ހަބަރު

ބްރިޖާ ގުޅިގެން ރައީސް ވަހީދުގެ ތައުރީފް ޔާމީނާއި ނަޝީދަށް

މާލެ އާއި ހުޅުލެ ގުޅުވައިދޭ ތާރީހީ ބްރިޖު، ސިނަމާލެ ބްރިޖަކީ ހަގީގަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތަސައްވުރެއް ކަމަށާއި އެކަން ތަންފީޒު ކުރެއްވީ ރައީސް ޔާމީންއަށް ހުރިހާ ކްރިޑިޓެއް ހައްގުކަމަށް، އެމަނިކުފާނުގެ ނައިބު ރައީސްކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާ ސަރުކާރުގެ އެހީއާއެކު އަޅާފައިވާ ބްރިޖު މިރޭ ހުޅުވާނެ އެވެ. ބްރިޖު ހުޅުވުމުގެ މުނާސަބަތުގައި ހަތް ދުވަސް ވަންދެން އުފާ ފާޅުކުރަން ވަނީ ނިންމާފަ އެވެ. ބްރިޖު ދިއްލާލުމާއެކު ބްރިޖުގެ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްއެތައް ބަޔަކު ޝުއޫރު ފާޅުކުރަން ފަށައިފަ އެވެ.

އެފަދަ ފޮޓޯއަކާއެކު ރައީސް ވަހީދު މިއަދު ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ބްރިޖުގެ ހަގީގީ ތަސައްވުރަކީ ރައީސް ނަޝީދުގެ ތަސައްވުރެއް ކަމަށެވެ. ތާރީހީ ޕްރޮޖެކްޓްގެ ފުރަތަމަ މަތީ ފެންވަރުގެ މަޝްވަރާތައް ޗައިނާގެ ޕްރިމިއާ ވެން ޖިއާބޯއާއެކު ކުރައްވަން އޭނާއަށް ލިބުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވި ގޮތުގައި ބްރިޖު މަޝްރޫއު އަސްލަކަށް ހެދުމުގެ ހުރިހާ ތައުރީފެއް ހައްގީ މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށެވެ. ޗައިނާގެ ރައީސް ޝީޖިންޕިންގްއަށް ވެސް ރައީސް ވަހީދުގެ ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖެއިން ކުރިން ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ރަޝީދާއި މިހާރުގެ ސަފީރު ފައިސަލްގެ ނަން ވެސް ޝުކުރުގެ ލިސްޓްގައި ވަހީދު ފާހަގަކުރެއްވި އެވެ.

ބްރިޖު ހުޅުވުމުގެ ތާރީހީ ވަގުތަކީ މުޅި ދިވެހިރާއްޖެ އުފަލާއެކު ފާހަގަކުރަން ޖެހޭ ކަމެއް ކަމަށާއި އަދި އެއީ މާތްﷲއަށް ޝުކުރު ވެސް އަދާ ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.