެ ޓީމުތަކުން އައީ ރާއްޖޭގައި ދިރާސާތައް ހަދަމުން އެވެ. ބްރިޖުގެ އަމަލީ މަސައްކަތްތައް 2016 ވަނަ އަހަރު ޖަނަވަރީ މަހުގައި ފެށީ، ޗައިނާގެ ރައީސް ޝީޖިންޕިން ރައީސް ޔާމީންގެ ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެކަމަށް ބޭނުންވާ 200 އެއްހާ މިލިއަން ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދެއްވުމަށް ސޮއި ކުރި އެގްރިމަންޓާ އެކު އެވެ. ކޮންމެ އަކަސް ބްރިޖްގެ ބޮޑު ކުރިޑިޓެއް އެމަނިކުފާނަށް ހައްގުވާނެ އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވަނީ، މިއޮށް ހުރިހާ ދުވަހު އެންމެން ވެސް ވައުދުވީ ބްރިޖް އަޅައިދޭން ކަމަށެވެ. ފުރުސަތު ލިބިވެސް އެއްވެސް ވެރިއަކަމަށް އެކަމެއް ނުކުރެއްވުނެވެ. އެކަމަކު ރައީސް ޔާމީން މި ވަނީ ވައުދު ފުއްދަވައިފަ އެވެ. ފުންމާސިންގާ ގަނޑުގެ މެދުގައި ދަމާލެވޭ ބްރިޖެއް އެޅިދާނެ ކަމަށް މީގެ ކުރިން ގަބޫލުނުކޮށް ތިބި އެތައް ބަޔަކައި ޗެލެންޖް ކުރައްވާ ރައީސް ޔާމީން އެ މަސައްކަތް ކާމިޔާބު ކަމާ އެކު ނިންމަވާލަ ދެއްވި ކަން އެއީ ދޮގު ނުކުރެވޭނެ ހަގީގަތެއް ކަމަށް ނިހާން ވިދާޅުވެ އެވެ.

"ސެޕްޓެމްބަރު 23 ގައި ވޯޓްލާން ނިކުންނަ އިރު މިއީ ހަނދާނުގައި ބަހައްޓަން ޖެހޭ ކަމެއް. ބްރިޖަށް ފައިސާ ހޯދައި އެ މަސައްކަތް ކޮށް އެ މަސައްކަތް ނިންމާލީ ކޮން ބޭފުޅެއްތޯ ހަނދާން ކުރަން ޖެހޭ. ދެން އޮތީ ވިލިމާލެ-މާލެ ބްރިޖް. އެކަން ކުރުމަށް ރައީސް ޔާމީންއަށް ވޯޓް ދޭން އެބަ ޖެހޭ. އެމަނިކުފާނު މި ވަނީ އެ މަސައްކަތް ކުރެވޭނެކަން އަމަލީގޮތުން ސާބިތުކޮށްދެއްވާފައި،" ނިހާން ވިދާޅުވެ އެވެ.

ސިޔާސީ ވިސްނުމުގައި ކޮންމެ ބަޔަކު ވެސް ބްރިޖްގެ މިލްކުވެރިކަން އެބަޔަކު ހިތުހުރި ގޮތަކަށް ސާބިތު ކުރަމުން އަންނަ އިރު ބޮޑު މަންޒަރު އޮތީ އެވާހަތަކާ ދުރުގަ އެވެ. ރައީސް ޔާމީން ފަތުރާލެއްވި މި ބްރިޖާ އެކު ޔަގީނުން ވެސް ރާއްޖެ މި އަލިވިލެނީ، ތަރައްގީގެ އާ ޒަމާނަކަށެވެ. އެ ބްރިޖް އަހަރުމެންނަށް ގެނެސްދެނީ އުންމީދުތަކެވެ. ފަސޭހަ ދަތުރުފަތުރެވެ. ފަހި ވިޔަފާރި އެވެ. އަދި ގެދޮރުވެރިކަމާއި ތޮއްޖެހުމަށް ނިމުން އައިސް އެކަން ހައްލުވާނެ ކަމުގެ އުންމީދެކެވެ. ރައީސް ޔާމީން ރޭ ތަގުރީރުގައި ވިދާޅުވި ގޮތަށް ރާއްޖެ މި ހުރަސްކުރަނީ، އުންމީދުގެ ބްރިޖަކުން ތަރައްގީގެ އާ ޒަމާނަކަށެވެ.