ސާފް ސުޒުކީ ކަޕް

އުމޭރަށް ސާފްގައި ނުކުޅެވެނީ އަނިޔާއާ ކުރިމަތިވެގެން

ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އުމޭރުއަށް އަނިޔާވެ، އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެވޭނެ އެވެ.

އުމޭރުއަށް އަނިޔާވީ، ގަތަރުގެ ދެ ވަނަ ޑިވިޝަން ކުލަބު އަލް މަރްހިއްޔާއާ ދެކޮޅަށް ގައުމީ ކުޅުނު މެޗުގަ އެވެ. އޭނާގެ އުކުޅުވަޅަށް ލިބުނު އަނިޔާއާ ގުޅިގެން، ޓީމުގެ ޑޮކްޓަރު އަބްދު ރާފިއުގެ ބެލުމުގެ ދަށުން އޭނާ ރިކަވަރީ ޕްރޮގްރާމް ކުރިއަށް ގެންދިޔަ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ، ގައުމީ ޓީމުގެ ކުޅުންތެރިންގެ މެދުގައި ކުޅުނު މެޗުގައި، އަނިޔާއާ ހެދި އުމޭރަށް އެންމެ އެދެވޭ ގޮތުގައި ކުޅެވޭ ގޮތެއް ނުވި އެވެ. މިދިޔަ މަހު، ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީގެ ކަުލަށް އަނިޔާވި ނަމަވެސް، މިހާރު އޭނާ ވަނީ މުޅިން ފިޓް ވެފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ގަވާއިދުގައި ވާގޮތުން، ގައުމީ ޓީމުގައި ލިސްޓް ކުރެވޭނީ 20 ކުޅުންތެރިންނަށެވެ. އެއީ ތިން ގޯލްކީޕަރުން ހިމނައިގެންނެވެ. ރާއްޖޭގެ ފައިނަލު ސްކޮޑް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

ގަތަރު މަގުން، މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝްއާ ގައުމީ ޓީމު ދާނީ މާދަމާ އެވެ. މުބާރާތުގެ ކުރިން، ޕާކިސްތާނާ ދެކޮޅަށް ކުޅެން ހަމަޖެއްސި އެކުވެރި ކަމުގެ މެޗު ވަނީ ކެންސަލް ވެފަ އެވެ.

މުބާރާތުގައި ރާއްޖެ ހިމެނެނީ، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ލަންކާ އާއެކު ގުރޫޕް "ބީ" ގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވހު ނިކުންނާނީ ލަންކާ އާ ދެކޮޅަށެވެ. އިންޑިއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ސެޕްޓެމްބަރު މަހު ނުވަ ވަނަ ދުވަހު އެވެ.