ހަބަރު

ބްރިޖު ހުޅުވި ހަފުލާގައި އެމްޑީޕީގެ ދެ އެމްޕީއިން ބައިވެރިވެއްޖެ

ހުޅުލެ އާއި މާލެ ގުޅުވައިދޭ ބްރިޖު، ސިނަމާލެ ބްރިޖް ހުޅުވުމަށް މިރޭ ބޭއްވާ ހާއްސަ ޖަލްސާގައި މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފާއި ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު ބައިވެރިވެވަޑައިގެންފި އެވެ.

ދެ ބޭފުޅުން މިރޭގެ ޖަލްސާގައި ތިއްބަވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ވަނީ ޓްވީޓް ކުރައްވާފަ އެވެ. ދެ ބޭފުޅުންގެ ފޮޓޯއާއެކު ނިހާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސް ޔާމީންގެ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ކާމިޔާބީގައި ބައިވެރިވެވަޑައުގަތުމަށް މިނިސްޓަރު މުއިއްޒުގެ ދައުވަތުފުޅު ގަބޫލުކުރައްވައި މެންބަރު ނާޝިދު އާއި ޝަރީފް ޖަލްސާއަށް ވަދައިގެންނެވުމުން އުފާކުރައްވާ ކަމަށެވެ.

މިރޭގެ ހަފުލާގެ ހާއްސަ ދައުވަތު ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހުރިހާ މެންބަރުންނަށް އަރުވާފަ އެވެ. އެ ދައުވަތު އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ މަޖިލިސް މެންބަރުންނަށް ވެސް އެރުވި އެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން މިނިސްޓަރު މުއިޒް ފޮނުއްވި މި ދައުވަތު ގަބޫލުކުރައްވައި މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައިވަނީ އިދިކޮޅު މަޖިލިސް މެންބަރުންގެ ތެރެއިން މެންބަރު ނާޝިދާއި ޝަރީފް އެކަންޏެވެ.

މިރޭގެ ޖަލްސާގެ ދައުވަތު އަރުވާފައިވާ ބޭފުޅުންގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ފައިސަލް ނަސީމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އިބޫ މިވަގުތު ހުންނެވީ ވެސް މާލޭގަ އެވެ. އެހެން ނަމަވެސް ޖަލްސާގައި އިބޫވެސް ބައިވެރިވަވަޑައެއް ނުގަންނަވަ އެވެ.